20 ޑިސެމްބަރ 2017 - 06:09

އާދިއްތަ ދުވަހާ ގުޅޭ
ރާޝިދުގެ އޮފީހުގައި އުޅެނީ ޖުމުލަ ނުވަ މުވައްޒަފުންނެވެ. އޭގެ ތެރޭގައި ހަތް ފިރިހެނުން އުޅެއެވެ. ކަންޗަނާ އޮފީހަށް ފުރަތަމަ ނުކުތް ދުވަހު، އެހެން މުވައްޒަފުންނަށް ކަންޗަނާ ފެނުނީ މޮޑެލްކުރާ ކުއްޖެއް ގޮތުގައެވެ. ކަންޗަނާ ލައިގެންހުރި ހެދުމަކީ، ރަސްމީ ވަޒީފާއަކާ އެކަށޭނަ ހެދުމެއް ނޫނެވެ. އަންހެން މުވައްޒަފުން އެ ކަމާ ކުދި ކިއެވެ. ފިރިހެނުން ކިއީ މަރުޙަބާއެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ކޮންމެ މުވައްޒަފަކީ ވެސް ކަންޗަނާއަށް ގާތް އެކުވެރިއެކެވެ. ހީވަނީ އެކުވެރިކަމަށް ދެތިން އަހަރު ވެފައިވާހެންނެވެ. ވާހަކަދައްކާއިރު ހިނިތުންވުމާއި، ކޮނޑުގައި ފިރުމައިލުމަކީ ކަންޗަނާގެ އާދައެކެވެ. އަތުގައި ހިފެނީ ވެސް ނުވެސް ދެނަހުއްޓައެވެ. ކަންޗަނާއަކީ ރާޝިދުގެ ކާކުކަމެއް ރާޝިދު ނުބުނެއެވެ. އެހެންކަމުން އެ ކަން އޮތީ ސިއްރުވެފައެވެ.
މުންޒިރު އޮފީހަށް އައިއިރު ކަންޗަނާ އިނީ ރާޝިދުގެ ކޮޓަރީގައެވެ. އޮލަ ވާހަކައެއްގައެވެ.
"އެއީ މުންޒިރު. އަހަރެންގެ ޕާޓްނަރ،" ރާޝިދު ބުންޏެވެ. "މީ ކަންޗަނާ! ސޭލްސް އެންޑް މާކެޓިން އެސިސްޓަންޓް."
ކަންޗަނާއާ ހަތަރުކަޅި ހަމަވި ގޮތަށް މުންޒިރަކަށް އެހެން ދިމާއެއް ނުބެލުނެވެ. ދެ މީހުން ސަލާން ކޮށްލިއެވެ.
"ކަންޗީ ކިޔާ!" ކަންޗަނާ ހިނިތުންވެފައި އިނގެރޭސިބަހުން ބުންޏެވެ. "ކޮންއިރަކުން އަހަންނަށް ކޮފީއަކަށް ދަޢުވަތު ދޭނީ؟"
މުންޒިރަކީ ތިން ކުދިންގެ ބައްޕައެކެވެ. އެކަމަކު ހުސްހަށިބައި ވެފައިވާ މީހެކެވެ. އުޅެނީ ވަރަށް ދިވެހި ވެގެންނެވެ. ކައިވެނި ކުރާނެ ގެވެހި އަންހެނަކު ނުފެނިގެންނެވެ. މުންޒިރު ދެކޭ ގޮތުގައި ބިދޭސީ އަންހެނުންނާ ކައިވެނިކުރާ ދިވެހިންނަކީ ދުރު ނުވިސްނޭ ބަޔެކެވެ. ވީމާ، އެހާ ފަސޭހައިން ކަންޗަނާގެ ޖާދޫގައި މުންޒިރު ޖެހިދާނެ ކަމަކަށް ރާޝިދު ހިޔެއް ނުކުރެއެވެ. އެކަމަކު މުންޒިރުގެ މޫނު ރާޝިދަށް ފެނެއެވެ. ކަންޗަނާގެ އަތުން މުންޒިރަކަށް ދުލެއް ނުކުރެވުނެވެ. ނުދެނަހުރިކަމަށް ހެދިފައި މުންޒިރުގެ އަތް ދަމައިގެންފައި ރާޝިދު ސަލާން ކޮށްލިއެވެ.
"ކޮބާ ދަތުރު ކިހިނެއް؟" ރާޝިދު އެހިއެވެ. "ޗައިނާ އެޖެންޓް ނާހާތަ މަގޭ ވާހަކައެއް؟ ކަންޗީ ދެން ހެޔޮ ދިޔަސް އިނގޭ."
