އޮޅުކޮށްގެން ގެންގުޅުނު ދެ ކުއްތާ ސާހިބުމީހާއަށް ހަމަލާދީ ކާލައިފި
އޮޅުކޮށްގެން ގެންގުޅުނު ދެ ކުއްތާ ސާހިބުމީހާއަށް ހަމަލާދީ ކާލައިފި

އެމެރިކާގެ އަވަށެއްގެ އަަންހެނަަކު ގެންގުޅުނު ދެ ކުއްތާ ގޮވައިގެން ހިނގާލަން ދަނިކޮށް އެ ދޭތި އޭނާއަށް ހަމަލާދީ، ހަށިގަނޑުން ބައެއް ކާލައިފި އެވެ.

އުމުރުން 22 އަހަރުގެ ބެތަނީ ސްޓެފަންސްގެ ހަށިގަނޑު ފެނުނީ އޭނާގެ ހަބަރެއް ނުވެގެން ހޯދަމުން ދަނިކޮށެވެ. އޭގެ ފަހުން ފުލުހުން ވަނީ އެކަން ހިނގައިދިޔަ ގޮތް، ބެތަނީގެ ހަށިގަނޑަށް ލިބިފައިވާ ގެއްލުންތަކާއި ކުއްތާގެ ބަނޑު ތެރޭގައި ހުރި އެއްޗެހިތަކަށް ބިނާކޮށް ހާމަކޮށްފަ އެވެ.

ފުލުހުން ބުނާ ގޮތުގައި މިދިއަ ހުކުރުދުވަހު ދެ ކުއްތާ ފެނުނު އިރު އެ ދޭތި ކަމުންދިޔައީ ޖަނަވާރެއްގެ ބައި ކަމަށް ފުރަތަމަ ހީވި އެވެ. އެކަމަކު އެއީ ބެތަނީގެ ހަށިގަނޑު ކަމަށް ފުލުހުން ބުނެ އެވެ.

"އަހަރެން ބަލަން ހުރި، އަދި އެހެން ހަތަރު އޮފިސަރުން ވެސް ބަލަން ތިބި،" އަންހެންމީހާ ނިސްބަތްވާ ހިސާބުގަނޑުގެ ފުލުހުންގެ އިސް މީހެއް ކަމަށްވާ ޖިމް އަގުނޫ ބުންޏެވެ.

"ކުއްތާތައް ކަމުން ދިޔައީ އަރިކަށީގެ ބައިތައް."

އޭނާ ބުނި ގޮތުގައި ބެތަނީއަށް ފުރަތަމަ ހަމަލާދީފައި ވަނީ ކަރަށާއި މޫނު މައްޗަށެވެ. އޭގެ ފަހުން އޭނާ ވެއްޓި ހޭނެތުނީ އެވެ. ސާހިބުމީހާ މަރާލީ އޭގެ ފަހުން ދިން ހަމަލާތަކުގައި ކަމަށް ފުލުހުން ބުނެ އެވެ.

ދެ ކުއްތާ ފުރަތަމަ ފެނުނީ ބެތަނީ ގެއްލިގެން ހޯދަމުން ދިޔަ އޭނާގެ ބައްޕައަށެވެ. އޭގެ ފަހުން ފުލުހުންނަށް އެންގުމުން ފުލުހުން އެތަނަށް ދިިޔައީ އެވެ.

ފުލުހުން ފުރަތަމަ އުޅުނީ ބެތަނީގެ ހަށިގަނޑު އޮތް ގޮތުގެ ފޮޓޯތައް ހާމަނުކުރާށެވެ. އެކަމަކު ކުޑަކުޑަ އަވަށަކަށް ވާތީ، އަދި ގާތިލަކު ދޫވެގެން އުޅޭކަމުގެ ބިރު އާންމުންގެ ތެރޭގައި ބޮޑުވެދާނެތީ ހުރިހާ މައުލުމާތެއް ފުލުހުން ހާމަކުރީ އެވެ.

ކުރިން ބެލެވުނީ މީހަކު ނުވަތަ ބަޔަކު ބެތަނީ މަރާލީ ކަމަށެވެ.

ދެ ކުއްތާ ކުޑައިރުއްސުރެ ގެންގުޅެ ބޮޑުކުރި ފަހުން އެހާ އަނިޔާވެރި ގޮތަކަށް ބަދަލުވި ސަބަބުތަކާ މެދު ބެތަނީގެ ރައްޓެހިންގެ ހިިތުގައި އެތައް ސުވާލެއް ވަނީ އުފެދިފަ އެވެ. އެއް ރައްޓެއްސަކު ބުނި ގޮތުގައި ދެ ކުއްތާ އުޅުނީ ވަރަށް ހިތްހެޔޮކަމާ އެކު ލޯބިންނެވެ.

އާއިލާގެ ހުއްދައާ އެކު ދެ ކުއްތާ މިހާރު ވަނީ މަރާލައިފަ އެވެ.