10 ޖުލައި 2016 - 13:43

"ހަމިންބޭޑް"ގެ ނަން ދީފައިވާ މެލްވެއާއެއް 10 މިލިއަނަށް ވުރެ ގިނަ އެންޑްރޮއިޑް ފޯނަށް ފޯރާފައިވާ ކަމަށް ދެ ސެކިއުރިޓީ ކުންފުންޏަކުން ބުނެފި އެވެ.
ޗެކްޕޮއިންޓް އަދި ލުކްއައުޓް އިން ބުނެފައި ވަނީ މި މެލްވެއާ އަކީ ރޫޓްކިޓެއް ކަމަށާއި ފޯނުގެ އޮޕަރޭޓިން ސިސްޓަމުގެ ވަރަށް އެތެރޭގައި ފޮރުވި އިނދެ ހެކަރުންނަށް ފޯނުގެ ފުލް ކޮންޓްރޯލް މި މެލްވެއާގެ ސަބަބުން ލިބޭ ކަމަށެވެ.
މި މެލްވެއާއިން ފޯނުން ބްރައުޒްކުރާ ގޮތުގެ މައުލޫމާތު، ފޯނުގެ ކޮންޓްރޯލް އޮންނަ މީހަކަށް ލިބެ އެވެ. އަދި އޮންލައިން އެޑްވަޓައިޒްމެންޓްތަކަށް ފޯނުގެ ވެރި ފަރާތަަށް ނުވެސް އެނގި ކްލިކް ވެސް ކުރެ އެވެ. މިއީ މި މެލްވެއާ އުފެއްދި މީހުން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތެކެވެ. މިގޮތަށް ކްލިކް ކޮށްގެން، މިކަން ކުރާ މީހުން މަހަކު 300،000 ޑޮލަރު ހޯދާ ކަމަށް ސެކިއުރިޓީ ކުންފުނިތަކުން ލަފާކުރެ އެވެ
ހަމިންބޭޑްގެ ނުރައްކާ ވަރަށް އާންމުވެފައިިވާކަން ސެކިއުރިޓީ ދެ ކުންފުންޏަށް ފާހަގަވީ މި މައްސަލަ ކުރިމަތިވެފައިވާ ގިނަ އަދަދެއްގެ ފޯނު ފެންނަން ފެށުމުންނެވެ. އެ މީހުން ބުނެފައި ވަނީ މި މެލްވެއާގެ އަސަރު ފަސޭހައިން ކުރަނީ އެންޑްރޮއިޑްގެ ކުރީގެ އޮޕަރޭޓިން ސިސްޓަމްތައް ހުންނަ ފޯނަށް ކަމަށެވެ. އެއީ އެ އޯއެސްތަކުގައިވާ ބާގަނޑެއްގެ ބޭނުންކޮށްގެން، ފޭސްބުކް އަދި ޓްވިޓާ ފަދަ ރަނގަޅު އެޕްލިކޭޝަންތަކުގައި ގޮތުގައި ފޯނުތެރެއަށް ވަދަގަނެގެންނެވެ.
ޗެކްޕޮއިންޓްގެ ބްލޮގްގައި ބުނެފައި ވަނީ ހަމިންބޭޑް މެލްވެއާ ވަދެފައިވާ ފޯނުތަކުގެ "ކޮމާންޑް އެންޑް ކޮންޓްރޯލް" ސާވާ އަށް މިހާރު ވަދެވިފައިވާ ކަމަށާއި އެ ސާވާގައި 10 މިލިއަނަށް ވުރެ ގިނަ ޑިވައިސްގެ މައުލޫމާތު އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި ގިނައީ ޗައިނާ، އިންޑިއާ، އިންޑޮނީޝިއާ އަދި ފިލިޕިންސްގައި ބޭނުންކުރާ ޑިވައިސްތައް ކަމަށް ވެސް ބުނެފައިވެ އެވެ.
ހަމިންބޭޑްގެ ހަމަލާ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެންޑްރޮއިޑް ޑިވައިސްތައް ސަލާމަތް ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ގޫގުލް އިން ވަނީ ބުނެފަ އެވެ.