21 ޑިސެމްބަރ 2017 - 07:46

އާދައިގެ ކެފޭއަކުން، ހަ ތަށި ނޫޑްލްސް އާއި އެނަޖީ ޑްރިންކް ދަޅަކާއި ހަތަރު ކޮފީ އާއި ޑޯނަޓަކާއި ތިން ފުޅި ފެނާއި ދުފާއެއްޗެހި ހިމެނޭ ބިލަކަށް، 1200 އަށް ވުރެ ގިނަ ރުފިޔާ އަރާފާނެ ހެއްޔެވެ؟ ޖަވާބަކީ އާނއެކެވެ؛ ނޫޑްލްސް ތައްޓެއްގެ އަގަކީ 165 ރުފިޔާ ކަމަށް ވަންޏާ އަރާފާނެ އެވެ.
މިދިޔަ ހޯމަ ދުވަހު މެންދުރު ކާން އއ. ފެރިދު އަށް ދިޔަ މުހައްމަދު އަންވަރަށް އެ ރަށުގެ ފަންރެލިޝް ކެފޭ އިން ދިން 1212 ރުފިޔާ ބިލު ސޯޝަލް މީޑިއާގައި ޕޯސްޓްކުރުމާ ގުޅިގެން އެތައް ބަޔަކު ތިބީ ހައިރާންވެ އަންތަރީސްވެފަ އެވެ. ޓޫރިސްޓުން ގޮވައިގެން ސްޕޯޓްސް ފިޝިން ދަތުރުތަކުގައި ގޮސް އުޅޭ މަސްވެރިޔާގެ ފޭސްބުކް ޕޭޖު ކެޕްޓަން ފިޝްފުލްގައި ބުނެފައިވާ ގޮތުގައި "ބައިވަރު ތެޔޮ އަޅާފައި ހުރި" އާދައިގެ ޓޫނާ ފްރައިޑް ނޫޑްލްސްގައި އެއްވެސް ޚާއްސަ ކަމެއް ނެތް އިރު އޭގެ ރަހަ ވެސް މީރެއް ނޫނެވެ. އެކަމަކު އެއިން ނޫޑްލްސް ތައްޓެއްގެ އަގު، ނޫޑްލްސް ކޭހެއްގެ އަގަށް ވުރެ ބޮޑު އިރު، ހަ ތަށި ނޫޑްލްސް އަށް 990 ރުފިޔާ ކެފޭ އިން ނެގި އެވެ.
"އަހަރެމެންގެ ތިބީ ހަ މީހުން. އެއީ ހަތަރު ޓޫރިސްޓުންނާއި ދެ ދިވެހިން. މަސް ބާނަން ގޮސް އުޅެއުޅެފައި ފެރިދު އަށް ލެފީ. އަހަރެން ސްޕޯޓްސް ފިޝިންގައި މި ގޮތަށް އުޅޭތާ އެތައް ޒަމާނެއް ވެއްޖެ. ކޮންމެ ދުވަހަކު ވެސް މި ގޮތަށް ކޮންމެވެސް ރަށަކަށް ލަފަން. މިހާތަނަށް 150 އަށް ވުރެ ގިނަ ރަށަށް ދެވުނު އިރު ވެސް މި ވަރުގެ އަގު ބޮޑު ތަނަކާ ދިމައެއް ނުވޭ. މި ދާ އެހެން ރަށްރަށުން ހަތަރު ފަސް މީހަކު ކާލީމަ އާއްމުކޮށް އަރާނީ 300 ވަރަކަށް ރުފިޔާ،" އއ. އުކުޅަހު އަންވަރު ކިޔައިދިނެވެ.
އެންމެ ފުރަތަމަ، އާދައިގެ ސިނގިރޭޓް ކާޓޫން ކަރުދާސް ކޮޅެއްގައި ބިލުގެ ޖުމްލަ އަދަދު ޖަހާލައިގެން ވެއިޓަރު ގެންދިޔަ އިރު އަންވަރު ހީކުރީ 1212 ރުފިޔާ ކަމަށް ލިޔެވުނީ އޮޅުމަކުން ކަމަށެވެ. އަދި ތަފްސީލް ބިލެއް ދިނުމަށް އޭނާ އެދުނެވެ. އެކަމަކު ވެއިޓަރާ ސުވާލުކުރުމަށް ފަހު ސޭޓު ގާތަށް ދިޔުމުން ވެސް ބުނީ އެއީ އޮޅުމެއް ނޫން ކަމަށެވެ.
