23 ޑިސެމްބަރ 2017 - 06:44

ކެޓުރީނާ ކައިފް އަކީ ބޮލީވުޑްގައި މިހާރު މަސައްކަތް ކުރާ އެންމެ ރީތި ބަތަލާއިންގެ ތެރޭގައި ހިމެނޭ އެކެކެވެ. ކެޓުރީނާގެ ލޯބީގެ ހަޔާތުގައި ވެސް އޭނާގެ ފިލްމުތައް ފަދައިން ވަރަށް ގިނަ އުފަލާއި ހިތާމައިގެ ދުވަސްތައް ހޭދަކޮށްފި އެވެ. ފިލްމު ކުޅެން ފެށިތާ ކުރީކޮޅު ކެޓުރީނާ ވަނީ ސަލްމާން ޚާނާ ރައްޓެހިވެގެން ގިނަ ދުވަސްތަކަކު އުޅެފަ އެވެ. ސަލްމާނާ ރުޅިވީ ރަންބީރު ކަޕޫރު ދެކެ ލޯބިވެގެންނެވެ. ހަތް އަހަރަށް ވުރެ އެ ގުޅުން ނިމުނީ އެވެ.
ހަޔާތުގައި ޚާއްސަ މީހެއް ނެތުމާ ގުޅޭ ގޮތުން ދާދި ފަހުން ކެޓުރީނާ ވަނީ ވަރަށް ތަފްސީލުކޮށް ވާހަކަ ދައްކާފަ އެވެ.
"ލޯތްބަކީ ހިތަށް ވަރަށް ބޮޑު ހަމަޖެހުމެއް ގެނެސްދޭ ހިތްގައިމު އިހްސާސެއް. އެއީ ފުރާނައިގެ ކާނާ،" އޭނާ ބުންޏެވެ.
"ހަޔާތުގެ އެކި ހިސާބުގައި އެކި ގޮތަށް އެކި ސިފަސިފައިގައި ލޯބި ލިބޭ. ކޮންމެހެން އެއީ ވަކި މީހެއްގެ ފަރާތުން ލިބޭ ލޯތްބަކަށް ވާކަށް ނުޖެހޭ. ލޯބި ލިބޭ ވަގުތު ޖެހުނީމަ އެކަން ވެސް ވާނެ ކަމަށް އަހަރެން ގަބޫލުކުރަނީ."
ކެޓުރީނާ ބުނީ އޭނާ ހިތާމަކުރާ އެއްވެސް ކަމެއް ނެތް ކަމަށެވެ. މާޒީ ހަނދާންކޮށްފައި ހިތާމަކުރުމަކީ ބޭކާރު ކަމެއް ކަމަށް ގަބޫލުކުރެ އެވެ. އަދި ކެރިއަރުގައި ހާސިލު ކުރެވިފައިވާ މަގާމުތަކާ މެދު އޭނާ ހިތްހަމަޖެހި، ހެއްދެވި ފަރާތަކަށް ޝުކުރު އަދާކުރެ އެވެ.
އޭނާ ބުނީ ކުރިމަގުގައި ވެސް ފިލްމެއް ހޯދަން މީހުން ކައިރިން އާދޭސްކޮށް ފަހަތުން ނުދުވާނެ ކަމަށެވެ.
"ލިބުނު އެއްޗެއް ބޭނުންކުރާނީ،" ކެޓުރީނާ ބުންޏެވެ.
އޭނާގެ ކާމިޔާބުގެ ސިއްރެއް ކަމަށް ދެކެނީ ރަނގަޅު ފިލްމުތަކެއް އަދި ރަނގަޅު ވަގުތުތަކުގައި ޚިޔާރު ކުރުމެވެ. ކެޓުރީނާ އަކީ އެކްޓިންގެ ރޮނގުން އެންމެ ހުނަރުވެރި ބަތަލާއިންގެ ލިސްޓުގައި ހިމެނޭ އެކްޓަރެއް ނޫން ނަމަވެސް އޭނާގެ ވަރަށް ގިނަ ފިލްމުތައް ވަރަށް ކާމިޔާބެވެ.
މިހާރު ކެޓުރީނާ ތައްޔާރުވަނީ ސަލްމާނާ އެކު ކުޅެފައިވާ "ޓައިގާ ޒިންދާ ހޭ" ރިލީޒްކުރުމަށެވެ. އެ ފިލްމު އަޅުވާނީ ޑިސެމްބަރު 22 ގަ އެވެ.