ނޮޅިވަރަމުން ގެއްލުނު މީހާ ހޭނެތިފައި އޮއްވައި ފެނިއްޖެ
ނޮޅިވަރަމުން ގެއްލުނު މީހާ ހޭނެތިފައި އޮއްވައި ފެނިއްޖެ

ހދ. ނޮޅިވަރަމުން އިއްޔެ ގެއްލިގެން ހޯދަމުން ދިޔަ އަންހެން މީހާ ވަލުތެރޭގައި ހޭނެތިފައި އޮއްވައި މިއަދު ފެނިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މޫދަށް ދިޔަ ގޮތަށް ޚަބަރެއް ނުވި 41، އަހަރުގެ އެއަންހެން މީހާ ފެނުނީ، އެ ރަށުގެ ބޮޑު މަގާ ދިމާލު ވަލުތެރެއިން ކަމަށެވެ. ފެނުނު އިރު އޭނާ ހޭނެތިފައި އޮތުމުން، ނޮޅިވަރަމް ސިއްހީ މަރުކަޒުގައި ފަރުވާދެމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އެރަށު ކައުންސިލް މެމްބަރު އަހުމަދު ރަޝީދު އާދަމް ވިދާޅުވީ އަންހެން މީހާގެ ހާލު ރަނގަޅު ކަމަށާއި ބޮޑަށް ގަބޫލު ކުރެވެނީ ނަފްސާނީ މައްސަލައެއްގެ ސަބަބުން ދިމާވި ކަމެއް ކަމަށެވެ.

"ސީދާ ވީ ގޮތެއް އަދި ނޭނގެ. ބޮޑަށް ގަބޫލުކުރެވެނީ މައިންޑް ސްޓޭބަލް ނުވެގެން ދިމާވި ކަމެއް ކަމަށް. މީގެ ކުރިންވެސް އޭނާ ގަބުވުން ފަދަ ނަފްސާނީ މައްސަލަތައް ދިމާވެފައި އެބަހުރި." އަހުމަދު ވިދާޅުވި އެވެ.

އަންހެން މީހާ ގެއްލުނީ އިއްޔެ މޫދަށް ދިޔަ ފަހުން ކަމަށް އާއިލާއިން ރިޕޯޓް ކުރުމުން ސިފައިން ވަނީ ފީނައިގެން ބޮޑު ސަރަހައްދެއް ބަލާފަ އެވެ.

ކައުންސިލުން ބުނިގޮތުގައި ނަފުސާނީ ބައްޔަށް އެ އަންހެން މީހާ ބޭސްކުރާތާ ގާތްގަނޑަކަށް ތިން މަސް ވެއްޖެ އެވެ. މާލޭގައި ބޭސްކުރުމަށް ފަހު އޭނާ ރަށަށް ދިޔައީ މިދިޔަ ހަފުތާގަ އެވެ. ކައިވެންޏެއް ކޮށްގެން އުޅޭ މި އަންހެން މީހާގެ ދެ ކުދިން އެބަ ތިއްބެވެ.