"ސޭޓު ބުނީ ތީ ހަމަ ތިމަންނަމެން ނޫޑްލްސް ވިއްކާ އަގޭ. ޓޫރިސްޓުންނަށް ވީމައޭ ތި އަގު ތި އޮތީ. އަހަރެން ބުނިން ޓޫރިސްޓުން ވިޔަސް އަހަންނޭ ޕޭ ކުރަނީ. ޓޫރިސްޓުންނަށް ވެސް ތިހާ ވަރަކަށް އެއްވެސް ބަޔަކު އަގު ބޮޑެއް ނުކުރެއޭ. އެހެންވީމަ މި ވަރަކަށް ނާރާނޭ. އަނެއްކާ އަހަރެމެންގެ ތެރެއިން ދެ މީހުންނަކީ ދިވެހިންނޭ. ބުނީމަ ބުނީ ކީއްހޭ ކުރާނީ. ކަލޭމެން އަގު ނުބަލާ ކެއީ ނޫންހޭ. ތިއީ އަހަރެމެން ވިއްކާ އަގޭ،" ސިންގަޕޫރު ބަޔަކު ގޮވައިގެން ކާން ދިޔަ އަންވަރު ބުންޏެވެ.
އުކުޅަހުގައި ދެ ގެސްޓް ހައުސް ވެސް ހިންގަމުން އަންނަ އަންވަރު ފާހަގަކުރި ގޮތުގައި އުކުޅަހާއި އެހެން ރަށްރަށުގައި ވެސް ރެސްޓޯރެންޓް އަގުތައް ދިވެހިންނަށް ވުރެ ޓޫރިސްޓުންނަށް ބޮޑެވެ. އެކަމަކު މިހާ ބޮޑު ފަރަގެއް މީގެ ކުރިން އޭނާ އަށް ފެނިފައި ނުވާ އިރު، ދިވެހިންނަށް އާއްމުކޮށް 45-50 ރުފިޔާ އަށް ލިބެން ހުންނަ ފްރައިޑް ނޫޑްލްސްގެ އަގު ޓޫރިސްޓުންނަށް "ހަތަރު ފަސް ޑޮލަރު ނުވަތަ ހައެއްކަ ޑޮލަރަށް ވުރެ" (61-92 ރުފިޔާ) މައްޗަށް ނާރާނެ ކަމަށް އޭނާ ބުނެ އެވެ.
އެކަމަކު ނޫޑްލްސް ތައްޓެއް 165 ރުފިޔާ އަށް ވިއްކުމަކީ މައްސަލައެއް ކަމަކަށް ފަންރެލިޝް ކެފޭ އިން ނުދެކެ އެވެ. އެ ތަނުގެ ވެރިޔާ މުހައްމަދު ޝާމިލް "މިހާރު" އަށް ބުނިގޮތުގައި އަންވަރުގެ އަތުން ނޫޑްލްސްއަކަށް ނަގާފައިވާނީ 10 ޑޮލަރު (154.2 ރުފިޔާ) އެވެ. އެ އަގު 165 އަށް ބަދަލުވީ ޖީއެސްޓީ ލީމާ ކަމަށް ބެލެވެ އެވެ. އެކަމަކު ޖީއެސްޓީ ހިމަނާފައިވާ ކަމެއް ބިލުން އެނގޭކަށް ނެތެވެ.
ފަންފްރެޝްގެ ވެރިޔާ ބުނީ 10 ޑޮލަރަކީ ޓޫރިސްޓުންނަށް އެ ތަނުން އާއްމުކޮށް ނޫޑްލްސް ވިއްކާ އަގަށް ވުރެ ވެސް ހެޔޮ އަގެއް ކަމަށެވެ. އާއްމު އަގަކީ 15 ޑޮލަރު (231.3 ރުފިޔާ) އެވެ! އެކަމަކު ޝާމިލް ބުނިގޮތުގައި "ވާހަކަދައްކައިގެން ބައެއް މީހުންނަށް 70 ރުފިޔާ އަށް ވެސް" އަގު ކުޑަކޮށްދީފައި ހުންނާނެ އެވެ. އޭނާ ދެކެނީ އެ ތަނުގެ ބިލު ސޯޝަލް މީޑިއާގައި އާއްމުކުރުމަކީ ފެރިދޫގައި ޓޫރިޒަމް ކުރިއަރާތީ "އެކަން ހުއްޓުވަން ދިން ލަނޑެއް" ކަމަށެވެ.
އަންވަރުގެ ޕޯސްޓާ އެކު ފަންރެލިޝް ކެފޭ އަށް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެފައިވާ އިރު، އެއް ބަޔަކު ދެކޭ ގޮތުގައި މިއީ "އެއްފަހަރާ މުއްސަނދިވާން" އުޅުމުގެ މިސާލެކެވެ. އަދި އެ ކެފޭއަކީ "ހަތް ތަރީގެ ހޮޓަލެއް"ތޯ އަހާފައިވެ އެވެ. ނޫޑްލްސް އަށް އަޅާފައި ހުރީ މާވަހަރާއި ހުދަންބަރާއި ރަނާއި ޖަވާހިރުތޯ ވެސް ބައެއް މީހުން ސުވާލުކުރި އެވެ. އަދި އެއް ބަޔަކު ބުނިގޮތުގައި މިހާ އަގު ބޮޑު ނޫޑްލްސްއެއް ވަރަށް ޚާއްސަވާނެތީ އޭގެ އަޖުމަ ކޮންމެހެން ވެސް ބަލައިލަން ޖެހޭނެ އެވެ.
