10 ޖުލައި 2016 - 13:14

ބަޣުދާދު (ޖުލައި 10) - މޮސޫލް ހިފުމުގެ އޮޕަރޭޝަނުގައި އެ ސިޓީގެ ދެކުނުން އޮތް މުހިންމު ވައިގެ މަރުކަޒެއް އިސްލާމިކް ސްޓޭޓް (އައިއެސް) ގެ އަތް ދަށުން ހިފާފައިވާ ކަމަށް އިރާގުގެ ބޮޑު ވަޒީރު ހައިދަރު އަލް އަބާދީ ވިދާޅުވެއްޖެ އެވެ.

މޮސޫލްގެ ދެކުނުން 35 މޭލު ދުރުގައި ނިމްރު ވާދީގައި އޮންނަ ގައްޔާރާހު ވައިގެ މަރުކަޒު ހިފުމަކީ މޮސޫލް ހިފުމުގައި ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް އަބާދީ ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެ އެވެ. އަދި މޮސޫލް ހިމެނޭ ނިނެވާހު ޕްރޮވިންސްގެ ރައްޔިތުން ތައްޔާރުވެ ތިބުމަށް އަބާދީ ވަނީ އެދިވަޑައިގެންފަ އެވެ.
އިރާގުގެ ޖޮއިންޓް އޮޕަރޭޝަންސް ކޮމާންޑުން ބުނީ ސިފައިންގެ ދެ ޑިވިޝަނަކާއި ކައުންޓަ ޓެރަރިޒަމް ޔުނިޓްތަކުން ވައިގެ މަރުކަޒު ހިފީ އެމެރިކާ ކޯލީޝަނުގެ ވައިގެ ހަމަލާތަކުގެ އެހީގައި ކަމަށެވެ. އިރާގުގެ ސަލާމަތީ ފަރާތްތަކުން ބުނީ ވައިގެ މަރުކަޒު ހިފުމާ އެކު އައިއެސްގެ ހަނގުރާމަވެރިން ފިލަން ދުވެފައިވާ ކަމަށެވެ. އޮޕަރޭޝަނުގައި ބައިވެރިވި އޮފިސަރަކު ބުނީ އައިއެސް އިން ހަރުކޮށްފައިވާ މައިންތަކާއި ދަންތުރަތައް ދަނީ ބޮން ނައްތާލާ ޓީމުތަކުން ނަގަމުން ކަމަށެވެ.
މިދިޔަ މަހު ފަހުކޮޅު އިރާގު ސިފައިން ވަނީ ބަޣުދާދުގެ ހުޅަނގުން 30 މޭލު ދުރުގައި އޮންނަ ފައްލޫޖާ ހިފައިފަ އެވެ. ވޭތުވެދިޔަ ދުވަސްތަކުގައި އައިއެސްގެ އަތް ދަށުން ވަނީ މުހިންމު ބިންތައް ގެއްލިފަ އެވެ. ޖޫން 26 ވަނަ ދުވަހު އަބާދީ ވިދާޅުވެފައި ވަނީ ވަރަށް އަވަހަށް މޮސޫލްގައި ވެސް އިރާގުގެ ދިދަ ނަގާ މަންޒަރު ފެނިގެންދާނެ ކަމަށެވެ. އަބާދީ އިއްޔެ ވިދާޅުވީ މޮސޫލް ހިފުމުގައި އިރާގު ސިފައިންގެ ލަޝްކަރު 60 މޭލު ކުރިއަށް ޖެހިފައިވާ ކަމަށެވެ.