ކަންޗަނާ ހިނިތުންވެލައިފައި، ފަރިކޮށް ހިނގައިލައިފައި ނުކުތެވެ. މުންޒިރަކަށް އެހެން ދިމާއެއް ނުބެލެއެވެ.
"ކަލޭ ކޮންތާކުން އަތުލައިގަތް ކުއްޖެއް؟" ގޮނޑީގައި އިށީންނަމުން މުންޒިރު އެހިއެވެ.
ރާޝިދު ބޭނުންވީ އެ ވާހަކަ އޮއްބައިލާށެވެ. އަވަސްއަވަހަށް ވަތްގަނޑުން ފައިލެއް ނަގައިފައި ހުޅުވައިލިއެވެ. އަލަށް ގެނައި ސާމާނުތަކުގެ ލިސްޓެއް މުންޒިރަށް ދައްކައިލިއެވެ. މުންޒިރުގެ ސަމާލުކަމެއް ނުހޯދުނެވެ. ފައިލު ލައްޕައިލައިފައި މުންޒިރު ދައްކަން ބޭނުންވީ އެހެން ވާހަކައެކެވެ. ކަންޗަނާގެ ވާހަކައެވެ. ރާޝިދަކަށް އެ ކަން ކަމަކުނުދިޔައެވެ. މަޞްލަޙަތަށް ޓަކައި އެހެން ނުބުންޏެއްކަމަކު ރާޝިދު ހިތްހަމައެއް ނުޖެހުނެވެ. ހިތަށްއެރިއެވެ. ކަންޗަނާ މާލެގެނައުން އެއީ ރާޝިދަށް ކުރެވުނު ކުށެއް ހެއްޔެވެ؟ އެކަމަކު އޭނަ ފޮނުވައިލެވޭކަށް ވެސް ނެތެވެ. ރާޝިދަށް ދުރުގައި ނުހުރެވޭނެތީއެވެ.
ކަންޗަނާ ހުންނަނީ މެހުމާންސަރާއެއްގައެވެ. އެ ތަނުން ރާޝިދުގެ ކުންފުންޏަށް ޚާއްޞަ ޑިސްކައުންޓެއް ދޭތީއެވެ. ރޭގަނޑު ދިހައެއް ޖަހަނިކޮށް ރާޝިދު އެ ތަނަށް ދިޔައެވެ. އޭރު މުންޒިރު އެ ތަނުން ނުކުންނަނީއެވެ. ރާޝިދަށް މަޖުބޫރުވީ ފިލާށެވެ. ކަންޗަނާ ކިތަންމެ ރީއްޗަސް އޭނަގެ މިޒާޖު ރާޝިދަށް އެނގެއެވެ. އެއްވެސް ކަމެއް ކުރާކަށް ކަންޗަނާ ޖެހިލުމެއް ނުވާނެއެވެ. އަދި ކަންޗަނާ ގަޔާވާ ކަހަލަ މީހަކު ފެނިއްޖެއްޔާ ދެން އެ ނިމުނީއެވެ. މުންޒިރަކީ ރީތި މީހެކެވެ. މަހުޖަނެކެވެ. ރާޝިދުގެ ހުރިހައި މަސައްކަތެއް ފެނަށް ވުމަކީ ދާދި ގާތުގައި އޮތް ކަމެކެވެ.
ޖެހިގެން އައި ރޭ ރާޝިދު ގުޅައިލިއިރު ވެސް މުންޒިރު އުޅެނީ ކަންޗަނާގެ ކޮޓަރީގައެވެ. މުންޒިރު ވާހަކަދެއްކި އަޑު ރާޝިދަށް އިވުނެވެ.
"މުންޒިރުތަ އެއީ؟" ރާޝިދު އެ ސުވާލުކުރީ ކަންޗަނާގެ ތެދުވެރިކަން ވަޒަންކޮށްލުމަށް ޓަކައެވެ.
"އާނ!" ތަންކޮޅެއް މަޑުމަޑުން ކަންޗަނާ ބުންޏެވެ. "އޮފީސްކަމަކު ވާހަކަދައްކާލަން ވެގެން."
ރާޝިދަކީ ކުޑަ ކުއްޖެއް ނޫނެވެ. ވާނުވާ ވަރަށް ރަނގަޅަށް ރާޝިދަށް އެނގެއެވެ.
