12 ޖުލައި 2016 - 05:36

ޝެނަލްގެ ބާނީ ކޯކޯ ޝެނަލްގެ ޒަމާނުގައި ފެޝަން ޝޯ ބާއްވަމުން އައީ އޭނާގެ ސްޓޫޑިއޯގަ އެވެ. ނަމަވެސް މިއަހަރުގެ ޝެނަލް އޯޓް ކުޓުއާ ޝޯއަށް ސްޓޫޑިއޯގައި އަވަދިނެތި މަސައްކަތް ކުރަމުންދާ ފެހުންތެރިން ބެލުންތެރިންނާ ހަމައަށް ގެނެސްދިނެވެ.

"ކޮންމެ ހެދުމެއްގެ ފަހަތުގައި 200 ފެހުންތެރިންނާއި މަސައްކަތްތެރިން ވޭ. އެއީ ވަރަށް ގިނަ މީހުން ދެއްތޯ؟ އެހެންވެ އަހަރެން ވިސްނީ އާއްމުންނަށް އެމީހުން ދައްކާލަން" ޝެނަލްގެ ޑިޒައިނާ ކާލް ލަގަފެލްޑް ބުންޏެވެ.

ޝެނަލް އޯޓް ކުޓުއާ ހެދުންތައް ލައިގެން މޮޑެލުން ހިނގަމުން ދިޔައިރު ފަހަތުގައި ތިބީ ޝެނަލްގެ ފެހުންތެރިންނެވެ. ހެދުން ކަނޑައި ހެޔޮވަރުކޮށް ފަހާ އަދި މިނާ ހަރުކުރާތަން ޝޯ ބަލަން ދިޔަ މެހެމާނުންނަށް ދައްކާލި އެވެ. ބޮޑެތި ފެޝަން ހައުސްތަކުގައި މަސައްކަތްކުރާ ފެހުންތެރިންނަކީ އާއްމުންނަށް ފެންނަ ބައެއް ނޫނެވެ. އެހެންވެ މިއަހަރުގެ ޝެނަލް ޝޯގައި މި ފެނިގެން ދިޔައީ ފެޝަން ހައުސެއްގެ ވަރަށް ބޮޑު އަދި މުހިއްމު ބައެކެވެ.

ހާއްސަކޮށް އޯޓް ކުޓުއާ ޝޯއަކަށް މިއީ ވަރަށް އެކަށީގެންވާ ކަމެކެވެ. ސަބަބަކީ އޯޓް ކުޓުއާ އަކީ އެންމެ މަތީ ފަންތީގެ ފެޝަނަށް ވުމުން އައުޓް ކުޓުއާ ހެދުމެއް ފަހަން ކުރާ ބުރަ މަސައްކަތް އާއްމުންނަށް ދައްކާލުން މުހިންމުވާތީ އެވެ.
ޝެނަލްގެ ޝޯގައި މިފަހަރު ދައްކާލީ ވަރަށް ތަފާތު ހެދުންތަކެކެވެ. ފަހާ ސްޓޫޑިއޯއެއްގައި ހުންނަ ފޮތި ފޭލިތަކާއި ޑަމީތައް އަދި ފަހާފޮށިތަކުގެ ކުރިމަތިން މޮޑެލުން ހިނގާލާފައި ދިޔަ މޮޑެލުން ލައިގެން ތިބީ ވަރަށް ލަތީފީ އެކަމަކު ޒަމާނީ ހެދުންތަކެކެވެ.
ވަކިވަކިން ޑައިކޮށްފައި ހުރި ދޫނި ފަތް ހަރުކޮށްފައި ހުރި މަޑު ފިޔާތޮށި ކުލައިގެ ގައުނަކާއި ފަށުވިން އެމްބްރޮއިޑަރީ ހަދާފައި ހުރި ސްކާޓު އަދި ފުޅާ ސްޓައިލަކަށް ކޮނޑު ހުންނަ ޑިޒައިން ވެސް ފެނިގެންދިޔަ އެވެ. ޝެނަލްގެ ޓްވީޑް ޖެކެޓު ވެސް މަޑު ކުލަތަކެއް ބޭނުންކޮށްގެން ފަރުމާކޮށްލައިފައިވެ އެވެ.
ޝޯ ނިންމާލީ ކާލް އާއި ހުރިހާ ފެހުންތެރިންނާ އެކު ސްޓޭޖް މަތީ ހިނގާލުމަށް ފަހު އެވެ. ޝެނަލްއިން އެ ބްރޭންޑަށް މަސައްކަތް ކޮށްދޭ މީހުން ފާހަގަކުރުމުގެ ސަބަބުން ފެޝަން ދާއިރާގެ އެތައް ބައެއްގެ ތަރުހީބާއި ސާބަސް ލިބުނެވެ.