ދަރިފުޅު ދިރިހުރުމުގެ އުއްމީދު ނެތަސް މަންމަ ބޭނުމީ ވިހަން
ދަރިފުޅު ދިރިހުރުމުގެ އުއްމީދު ނެތަސް މަންމަ ބޭނުމީ ވިހަން

ބަނޑުގައި އޮތް ދަރިފުޅު އުފަން ވިޔަސް މާ ގިނަ ދުވަހަކު ދުނިޔޭގައި ނޯންނާނެ ކަމަށް ޑޮކްޓަރުން ބުނި ނަމަވެސް ދުވަސް ފުރާ ވިހަން، އިނގިރޭސި ވިލާތުގެ އަންހެނަކު ނިންމައިފި އެވެ.

ހޭލޭ މާޓިން އާއި އޭނާގެ ފިރިމީހާ ސްކޮޓް މާޓިން އެގޮތަށް ނިންމީ އެ ދަރިފުޅުގެ ހާޓް ޓިޝޫތައް ހަދިޔާކޮށް އެހެން ބަޔަކަށް އިންސާނިއްޔަތުކަމުގެ އެހީއެއް ފޯރުކޮށްދިނުމުގެ މަގްސަދުގަ އެވެ.

މިހާރު ވެސް ތިން ކުދިން ތިބި ހޭލޭގެ ބަނޑަށް 20 ހަފުތާގައި ހެދި ސްކޭނުން އެނގުނީ ދަރިފުޅުގެ ޖެނެޓިކް ޑިސްއޯޑާއެއް ހުރިކަމެވެ. އެއީ ވަރަށް މަދުން ނޫނީ ދިމާނުވާ ކަހަލަ މައްސަލައެއް ކަމާއި އޭގެ ސަބަބުން ދަރިފުޅުގެ ކިޑްނީ ނުއުފެދި، ފުއްޕާމޭ ވެސް ވަރަށް ބޮޑަށް އައިބުވާނެ ކަމަށް ޑޮކްޓަރުން ބުނެ އެވެ. އެހެންކަމުން ވިހެއުމުގެ ތެރޭގައި ނުވަތަ ވިހާތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ކުއްޖާ މަރުވާނެ ކަމަށް ޑޮކްޓަރުން ވަނީ އަންގައިފަ އެވެ.

އައިޓީވީގެ 'ދިސް މޯނިން ޝޯ'ގައި ވާހަކަ ދައްކަމުން ހޭލޭ، 30، ބުނީ އެމީހުންނަށް ދަރިފުޅުގެ ހިތުގެ ބައިތައް ޚައިރާތު ކުރެވޭ ގޮތް ވެފައިވާ ކަމަށެވެ.

ޑޮކްޓަރުން ލަފާ ދިނީ އެބޯޝަން ހެދުމަށެވެ. ނަމަވެސް ދަރިފުޅު އެގޮތަށް ދޫކޮށްލާކަށް އެ މީހުން ބޭނުމެއް ނުވި އެވެ.

ކުއްޖާގެ ހިތުގެ ނާރުތައް ބޭނުންވާނެ ބަލި އެހެން ކުދިން އެބަ ތިއްބެވެ. އިނގިރޭސި ވިލާތުގައި ގުނަވަންތަކާއި އެކި ވައްތަރުގެ ޓިޝޫ ބޭނުންވެ އެކަމަކު ލިބޭނެ އިރެއްގެ އިންތިޒާރުގައި ތިބެ ދުވާލަކު ތިން މީހުން، ކުޑަކުދިން ވެސް ހިމެނޭ ގޮތަށް، މަރުވެ އެވެ.

"މިއީ ފަސޭހަ ނިންމުމެއް ނޫން. އެކަމަކު އެގޮތަށް ނިންމުމުން އަހަރެމެންގެ ހިތަށް ފަސޭހަ ކަމެއް ލިބިއްޖެ،" ހޭލޭ ބުންޏެވެ.

"ދަރިފުޅުގެ ކޮންމެވެސް ބައެއް ދިރި ހުންނާނެ، އޭނާ މުޅިއަކުން އަހަރެމެންނާ ވަކިވީކީ ނޫން. އެހެން މީހެއްގެ ހަށިގަނޑުގައި ދަރިފުޅު ދިރިހުންނާނެ."