"ބުނަން ރަނގަޅު ވާހަކައެއް. ތީ ރަނގަޅު ކަމެއް ނޫން،" ރާޝިދު މަސައްކަތް ކުރީ ވިސްނައިދެވޭތޯއެވެ. "އޭނަގެ ތިބޭނެ ތިން ކުދިން ވެސް."
ރާޝިދު ބޭނުންވީ މުންޒިރު ބޭޒާރުކޮށްލާށެވެ. ކަންތައް ވީ ދިމާ އިދިކޮޅަށެވެ.
"އެއީ އަހަންނާ ބެހޭ ކަމެއް ނޫނެއްނު،" ކަންޗަނާގެ ފަރާތުން ލިބުނީ ރާޝިދު އުންމީދުކުރި ޖަވާބެއް ނޫނެވެ. "ރައްޓެއްސެކޭ އެއީ."
ކަންޗަނާގެ ރައްޓެހިކަމަކީ ކޮބައިކަން ރާޝިދަށް އެނގެއެވެ. ރައްޓެހިންނަކީ ހަމައެކަނި ރޭގަނޑު ބައްދަލުކުރާ ބައެއް ނޫނެވެ.
"ތީ ދެން ކޮން ކަމެއް ކަންޗީ؟" ރާޝިދު ބުންޏެވެ. "ލާރި ބޭނުންވެގެންތަ ތި އުޅެނީ؟ ކިހާ ލާރިއެއް ދޭންވީ؟"
"އަހަރެން ދައްކާ ވާހަކަ ގަބޫލުނުކުރެވެންޏާ ކީއްކުރަން އަހަރެން ގެނައީ؟" މަޑުމަޑުން ކަންޗަނާ ބުނެލިއެވެ. "އަހަރެން ހީކުރީ..."
"ދެން ތި ފޯނުގަނޑު ބާއް.." ފޯނު ކަނޑައިލުމުގެ ކުރިން މުންޒިރުގެ އަޑުކޮޅެއް ރާޝިދަށް އިވުނެވެ.
މުންޒިރަކީ ވިޔަފާރީގެ ހަމަހަމަ ހިއްސާދާރެކެވެ. އޭނަ ބޭނުންވެއްޖެއްޔާ ކަންޗަނާ އޮފީހުން ކަނޑައިލެވޭނެއެވެ. ނުވަތަ އޭނަގެ މިލްކަކަށް ކަންޗަނާ ހެދިދާނެއެވެ. އެ އިން އެއްވެސް ކަމަކަށް ހުރަހެއް ނެތެވެ. މަންޒަރު ބަލާކަށް ރާޝިދު ނުހުންނާނެއެވެ. ކަންޗަނާ ޖެހޭނީ އެނބުރި ރަށަށް ދާށެވެ. ރާޝިދު ފުންކޮށް ވިސްނައިލިއެވެ. މުންޒިރު ބޭނުން ނަމަ ޖެހޭނީ އަލުން ކަންޗަނާ ހުރި ތަނަކުން ހޯދާށެވެ. މާލެ ގެންނާށެވެ. ހިހޫ ތަނުން ކާކަށް ރާޝިދު ފުރުޞަތެއް ނުދޭނެއެވެ. މައްސަލައަކީ ކަންޗަނާގެ ސިފައެވެ. މުޅި މާލެއިން ވެސް ނުފެންނަހާ ރީތި ކުއްޖަކު ގެނައިމަ އެންމެނަށް ވުރެ ބޮޑަށް އޭނަ އަޅައިގަންނަނީއެވެ. އެ މައްސަލަ ޙައްލުކުރަން ރާޝިދަށް ފެނުނީ އެންމެ ގޮތެކެވެ. ބެންކޮކުގައި ކަންޗަނާ ބެހެއްޓުމެވެ. ރާޝިދު ކުރާ ކޮންމެ ދަތުރެއްގައި ކަންޗަނާ ބައިވެރި ކުރެވިދާނެއެވެ. މާލެ އަންނަމުން ކަންޗަނާ ބަހައްޓަން ޖެހޭނީ ބެންކޮކުގައެވެ. އެކަމަކު އެ ތަނަކީ ވެސް ދިވެހީން އާންމުކޮށް ދާ ތަނެކެވެ. ފަހަރެއްގައި ދިވެއްސެއްގެ ލޮލުގައި ކަންޗަނާ އަޅައިގެންފާނެއެވެ. އޮތީ އެންމެ ގޮތެކެވެ. އަންބަކަށް ހަދައިފައި ބެންކޮކްގައި ކަންޗަނާ ބެހެއްޓުމެވެ. އެ ކަމެއް ރާޝިދު ނުކުރާނެއެވެ.
