11 ޖުލައި 2016 - 06:13

އިންޑިއާގެ ޗެންނާއީގައި އުމުރުން 60 އިން މައްޗަށް ގޮސްފައިވާ ނުހިނގޭ އަންހެނަކަށް އޭނާގެ މަރުވެފައިވާ ކޮއްކޮއާ އެކު އެތައް ދުވަހެއް ވަންދެން ގޭގައި އެކަނި އޮންނަން ޖެހިއްްޖެ އެވެ.
އެމް ގޯވިންދަމަލް، 55، މަރުވެފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. ނަމަވެސް އޭނާގެ ހަށިގަނޑު އެ ހިސާބުގައި ދިރިއުޅޭ މީހުންނަށް ފެނިފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ.
އެހިސާބުގައި ދިރިއުޅޭ މީހުންނަށް ގޭތެރެއިން ނުބައި ވަސް ދުވާތީ ފުލުހުންނަށް ރިޕޯޓްކުރުމުން ފުލުހުން ގޮސް ދޮރު ހަލާކު ކޮށްލައިގެން ވަދެ ބެލިއިރު މި އަންހެންމީހާ އޮތީ މަރުވެ ކުނިވެފަ އެވެ.
އެމީހާގެ ދައްތަ އެމް.އުމާ އަކީ އެއްގޮތަކަށް ވެސް ނުހިނގޭ މީހަކަށް ވާތީ މަރުވެފައިވާ މީހާއާ 10 ވަރަކަށް ފޫޓު ދުރުގައި އެމީހާ ވެސް އޮތްކަމަށް ފުލުހުން ބުނެފައިވެ އެވެ.
އުމާ އެއްވެސް އެއްޗެއް ނުކައި، ކުނިވެފައިވާ ކޮއްކޮގެ ހަށިގަނޑާއި އޭނާގެ ހަށިގަނޑުން ނުކުތް ނަޖިސްތަކާ އެކު އަދި ކައި ބާކީވެފައި ހުރި ކުނިވެފައިވާ ކާނާތަކުގެ މެދުގައި އޮންނަތާ ހަތަރު ދުވަސް ވެފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
އެ ދެބެއިންނަށް ކައްކައި ކާންދީ ހަދަން އެގެއަށް ދާ މީހަކު ބުނި ގޮތުގައި ހޮނިހިރު ދުވަހު އޭނާ އެ ގޭގެ ދޮރުގައި ޓަކި ޖެހުމުން ދޮރެއް ނުހުޅުވި އެވެ. އަދި ގޭތެރެއިން ކުނިވާ ވަސް ދުވަ އެވެ. އެހެންވެ އޭނާ އަވަށްޓެރިން ގާތު ބުނެގެން ފުލުހުންނަށް އެންގީ އެވެ.
ޓައިމްސް އޮފް އިންޑިއާގައި ބުނެފައި ވަނީ އުމާއާ ނޫސްވެރިން ސުވާލުކުރުމުން ބުނެފައި ވަނީ ހޯމަ ދުވަހުގެ ރޭ ކާން ދީފައި ބޮލުގައި ރިއްސާ ވާހަކަ ބުނި ކަމަށެވެ. އަދި 9:00 ހާއިރު ބޭސްގުޅައެއް ކާލައިގެން، ބޯއަނބުރާ ވާހަކަ ބުނި ކަމަށްވެ އެވެ. އޭގެ ބައިގަޑިއެއްހާއިރު ފަހުން އެނދުމައްޗަށް ކޮއްކޮ ވެއްޓުނީ ކަމަށް އުމާ ބުންޏެވެ. އުމާ އަށް ގޮވާގޮވާ ވެސް ކޮއްކޮ ނުހޭލުމުން ނިދީ ކަމަށް ހިތާ ބޭއްވީ ކަމަށާއި ނަމަވެސް އަނެއް ދުވަހުވެސް ކޮއްކޮ ނުހޭލި ކަމަށް އުމާ ބުންޏެވެ. އަދި އެމީހުން ގެންގުޅޭ ފޯނުވެސް އޮތީ ކޮއްކޮގެ ކައިރީގައި ކަމަށް ވުމުން އެ ފޯނުން ގުޅޭ ގޮތެއް ވެސް ނުވީ ކަމަށް ބުނެފައިވެ އެވެ.
"އަހަރެން ކޮއްކޮގެ ހަށިގަނޑަކަށް ބަލާލަ ބަލާލަ އިނީ އެހީއަށް ވެދޭނެ މީހަކު އަންނަންދެން. އެނޫންގޮތެއް އަހަންނަކަށް ނެތް. އަހަރެން އަޑުއެހިން ގޭގައި މަސައްކަތްކުރަން އަންނަ މީހާ އާއި ކިރު ގެނެސްދޭ މީހާ އައިސް ޓަކި ޖަހާ ގޮވާ ހެދި އަޑުވެސް. ނަމަވެސް އަހަރެންގެ އަޑު އެމީހުންނާ ހަމައަކަށް ނުފޯރި،" އުމާ ބުންޏެވެ.
އުމާއަށް ނުހިނގެން ފެށީ މީގެ 10 ވަރަކަށް އަހަރުކުރިން ކުރި ފައިގެ އޮޕަރޭޝަނަކަށް ފަހު ކަމަށް އެގެއަށް ކައްކަން ގޮސް އުޅުނު މީހާ ބުނެފައިވެ އެވެ.