ފެންވަރާއިރު ހެދޭ ބައެއް ގޯސްތައް
ފެންވަރާއިރު ހެދޭ ބައެއް ގޯސްތައް

ފެންވެރުމަކީ ހަމަ ކޮންމެ ދުވަހަކު ކުރަން ޖެހޭ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ފެންވަރާއިރު ހެދޭ ބައެއް ގޯސްތަކުން ހަންގަނޑަށް ގެއްލުންވާން މެދުވެރިވެ އެވެ.

ބުރަކޮށް ދުވާލު ހަތަރުދަމު އުޅުމަށް ފަހު ހޫނު ފެން ގަޔަށް އަޅާލުމަކީ ހަށިގަނޑަށް ވަރަށް އަރާމު ލިބޭނެ ކަމެކެވެ. ނަމަވެސް މާ ހޫނު ފެނުން ފެންވެރުމަކީ ގައިގައި ހުންނަ ތެތްކަން ކެނޑި ހަންގަނޑު ހިރުވާ ހިކެމް މެދުވެރިވާނެ ކަމެކެވެ. ގިނައިރު ވަންދެން ހޫނުފެނުން ފެން ވަރަށް ނުހުންނާށެވެ. އަދި ކޮންމެހެން ހޫނުފެނުން ފެން ވަރަށް ބޭނުންވިޔަސް ކޮންމެ ދުވަހަކު އާދަވެ ކުރާ ކަމަކަށް ނުހަދާށެވެ.

ބައެއް މީހުން ފެންވަރާއިރު ޝަވާ ޖެލް ފަދަ އެއްޗެހި ލައިގެން ބާތު ސްކްރަބް ނުވަތަ ސްޕޮންޖުން ވަރަށް ގަދަޔަށް ގައި އުނގުޅަ އެވެ. ނަމަވެސް މިގޮތަށް މާ ގަދަޔަށް އުނގުޅުމުން މިލަ ފިލިޔަސް ހަންގަނޑަށް ވަރަށް ގެއްލުން ލިބެ އެވެ. ގައި ކެހުމާއި ބިހިނެގުން އަދި ހަންގަނޑު ހިކުމާއި ހަންފޮޅުން ފަދަ މައްސަލަތައް ކުރިމަތިވާނެ އެވެ.

ޑިސްޕޮސިބަލް ރޭޒަރަށް ޑިސްޕޮސިބަލް ކިޔަނީ ސަބަބެއް ނެތިއެއް ނޫނެވެ. މި ކަހަލަ ރޭޒަރުގެ ތިލައިގެ ކުލަ ބަދަލުވަންދެން ބޭނުންނުކޮށް ދެތިން ފަހަރަކު ބޭނުންކޮށްފައި އެއްލާލަން ޖެހޭނެ އެވެ. ކޮންމެފަހަރަކު ރޭޒަރު ބޭނުންކޮށްފައި ރަނގަޅަށް ސާފުކޮށް ފޮހެފައި ބާއްވާށެވެ.

ލޫފާސް ފަދަ އެއްޗެހިން ގައި އުނގުޅާލުމުން ހަންގަނޑަށް އަރާމުވެފައި ސާފުވިޔަސް މިފަދަ ތަކެއްޗަކީ ޖަރާސީމުގެ ހާއްޔަކަށް ވުން ވަރަށް ގާތެވެ. ދެމަހުން އެއް ފަހަރު ކަހަލަ ގޮތަކަށް ލޫފާސް ބަދަލުކުރުމުގެ އިތުރުން ކޮންމެ ފަހަރަކު ބޭނުންކޮށްފައި ރީއްޗަށް ދޮވެ ތުވާލިން ހިއްކާލާފައި ބަހައްޓަން އާދަކުރާށެވެ.

ފެންވެރުމަށް ޚާއްސަކޮށް އުފައްދާފައި ހުންނަ ބައެއް ތަކެއްޗަކީ ވަރަށް ބާރުގަދަ އެއްޗިއްސެވެ. އެހެންކަމުން މިފަދަ ތަކެތީގެ ބޭނުންނުކޮށް ވީހާވެސް ބާރުދެރަ އެއްޗެހި ބޭނުންކުރަން ސަމާލުކަން ދޭން ޖެހެ އެވެ. ގުދުރަތީ މާއްދާތައް ގިނައިން ހުންނަ ހަންގަނޑަށް ލުއި އެއްޗެހި ބޭނުންކުރާށެވެ.