އެމްބާޕޭ އުފަން ދުވަހު ޕީއެސްޖީ މޮޅުކޮށްދީފި
އެމްބާޕޭ އުފަން ދުވަހު ޕީއެސްޖީ މޮޅުކޮށްދީފި

ޕެރިސް (ޑިސެމްބަރު 21) - ފްރާންސްގެ އުއްމީދީ ފޯވާޑް ކިލިއަން އެމްބާޕޭ އޭނާގެ 19 ވަނަ އުފަން ދުވަހު ދެއްކި މޮޅުކުޅުމާ އެކު ޕީއެސްޖީން 3-1 އިން ކާއެންގެ މައްޗަށް ކުރި ހޯދައިފި އެވެ.

މި މެޗުން މޮޅުވެ ޕީއެސްޖީން ވަނީ އެއް ވަނައިގައި ނުވަ ޕޮއިންުޓުގެ ލީޑު ދަމަހައްޓައިފަ އެވެ. އެ ޓީމަށް 19 މެޗުން 50 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް މޮނާކޯ އާއި ތިން ވަނައިގައި އޮތް ލިޔޯނަށް 19 މެޗުން ލިބިފައިވަނީ 41 ޕޮއިންޓެވެ.

ރޭގެ މެޗުގައި ޕީއެސްޖީން ލީޑުނެގީ މެޗުގެ 21 ވަނަ މިނިޓްގައި އެމްބާޕޭ ދިން ބޯޅައަކުން އެޑިސަން ކަވާނީ އެވެ. މިއީ މި ސީޒަނުގެ ހުރިހާ މުބާރާތެއްގައި ކަވާނީ މިހާތަނަށް ޖެހި 19 ވަނަ ގޯލެވެ. އެމްބާޕޭ ޕީއެސްޖީގެ ދެ ވަނަ ގޯލު ޖެހީ މެޗުގެ 57 ވަނަ މިނިޓްގަ އެވެ.

މިއާ އެކު އެމްބާޕޭ ވެފައިވަނީ ފްރެންޗް ލީގުގެ ފާއިތުވި 10 ސީޒަނުގައި އުފަން ދުވަހު ލަނޑެއް ޖެހުމަށް ފަހު ލަނޑެއް ޖަހަން ފުރުސަތު ތަނަވަސްކޮށްދިން ފުރަތަމަ ކުޅުންތެރިޔާ އަށެވެ.

މެޗު ނިމެން ނުވަ މިނިޓަށް ވެފައި ހުއްޓައި ޕީއެސްޖީގެ ތިން ވަނަ ލަނޑު ޖެހީ ޔޫރީ ބާޗީޗް އެވެ. އިތުރު ވަގުތުގައި ކާއެންގެ ހަަމައެކަނި ލަނޑު ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކުރީ އިވާން ސަންޓީނީ އެވެ.

މި މެޗުތަކަށް ފަހު ފްރެންޗް ލީގު ވަނީ މެދުކަނޑާލައިފަ އެވެ. ދެން މެޗުތައް ފަށާނީ އަންނަ މަހު 13 ގަ އެވެ. ޕީއެސްޖީގެ ކޯޗު އުނާއި އެމެރީ ބުނީ ބްރޭކުގެ ކުރިން 50 ޕޮއިންޓް ލިބުމަކީ ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ.

"މިއީ 50 ޕޮއިންޓާ އެކު ނިންމާލަން ވަރަށް ފުރިހަމަ މޮޅެއް. އެކަމަކު ބައިކޮޅަށް ގޯލެއް ވަނުމުން އެއީ ރަނގަޅު ކަމެއް ނޫން. އެއީ ޗުއްޓީ އަށް ފަހު އައިސް އަހަރެމެން ރަނގަޅު ކުރަން ޖެހޭ ކަމެއް،" އެމެރީ ބުންޏެވެ.

ރޭ ފްރެންޗް ލީގުގައި ކުުޅުނު ފާހަގަކޮށްލެވޭ އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު މޮނާކޯ ވަނީ 2-1 އިން ރެނެސް ބަލިކޮށްފަ އެވެ. އަދި ރަށުން ބޭރުގައި ލިޔޯން ވަނީ 2-1 އިން ޓުލޫސްގެ މައްޗަށް ކުރިހޯދައިފަ އެވެ. އަމިއްލަ ދަނޑުގައި މާސޭ ވަނީ 3-1 އިން ޓޮރޮޔެސް އަތުން މޮޅުވެފަ އެވެ.