"މާތްކަލާކޯ! ތި ނޫޑްލްސްގައި އެހާ އަގުބޮޑު އެއްޗަކަށް ހުރީ ކޯއްޗެއް؟ މިއީ ރޭގަނޑުގެ ބުފޭއަކަށް ވެސް ނާރާނެ ވަރުގެ ބޮޑު އަގެއް،" އަންވަރުގެ ޕޯސްޓަށް ކޮމެންޓްކުރި މީހަކު ލިޔެފައިވެ އެވެ.
"މިއީ ބޮޑުވަރު. ތިތަނަށް ދާ ފަހަރަކުން އަހަރެން ތިކަމާ ދެކޮޅު ހަދާނަން. ރިސޯޓުގައި ވެސް ތި އަށް ވުރެ އަގުހެޔޮ،" އެހެން މީހެއްގެ ކޮމެންޓްގައި ބުނެފައިވެ އެވެ.
އެކަމަކު އެކަކު ބުނީ މި އަގާ މެދު ހައިރާން ނުވާ ކަމަށެވެ.
"އޮޅުމަކަށް ނުވަންޏާ، ދިއްފުށީ ރެސްޓޯރެންޓަކުން ޓޫނާ ރައިސްއެއް އަހަރެން ކެއިން ގާތްގަނޑަކަށް 150 ރުފިޔާ އަށް. އޭތި އަދި އެހާ ނުބައި. ދެ މީހެއްގެ ކެއުމަށް އަހަރެމެން 500 އަށް ވުރެ ބޮޑު އެއްޗެއް ދެއްކިން،" އޭނާ ލިޔެފައިވެ އެވެ.
މި އަގުގައި ގޯހެއް ނެތް ކަމަށް އެކަކު ބުނި އިރު އެހެން މީހަކު ނޫޑްލްސްގެ އަގު އަޅާކިޔާފައިވަނީ މާލޭގެ ގެދޮރުގެ ކުއްޔާ އެވެ.
"މާލެ އިން އަށް ފޫޓު، އަށް ފޫޓުގެ ދެ ކޮޓަރީގެ އެޕާޓްމެންޓެއް ލިބެނީ 20،000 އަށް. އެހެންވީމަ އާދައިގެ ނޫޑްލްސްއެއް ރަށަކުން 165 އަށް ވީމަ އެއީ މައްސަލައެއް ނޫން،" އެ މީހާ ލިޔެފައިވެ އެވެ.
ބިލުގައި 12 ރުފިޔާގެ ދުފާއެއްޗެއްހީގެ އަދަދަކަށް ސުމެއް ޖަހާފައި އޮތުމުން މީހުން އެކަމަށް ޖޯކު ޖެހިޔަސް ޝާމިލް "މިހާރު" އަށް ބުނިގޮތުގައި "10" ލިޔަން އުޅެނިކޮށް "1" ވައްޓާލެވިފައި އޮތީ އެވެ.
ފަހަރުގައި ފަންފްރެޝްގެ ބިލުން ބައެއް މީހުންނަށް އެހާ ބޮޑު ހައިރާންކަމެއް ލިބުނީ އެއީ ޓޫރިސްޓުންނަށް ކަނޑައެޅި އަގެއްކަން ނޭނގޭތީ އެވެ. ޓޫރިސްޓުންނަށް ޑޮމެސްޓިކް ވައިގެދަތުރުފަތުރުގެ އަގުތައް ވެސް ދިވެހިންނަށް ދޭ އަގަށް ވުރެ މާ ބޮޑެވެ. ކާން ދިޔައީ ޓޫރިސްޓުންގެ ބަޔަކު ގޮވައިގެން ކަމަކަށް ފޭސްބުކްގައި އަންވަރު ބުނެފައެއް ނުވެ އެވެ. އެކަމަކު އޭނާ ދެކެނީ ޓޫރިސްޓުންނަށް ވިޔަސް، ނޫޑްލްސް ތައްޓެއް 165 ރުފިޔާ އަށް ވިއްކީމާ އެއީ "ބޮޑުވަރު" ކަމަށެވެ.
"މިއީ ރަށެއްގެ އާދައިގެ ހޮޓަލެއް. ނޫޑްލްސް އެކަނި އެ ތަނުން ލިބެން ހުރީ ވެސް. އެހެންވީމަ އެއީ ދެން ބޮޑުވަރެއްތާ!" އޭނާ ބުންޏެވެ.
ފަހަރުގައި ދެން ބަހުސްކުރަންވީ މިފަދަ އާއްމު ޚިދުމަތްތަކަށް ޓޫރިސްޓުންގެ އަތުން ބޮޑު އަގެއް ނެގުމާއި އޭގެ އަސަރުތަކާ ބެހޭ ގޮތުންނެވެ. ނުވަތަ އެ ގޮތަށް އަގު ބޮޑުކުރާނީ ކިހާ ވަރަކަށްތޯއާ މެދު އެވެ.