21 ޑިސެމްބަރ 2017 - 06:28

ގިނަ ދުވަސްތަކަކަށް ފަހު ޕްރިޔަންކާ ޗޯޕްރާ މި ދުވަސްކޮޅު ހުރީ ޗުއްޓީއެއްގައި މުމްބައިގަ އެވެ. ދާދި ފަހުން މުމްބައިގައި އޮތް އެވޯޑް ހަފުލާއެއްގައި ޕްރިޔަންކާ ވަނީ ޕާފޯމް ކޮށްފަ އެވެ.
ހަފުލާގައި ނޫސްވެރިއަކު ވަނީ ޕްރިޔަންކާ ކައިވެނިކުރަނީ ކޮން އިރަކުންތޯ ސުވާލުކޮށްފަ އެވެ. ޖަވާބުގައި އޭނާ ބުނީ ކައިވެންޏަކީ ރާވައިގެން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ހިތްހަމަޖެހޭ ސިފަތަކެއް ހުރި މީހަކު ލިިބިއްޖެ ނަމަ މިހާރުން މިހާރަށް ވެސް ކައިވެނި ކުރަން ތައްޔާރު ކަމަށާއި އެފަދަ މީހަކު އަދި ނުލިބޭ ކަމަށް ވެސް ބުންޏެވެ.
ތަންކޮޅެއް ކުރިން ވެސް ޕްރިޔަންކާ ވަނީ ކައިވެންޏާ ގުޅޭ ގޮތުން ވާހަކަ ދައްކާފަ އެވެ. އޭރު ޕްރިޔަންކާ ބުނެފައިވަނީ ކައިވެނި ކުރަން ވިސްނާ ކަމަށާއި ވަގުތު ޖެހުމުން އެކަން ވެސް ވާނެ ކަމަށެވެ.
އޭނާ ކައިވެނިކުރާ މީހަކު ވާނީ އޭނާގެ އިހްސާސްތަކާއި އުޅެން ޖެހޭ ގޮތް ދަންނަ އޭނާއަށް އެހީތެރިވާ މީހަކަށް ކަމަށް ވެސް ބުންޏެވެ.
ދާދި ފަހުން ޕްރިޔަންކާގެ މަންމަ މަދޫ ޗޯޕްރާ ވެސް ވަނީ ޕްރިޔަންކާގެ ކައިވެންޏާ ބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ. އޭނާ ބުނީ މިޒަމާނުގައި ވަރަށް ގިނަ ބައެއްގެ ކައިވެނި ރޫޅެމުންދާ ތަން ފެންނާ ކަމަށެވެ. އަދި މިހާރު ގިނަ މީހުންގެ އެކަކު އަނެކަކު ބަރުދާސްތު ކުރުމުގެ ކެތްތެރިކަން ނުހުންނަ ކަމަށް ވެސް ބުންޏެވެ. އެހެންވެ ޕްރިޔަންކާ ކައިވެންޏަކާ ހަމައަށް ދާނީ ކައިވެނީގެ ގުޅުމަށް ވަގުތު ދެވޭ ވަރު ވީމާ ކަމަށް އޭނާގެ މަންމަ ދެކެ އެވެ.