ނޮޅިވަރަމްގައި މޫދަށް ގޮސް އުޅެނިކޮށް ގެއްލުނު އަންހެންމީހާ އަދިވެސް ނުފެނޭ
ނޮޅިވަރަމްގައި މޫދަށް ގޮސް އުޅެނިކޮށް ގެއްލުނު އަންހެންމީހާ އަދިވެސް ނުފެނޭ

ހދ. ނޮޅިވަރަމްގައި މިއަދު ހެނދުނު މޫދަށް ގޮސް އުޅެނިކޮށް ގެއްލުނު އުމުރުން 41 އަހަރުގެ އަންހެންމީހާ އަދި ވެސް ނުފެންނަ ކަމަށް އެ ރަށު ކައުންސިލުން މިރޭ ބުނެފި އެވެ.

ކައުންސިލް މެމްބަރު އިބްރާހިމް ނަސީރު ވިދާޅުވީ ހެނދުން ފެށިގެން ކަމާބެހޭ ފަރާތްތަކުން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ފުލުހުންނާއި ރަށު ރައްޔިތުން ނުކުމެ ވަލު ތެރެ ފަދަ ތަންތަން ބަލަމުން އަންނައިރު ސިފައިން ވަނީ އެ ރަށުގެ ކަނޑުގެ ސަރަހައްދު ބަލައި ފަސް ކުރަން ފަށައިފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ވަލުތެރޭގެ ހިސާބަކުން ހަރުވާޅަކާއި ބުރުގަލެއް ވަނީ ފެނިފަ އެވެ. އެކަަމަކު އެއީ ގެއްލުނު އަންހެންމީހާގެ އެއްޗެއް ނޫން ކަމަށް އާއިލާއިން ބުނި ނަމަވެސް، އެ ތަކެތީގައި ލޮނުގެ އަސަރު ހުރި ކަން ނަސީރު ފާހަގަކުރެއްވި އެވެ.

ގެއްލިގެން ހޯދަމުންދާ އަންހެނަކީ ނަފުސާނީ ބައްޔަށް ބޭސްކުރަމުން އަންނަ މީހެއް ކަމަށް ވެ އެވެ. އަދި އޭނާ މިއަދު މޫދަށް ދިޔައީ ވެސް އާއިލާ އަށް ނާންގާ ކަމަށް ނޮޅިވަރަމް ކައުންސިލުން ބުންޏެވެ.

އޭނާ މޫދަށް ދިޔައީ ރަށުގެ ބަނދަރާ ދިމާލަށެވެ. އަދި މޫދުން އަރައިގެން އެއްގަމަށް އެރި މަންޒަރު، ބައެއް މީހުންނާ ފެނިފައިވާ ކަމަށް ވެސް ނަސީރު ވިދާޅުވި އެވެ.

މި ފަހުން ދިމާވި ހާދިސާއެއްގެ ސަބަބުން ނަފުސާނީ ބައްޔަށް އެ އަންހެން މީހާ ބޭސްކުރާތާ ތިން މަހެއް ވަރު ވެއްޖެ އެވެ. މާލޭގައި ބޭސްކުރުމަށް ފަހު އޭނާ ރަށަށް ދިޔައީ މިދިޔަ ހަފުތާގަ އެވެ. ކައިވެންޏެއް ކޮށްގެން އުޅޭ މި އަންހެން މީހާގެ ދެ ކުދިން އެބަ ތިއްބެވެ.