ދެ ވަނަ ޑިވިޝަނުގެ ބްރިސްޓޯލުން ޔުނައިޓެޑް ކަޓުވާލައިފި
ދެ ވަނަ ޑިވިޝަނުގެ ބްރިސްޓޯލުން ޔުނައިޓެޑް ކަޓުވާލައިފި

ލަންޑަން (ޑިސެމްބަރު 21) - އިނގިރޭސި ލީގު ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ޔުނައިޓެޑް ދެ ވަނަ ޑިވިޝަނުގެ ބްރިސްޓޯލް ސިޓީ އަތުން 2-1 އިން ބަލިވެ މުބާރާތުން ކެޓިއިރު، ބޯންމައުތު އަތުން 2-1 އިން މޮޅުވެ ޗެލްސީ މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

ދެ ވަނަ ޑިވިޝަނުގެ ބްރިސްޓޯލުން ޔުނައިޓެޑް ކަޓުވާލައިފި
ދެ ވަނަ ޑިވިޝަނުގެ ބްރިސްޓޯލުން ޔުނައިޓެޑް ކަޓުވާލައިފި

އިނގިރޭސި ދެ ވަނަ ޑިިވިޝަނުގެ ތިން ވަނައިގައި އޮތް ބްރިސްޓޯލް އަތުން ބަލިވެ ޔުނައިޓެޑަށް މުބާރާތް ނިމުނުއިރު މިއީ ފާއިތުވި ހަތް އަހަރު ތެރޭ ދަށް ޑިވިޝަން ޓީމެއް އަތުން ބަލިވެގެން ޔުނައިޓެޑް މި މުބާރާތުން ކެޓި ހަތަރު ވަނަ ފަހަރެވެ.

ރޭގެ މެޗުގައި ފުރަތަމަ ލަނޑު ޖެހީ ބްރިސްޓޯލް އިންނެވެ. މެޗުގެ 51 ވަނަ މިނިޓްގައި ޖޯ ބްރައުން ބްރިސްޓޯލް އަށް ލީޑުނަގައިދީފައިވަނިކޮށް ޔުނައިޓެޑަށް އެއްވަރުކޮށްދިނީ ޒަލަޓަން އިބްރަހިމޮވިޗް އެވެ. މިއީ މި އަހަރު އޭޕްރީލް މަހު ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަކުން ރަނގަޅުވުމަށް ފަހު ޓީމަށް އެނބުރި އަައިސް ފުރަތަމަ އެގާރައިގައި ހިމެނިގެން އިބްރަހިމޮވިޗް ކުޅުނު ފުރަތަމަ މެޗެވެ.

ބްރިސްޓޯލް މޮޅުވީ މެޗުގެ އިތުރު ވަގުތުގައި ޖެހި ގޯލުންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ކޮރޭ ސްމިތު އެވެ.

މި މޮޅާ އެކު ބްރިސްޓޯލް ވަނީ 1989 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް މި މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފަ އެވެ. ސެމީގައި އެ ޓީމު ނުކުންނާނީ މި ވަގުތު ރަނގަޅު ފޯމެއްގައި އޮތް މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ.

މިއީ މޮރީނިއޯގެ ކެރިއަރުގައި އިނގިރޭސި ދަށް ޑިވިޝަނެއްގެ ޓީމެއް އަތުން ބަލިވީ ދެ ވަނަ ފަަހަރެވެ. މީގެ ކުރިން 2015 ވަނަ އަހަރު އޭނާ ކޯޗުކޮށްދިން ޗެލްސީ ވަނީ ބްރެޑްފޯޑް އަތުން ބަލިވެފަ އެވެ.

ރޭގެ މެޗަށް ފަހު މޮރީނިއޯ ބުނީ ބްރިސްޓޯލް މޮޅުވީ ނަސީބުގެ އެހީ ލިބިގެން ކަމަށެވެ.

"ދަށް ޑިވިޝަނުގެ ޓީމެއް އަހަރެމެން އަތުން މޮޅުވެއްޖެ. މިއީ އެ ޓީމަށް ބޮޑު ދުވަހެއް. އަހަރެން ބުނާނީ އެ ޓީމަށް ވަރަށް ބޮޑަށް ނަސީބު ވެސް އެހީވި ކަމަށް. ނަސީބު އެހީވާ މިންވަރަށް އެ ޓީމުން މަސައްކަތް ކުރި. އެންމެން ތިބީ އަހަރެމެންގެ ގޯލެއްގެ އިންތިޒާރުގައި އެކަމު އެކަމެއް ނުވި. ބްރިސްޓޯލް އިން ކުޅުނީ އެމީހުން ދިރިއުޅުމަށް ކުޅޭ އެންމެ މުހިއްމު މެޗު ގޮތަށް. އެމީހުންނަށް ލިބުނު މޮޅާ އެކު މިއީ ފުޓްބޯޅައިގެ ވަރަށް ފުރިހަމަ ދުވަހެއް،" މޮރީނިއޯ ބުންޏެވެ.

އަމިއްލަ ދަނޑުގައި ބޯންމައުތާ ދެކޮޅަށް ކުޅުނު މެޗުގައި ރޭ ޗެލްސީ އަށް ލީޑުނަގައިދިނީ ވިލިއަން އެވެ. މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގައި ޑޭން ގޮސްލިން ބޯންމައުތަށް ނަތީޖާ ހަމަހަމަކޮށްދިން ނަމަވެސް އޭގެ މިނިޓެއް ފަހުން އަލްވާރޯ މޮރާޓާ ޖެހި ގޯލާ އެކު ޗެލްސީ ވަނީ މޮޅުވެފަ އެވެ.

ސެމީ ފައިނަލުގައި ޗެލްސީ ނުކުންނާނީ އާސެނަލާ ދެކޮޅަށެވެ.