"މަގޭ ސަލާމަތް މަ ހޯދަންވީ." ހިތާހިތުން ރާޝިދު ބުނެލިއެވެ.
ހެނދުނު އޮފީހަށް ގޮސް ފުރަތަމަ ކަމަކަށް ރާޝިދު ކުރި ކަމަކީ، ފުރަން ތައްޔާރުވާން ކަންޗަނާއަށް އެންގުމެވެ. ކަންޗަނާ ތެޅިފޮޅިގަތެވެ. ރާޝިދުގެ ނިންމުން އެހާ އަވަސްވެފައި ހަރުކަށި ވެދާނެ ކަމަކަށް ކަންޗަނާ ހިޔެއް ނުކުރެއެވެ. މައްސަލައަށް ޙައްލެއް ހޯދަން ކަންޗަނާ ވާހަކަދެއްކިއެވެ. ރާޝިދު ތިން ޝަރުތެއް ހުށައެޅިއެވެ. އޮފީހުގެ އެހެން މީހުންނާ އޮންނަ ގުޅުން ކުޑަ ކުރުމެވެ. މުންޒިރާ އޮތް ގުޅުން އެއްކޮށް ކަނޑައިލުމެވެ. އެއްވެސް ދިވެއްސަކާ ގާތް ގުޅުމެއް ނުބޭއްވުމެވެ. ކަންޗަނާ އެއްބަސްވިއެވެ. އެކަމަކު ކަންޗަނާ ވެސް ޝަރުތެއް ހުށައެޅިއެވެ. ރާޝިދުގެ އަންބަކަށް ކަންޗަނާ ހެދުމެވެ. މާލެއަށް ކަންޗަނާ އައީ އެ ބޭނުމުގައެވެ. އެ ޝަރުތު ރާޝިދު ގަބޫލެއް ނުކުރިއެވެ.
ކަންޗަނާގެ ޓިކެޓު ގެނެސް ކަންޗަނާޔާ ހަވާލުކުރިއެވެ. ތިން ދުވަސް ތެރޭގައި ކަންޗަނާ ފުރަންޖެހެއެވެ. އެ ނިންމުމަކީ ރާޝިދަށް ފަސޭހަ ނިންމުމެއް ނޫނެވެ. ރަށަށް ދާކަށް ކަންޗަނާ ބޭނުމެއް ނޫނެވެ. އެ ދިރިއުޅުން ކަންޗަނާއަށް ފަސޭހައެއް ނޫނެވެ. އެންމެ ފަހުން ނިންމީ ރާޝިދު އެދުނު ގޮތް ގަބޫލުކުރާށެވެ. އެ ދުވަސްކޮޅު ރާޝިދު އޮފީހަކަށް ނުނިކުމެއެވެ. ފޯނެއް ނުނަގައެވެ. ރާޝިދުގެ ގެ ކަންޗަނާއަށް ދެއްކުނު ހަނދާނެއް ރާޝިދު ނެތެވެ. ރާޝިދު ހީކުރީ ކޮނުނު ހުރިހައި ވަޅަކަށް ފަސްއަޅައި ނިމެނީ ކަމަށެވެ.
ކަންޗަނާ ބޭނުންވީ ރާޝިދާ ބައްދަލުކުރާށެވެ. ވީމާ، ޓެކްސީއަކަށް އަރައިގެން މަންޒިލު ހޯދުމަށް ޓަކައި ދަތުރު ފެށިއެވެ. ހަނދާނަށް ބަރޯސާވެގެން މާލޭ މަގުތަކުގައި ދުއްވިއެވެ. ރާޝިދުގެ ގެ ފެނުނީ އެ މަގުން ވެސް އެތައް ފަހަރަކު ގޮސްގެންނެވެ. އެ ގޭދޮށަށް ކަންޗަނާ ފޭބިއެވެ. ގޭގެ ދޮރު ހުރީ ތަޅުލައިފައެވެ. ދޮރުމަތީގައި ހުރެގެން ވެސް ރާޝިދަށް ގުޅަން ކަންޗަނާ މަސައްކަތް ކުރިއެވެ. ރާޝިދު އިނީ ފޯނަށް ބަލަހައްޓައިގެންނެވެ. އިތުރަށް ރާޝިދު ދައްކާނެ ވާހަކައެއް ނެތެވެ. ގެއަށް ވަންނާނެ ގޮތަކާ މެދު ވިސްނަން ކަންޗަނާ ހުއްޓައި، އެ ގެއިން މީހަކު ނުކުތެވެ. ދަނޑިވަޅު