21 ޑިސެމްބަރ 2017 - 10:40

ޔަމަނަށް ބޭނުންވާ އިންސާނީ އެހީތެރިކަމުގެ ސާމާނު އެތެރެ ކުރުމަށްޓަކައި، ރަތްކަނޑުގައި އޮންނަ ޔަމަންގެ ހުދައިދާ ބަނދަރު ސައޫދީ އަރަބިއްޔާ އިން އެއް މަސްދުވަހަށް ހުޅުވައިދީފި އެވެ.
ސައޫދީ އާއި ގުޅިފައިވާ އިސްލާމީ ލަޝްކަރުން ހުދައިދާގެ ބަނދަރު މި ހުޅުވައިދިނީ، ޔަމަނަށް ބޭނުންވާ އިންސާނީ އެހީތެރިކަމުގެ ސާމާނު އެތެރެ ކުރުމަށް ޔަމަންގެ ބަނދަރުތައް ސައޫދީން ހުޅުވައިނުދީގެން ވިލާތުގެ ގައުމުތަކުންނާއި އެމެރިކާ އިން ސައޫދީ އަށް ވަރަށް ބޮޑަށް ފާޑު ކިޔަން ފެށި ފަހުންނެވެ.
ހުދައިދާގެ ބަނދަރު ހޫތީންގެ ބާރުގެ ދަށުގައި އޮތް އިރު، ގުޅިފައިވާ ލަޝްކަރުން ވަނީ އެ ބަނދަރު ހިސޯރުކޮށްފަ އެވެ. އެހެންކަމުން އެ ބަނދަރުން އެއްވެސް އެއްޗެއް އެތެރެކޮށް ބޭރުކުރުމުގެ މަގު ވަނީ ބަންދުވެފަ އެވެ.
ސައޫދީ އަރަބިއްޔާގެ ޚާރިޖިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި ހުދައިދާގެ ބަނދަރަށް ވަދެވޭނީ ވިޔަފާރި މުދާ ހިފައިގެން އަންނަ އާގުބޯޓުފަހަރަށާއި ތެޔޮ އުފުލާ ބޯޓުފަހަރަށާއި ކާބޯތަކެއްޗާއި ބޭސްފަރުވާގެ ސާމާނު ގެންނަ ބޯޓުފަހަރަށެވެ.
ޔަމަނަށް އަތް ގަދަކޮށްގެން އުޅުނު ހޫތީ ހަނގުރާމަވެރިންނާ ދެކޮޅަށް ސައޫދީ އަރަބިއްޔާ އިސްވެ އެކުލަވައިލި ލަޝްކަރުގައި 10 ގައުމަކުން ބައިވެރި، ހޫތީންނާ ދެކޮޅަށް ދަނީ ހަނގުރާމަ ކުރަމުންނެވެ. ހޫތީން ވަކި ވެރިކަމެއް އިއުލާން ކޮށްފައިވާ އިރު، ބައިނަލްއަގުވާމީ މުޖްތަމައުން ބަލައިގެންފައި ވަނީ، އަބްދު ރައްބޫ މަންސޫރުގެ ރައީސްކަމުގައި އެކުލަވާލާފައިވާ ސަރުކާރެވެ. ސައޫދީ އަރަބިއްޔާގެ ކޯލިޝަން ލަޝްކަރުން ހަނގުރާމަ ކުރަމުންދަނީ އަބްދު ރައްބޫ މަންސޫރުގެ ސަރުކާރުގެ ދިފާއުގަ އެވެ.
ގުޅިފައިވާ ލަޝްކަރުން ޔަމަންގެ ބަނދަރުތައް ބަންދުކުރީ ހުސްވި ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހު އެވެ. އެއީ ހޫތީންނަށް ހަތިޔާރު ހިފައިގެން އަންނަ އުޅަނދުތައް ޔަމަނަށް އެތެރެވުން ހުއްޓުވުމުގެ ގޮތުންނެވެ. ސައުދީން ބުނި ގޮތުގައި ހޫތީންނަށް ހަނގުރާމަވެރި ހަތިޔާރުތައް ހިފައިގެން އަންނަ ބޯޓުތަކަށް ޔަމަނަށް ވަދެވެނީ، ކަނޑު ބޯޓުފަހަރު ބަލައި ފާސްކުރުމަށް އދ. އިން ހިންގާ ހަރަކާތްތަކުގެ ދޯދިޔާކަމުގެ ސަބަބުންނެވެ.
ސައޫދީން ޔަމަންގެ ހުދައިދާ ބަނދަރު ހިސޯރު ކޮށްފައިވާ އިރު، ހޫތީ ހަނގުރާމަވެރިން ދަނީ ދޭތެރެ ދޭތެރެ އިން ސައޫދީ އަށް މިސައިލް ހަމަލާތައް ދެމުންނެވެ. އެންމެ ފަހުން މިދިޔަ އަންގާރަ ދުވަހު ހޫތީން ފޮނުވައިލި މިސައިލެއް ސައޫދީގެ ރިޔާޒް އަށް ފޯރުމުގެ ކުރިން ސައުދީ ސިފަައިން ވަނީ އެ މިސައިލް ވައިގެ ތެރެއަށް ގޮއްވާލައިފަ އެވެ.
އެމެރިކާ އާއި ސައޫދީ އަރަބިއްޔާ އިން ތުހުމަތުކުރާ ގޮތުގައި ސައޫދީ އަރަބިއްޔާ އަށް ހަމަލާ ދިނުމަށް ހޫތީން ބޭނުންކުރާ ހަތިޔާރުތަކަކީ އީރާންގައި އުފައްދާފައި ހުރި އެއްޗިއްސެވެ. ނަމަވެސް ހޫތީންނަށް ހަތިޔާރު ފޯރުކޮށްދޭ ކަމަށް އީރާނުން އިންކާރު ކުރެ އެވެ.