ގަރޭރޯގެ އަދަބު ލުއިކޮށްދީފި، ވޯލްޑް ކަޕްގައި ކުޅެވޭނެ
ގަރޭރޯގެ އަދަބު ލުއިކޮށްދީފި، ވޯލްޑް ކަޕްގައި ކުޅެވޭނެ

ޒިއުރިކް، ސްވިޒަލެންޑް (ޑިސެމްބަރު 21) - މަނާބޭހަށް ޕޮޒިޓިވް ވުމުން އެއް އަހަރަށް ސަސްޕެންޑްކުރި ޕެރޫގެ ފޯވާޑް ޕައޮލޯ ގަރޭރޯގެ އަދަބު ފީފާއިން ލުއިކޮށްދިނުމުން އަންނަ އަހަރު ރަޝިއާގައި ބާއްވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ކުޅުމުގެ ފުރުސަތު އޭނާ އަށް ލިބިއްޖެ އެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި މިދިޔަ އޮކްޓޫބަރު މަހު އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުގައި ގަރާރޯ މަނާ ބޭސް ބޭންކުރިކަން ސާބިތުވުމުން ފީފާއިން މިދިޔަ މަހު ތިން ވަނަ ދުވަހު ނިންމީ އޭނާ އެއް އަހަރަށް ސަސްޕެންޑް ކުރުމަށެވެ.

ގަރޭރޯ އެ މައްސަލަ އެޕީލް ކުރުމުން ފީފާއިން ވަނީ އަދަބު ލުއިކޮށްދީ ހަ މަހުގެ ސަސްޕެންޝަނަކަށް ބަދަލުކޮށްފަ އެވެ. މިއާ އެކު އޭނާގެ ސަސްޕެންޝަން މެއި މަހު ހަމަވާނެ އެވެ. އަދި ޖޫން މަހު ފަށާ ވޯލްޑް ކަޕުގައި ކުޅުމުގެ ފުރުސަތު އޮންނާނެ އެވެ.

"ފީފާ ޑިސިޕްލިނަރީ ކޮމިޓީން ވަނީ ގަރޭރޯގެ އެޕީލް ބަލައިގެންފައި. އަހަރެމެން މި މައްސަލައިގައި ކުޅުންތެރިޔާގެ ބައިވެރިވުމާއި އެހެނިހެން ކަންތައްތަކަށް ބެލުމަށް ފަހު ވާނީ އޭނާގެ ސަސްޕެންޝަން ހަ މަސް ދުވަހަށް ލުއިކޮށްދޭން ނިންމާފައި،" ފީފާ އިން ނެރުނު ބަޔާނެއްގައިވެ އެވެ.

ކުރިން ބަޔާން މިއުނިކަށް ވެސް ކުޅުނު ގަރޭރޯ ނުލައި ޕެރޫ ވަނީ ޕްލޭއޮފްގައި ނިއު ޒީލެންޑުގެ މައްޗަށް ކުރިހޯދައިފަ އެވެ. އަދި އެ ޓީމަކީ ވޯލްޑް ކަޕުން ޖާގަ ހޯދި އެންމެ ފަހު ޓީމެވެ.

ގަރޭރޯ އަކީ ޕެރޫގެ ތާރީހުގައި އެ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ އެވެ. އޭނާ ވަނީ ގައުމީ ޓީމަށް ކުޅެދިން 86 މެޗުން 32 ގޯލު ކާމިޔާބު ކޮށްދީފަ އެވެ.

ވޯލްޑް ކަޕުގައި ޕެރޫ އޮތީ ފްރާންސާއި ޑެންމާކް އަދި އޮސްޓްރޭލިއާއާ އެކު ގްރޫޕް ސީގަ އެވެ. ޕެރޫ ކުޅޭ ފުރަތަމަ މެޗުގައި ޖޫން 16 ވަނަ ދުވަހު ކުޅޭނީ ޑެންމާކާ އެވެ.