ބަލައިފައި ކަންޗަނާ އެތެރެއަށް ދެމިގަތެވެ. ރާޝިދު ދިރިއުޅެނީ ކޮން އެޕާޓުމަންޓެއްގައި ކަމެއް ކަންޗަނާއަކަށް ނޭނގެއެވެ. ނަސީބަކުން ލިފްޓު ކައިރީގައި ބޯޑެއް ހުއްޓެވެ. ރާޝިދުގެ އެޕާޓުމަންޓުގައި ނަން ޖަހައިފައި އޮތެވެ. ލިފްޓަށް އަރައިގެން ގޮސް ރާޝިދުގެ އެޕާޓުމަންޓު ދޮރުމައްޗަށް ކަން×ޗަނާ ހުއްޓުނެވެ. ކިތަންމެ ހަމަޖެހެން މަސައްކަތް ކުރި ނަމަވެސް ކަންޗަނާ ހުރީ ހާސްވެފައެވެ. ކަންޗަނާ ރަނގަބީލު ޖަހައިލިއެވެ. ދޮރު ހުޅުވީ އަންހެނެކެވެ. ވަރަށް އާދައިގެ ޓީޝާޓަކާއި ސޯޓެއް ލައިގެން، ދާހިތްލައި ފޯވެފައި ހުރި މީހެކެވެ. އަތުގައި ފިހިގަނޑެއް އޮތެވެ. ކަންޗަނާ ހީކުރީ އެއީ ގޭގައި ގެންގުޅޭ މީހާ ކަމަށެވެ. ޙަޤީޤަތުގައި އެއީ ރާޝިދުގެ އަންހެނުން ނާދިޔާއެވެ. ނުވެސް ދަންނަ ބިދޭސީ ކުއްޖަކު ދޮރުމަތީގައި ހުރުމުން ނާދިޔާ ސުވާލުކުރިއެވެ. ކުއްލިއަކަށް ރާޝިދުގެ ނަން ކަންޗަނާ ހަނދާންނެތުނެވެ. ކުޑަ އިރުކޮޅެއް ކުރިން ކަންޗަނާ އެ ނަން ހަނދާން ހުއްޓެވެ.
"ބޮސް އެބަ އުޅޭތަ؟" ކަންޗަނާ ސުވާލުކުރިއެވެ.
"ބޮހޭ؟" ނާދިޔާ އެހިއެވެ. "ކޮން ބޮހެއް؟ ކުއްޔަށް ދޭ އެޕާޓުމަންޓުތައް ހުންނާނެ ތިރީގަ."
ނާދިޔާ ކިއި އެއްޗެއް ކަންޗަނާއަކަށް ނޭނގުނެވެ. ބަލަހައްޓައިގެން ހުރީއެވެ. ނާދިޔާ ދޮރު ލައްޕަން އުޅުމުން މަޑުކޮށްލުމަށް ކަންޗަނާ އެދުނެވެ. އަތުގެ އިޝާރާތުންނެވެ. އަދި ފޯނު ނަގައިފައި ރާޝިދުގެ ފޮޓޯއެއް ދައްކައިލިއެވެ. ކަންޗަނާޔާ އެކުގައި ނަގައިފައިވާ އެ ފޮޓޯގައި ރާޝިދު ހުރީ ގަމީސް ނުލައެވެ. ނާދިޔާއަށް ލިބުނީ ވަރުގަދަ ސިހުމެކެވެ. ފޯނު ޖަހައިގަނެވުނެވެ. އެ ފޮޓޯ ކައިރިން ބަލައިލެވުނެވެ. އެއީ ރާޝިދެވެ. ނާދިޔާގެ ފިރިމީހާއެވެ. ފޮނިދައްކަންވެގެން ރާޝިދު ހިފައިގެން ހުރީ މާލޭގެ ފިހާރަތަކުން ގަންނަން ލިބޭ ކަހަލަ ފުޅިއެއް ނޫނެވެ. ކަންޗަނާގެ އަތުގައި ނާދިޔާ ހިފިއެވެ. އެތެރެއަށް ގެނެސް ސޯފާގައި ބޭންދިއެވެ. ޖޫސްތަށްޓެއް ގެނެސްދީފައި މަޑުކޮށްލުމަށް އެދުނެވެ. ކޮޓަރިއަށް ވަދެފައި ރާޝިދަށް ގުޅިއެވެ.
"އާދެބަލަ ގެއަށް،" ނާދިޔާ އެދުނެވެ. "ވަރަށް ވަރަށް ބޮޑު ސަޕްރައިޒެއް ދޭންވެގެން."
ނުނިމޭ