21 ޑިސެމްބަރ 2017 - 06:29

އިންޑިޔާގެ މަޝްހޫރު ކްރިކެޓް ކެޕްޓަން ވިރާޓު ކޯލީ އާއި ފިލްމީ ބަތަލާ އަނުޝްކާ ޝަރުމާގެ ލޯބީގެ ވާހަކައިން އެނގުނީ ހަގީގީ ލޯބިވާ މީހުން އަދިވެސް ދުނިޔޭގައި އުޅޭކަމެވެ. އިންޑިޔާގައި ބޮޑު ހަފުލާއެއްގައި ކައިވެނި ކުރުމުގެ ބަދަލުގައި އެމީހުން ކައިވެނި ކޮށްފައިވަނީ އިޓަލީގެ ޓަސްކެނީގައި ވަރަށް ޕްރައިވެޓް ރަސްމިއްޔާތެއްގަ އެވެ. އެމީހުން ކައިވެނި ކުރުމަށް ފަހު އެކަން އިއުލާންކުރީ ވެސް ސޯޝަލް މީޑިއާގަ އެވެ.
ނަމަވެސް އެމީހުން ކަންތައް ކުރި ގޮތް އިންޑިޔާގެ ސިޔާސީ ބައެއް މީހުންނަށް ހަޖަމްކުރެވުނު ކަމަކަށް ނުވެ އެވެ. އެމީހުން ވަނީ އެކަމާ ނުރުހުން ފާޅުކުރަން ފަށާފަ އެވެ.
އިންޑިޔާގައި ވެރިކަން ކުރާ ޕާޓީ ބީޖޭޕީގެ މީހެއް ކަމަށްވާ ޕަންނާލާލް ޝަކްޔާ ވަނީ އިންޑިޔާގެ ބަދަލުގައި ބޭރު ގައުމެއްގައި ވިރާޓު އާއި އަނުޝްކާ ކައިވެނި ކުރީ ކީއްވެތޯ ސުވާލު ކޮށްފަ އެވެ. އޭނާ ބުނި ގޮތުގައި އެމީހުންގެ ކާބަފައިން ވެސް ކައިވެނިކުރަނީ އަބަދުވެސް އިންޑިޔާގައި ތިބެގެންނެވެ. އަދި ވިރާޓު އާއި އަނުޝްކާ އަށް ފައިސާ އާއި މަޝްހޫރުކަން ލިބުނީ ވެސް އިންޑިއާގައި ކަމަށް ވާތީ ކައިވެނި ކުރަން ޖެހޭނީ ވެސް އިންޑިޔާގައި ކަމަށް އޭނާ ގަބޫލުކުރެ އެވެ.
އިޓަލީގައި ކައިވެނިކޮށް ފިންލެންޑްގައި ހަނީމޫން ހެދުމަށް ފަހު ވިރާޓު އާއި އަނުޝްކާ މިހާރު ތިބީ އިންޑިޔާގަ އެވެ. އިންޑިޔާގައި ދެ ރިސެޕްޝަނެއް އެމީހުން ބާއްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރެއިން ފުރަތަމަ ރިސެޕްޝަން އޮންނާނީ މިއަދު ނިއު ދިއްލީގަ އެވެ. މިއީ ދެ ފަރާތުގެ އާއިލާގެ މީހުންނަށް ބާއްވާ ހަފުލާއެކެވެ.
ދެ ވަނަ ހަފުލާ އޮންނާނީ ޑިސެމްބަރު 26 ގައި މުމްބައިގަ އެވެ. އެއީ ބޮލީވުޑާއި ކްރިކެޓް ދުނިޔޭގެ ނަން މަޝްހޫރު މީހުންނަށް ބާއްވާ ޕާޓީއެކެވެ.
އިންޑިޔާއިން ބޭރުގައި ކައިވެނި ކުރި ސަބަބު ހާމަކުރަމުން ވިރާޓު އާއި އަނުޝްކާގެ ގާތް އެކުވެރިއެއް ކަމަށްވާ ޓެނިސް ކުޅުންތެރިޔާ ސާނިޔާ މިރުޒާ ބުނީ އިންޑިޔާގައި ކައިވެނީގެ ރަސްމިއްޔާތު ބާއްވާ ނަމަ ނޫސްވެރިންނާއި އާއްމުން އެތަނަށް ގިނަ އަދަދަކަށް ޖަމާވެ ހަމަޖެހިލައިގެން އެކަން ކުރިޔަށް ނުގެންދެވޭނެތީ ކަމަށެވެ.