20 ޑިސެމްބަރ 2017 - 13:00

ހދ. ނޮޅިވަރަމުގައި މިއަދު މޫދަށް ދިޔަ އަންހެނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ 41 އަހަރުގެ އަންހެނެއް ގެއްލިގެން ހޯދަމުން އަންނަ ކަމަށެވެ. އެ މައްސަލަ ރިޕޯޓު ކޮށްފައިވަނީ 11:30 ހާއިރެވެ.
އެ ރަށު ކައުންސިލްގެ މެމްބަރު އިބްރާހިމް ނަސީރު ވިދާޅުވީ ގެއްލިގެން ހޯދަމުންދާ އަންހެނަކީ ނަފުސާނީ ބައްޔަށް ބޭސްކުރަމުން އަންނަ މީހެއް ކަމަށް އެ އާއިލާ އިން މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި އޭނާ މިއަދު މޫދަށް ދިޔައީ ވެސް އާއިލާ އަށް ނާންގާ ކަމަށް ނަސީރު ވިދާޅުވި އެވެ.
އޭނާ މޫދަށް ދިޔައީ ރަށުގެ ބަނދަރާ ދިމާލަށެވެ. އަދި މޫދުން އަރައިގެން އެއްގަމަށް އެރި މަންޒަރު، ބައެއް މީހުންނާ ފެނިފައިވާ ކަމަށް ވެސް ނަސީރު ވިދާޅުވި އެވެ.
"ބައެއް މީހުން ޔަގީންކޮށްދޭ، މޫދުން އޭނާ އެއްގަމަށް އެރިކަން. ބަނދަރާ ދިމާލުން ގެ އަށް ދާން ވެގެން ބޮޑު މަގަށް އެރި ތަން ފެނުނު މީހުން އެބަތިބި. އޭގެ ފަހުން ހަބަރެއް ނުވެގެން މިއުޅެނީ،" ނަސީރު ވިދާޅުވި އެވެ.
އެމްއެންޑީއެފުން ވެސް ބުނީ ގެއްލުނު އަންހެން މީހާ ހޯދަން އެ ރަށުގެ ކަނޑުގެ ސަރަހައްދު ބަލަމުން އަންނަ ކަމަށެވެ. އަދި އެމްއެންޑީއެފްގެ ޑައިވަރުންގެ ޓީމުން ވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށް ބުންޏެވެ.
މި ފަހުން ދިމާވި ހާދިސާއެއްގެ ސަބަބުން ނަފުސާނީ ބައްޔަށް އެ އަންހެން މީހާ ބޭސްކުރާތާ ތިން މަހެއް ވަރު ވެއްޖެ އެވެ. މާލޭގައި ބޭސްކުރުމަށްފަހު އޭނާ ރަށަށް ދިޔައީ މިދިޔަ ހަފުތާގަ އެވެ. ކައިވެންޏެއް ކޮށްގެން އުޅޭ މި އަންހެން މީހާގެ ދެ ކުދިން އެބަ ތިއްބެވެ.