19 ޑިސެމްބަރ 2017 - 17:05

ރައީސް އަބްދުﷲ ޔާމީންގެ ދައުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބް ރައްޒާގުގެ ދެކަނބަލުން މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން، ބޮޑުވަޒީރުގެ ދެކަނބަލުންނަށް މަރުހަބާ ދެންނެވީ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް އާއި ހޯމް މިނިސްޓަރު އަހްމަދު އަޒްލީން އެވެ.

މެލޭޝިއާގެ ބޮޑުވަޒީރަށް ރައީސް ޔާމީން ރަސްމީކޮށް މަރުހަބާ ދަންނަވާނީ މާދަމާގެ ވަގުތެއްގަ އެވެ. އެ ރަސްމިއްޔާތު އޮންނާނީ މާލޭގަ އެވެ.
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ އަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅުގައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރަން ރަސްމީ ބައްދަލުވުންތައް ބޭއްވެވުމުގެ އިތުރުން އެއްބަސްވުންތަކެއްގައި ސޮއިކުރައްވާނެ އެވެ. އެކި ދާއިރާތަކުން ޖުމްލަ ހަތަރު އެއްބަސްވުމެއްގައި ސޮއިކުރަން ހަމަޖައްސާފައިވާއިރު، އޭގެތެރޭގައި އިގްތިސާދީ ދާއިރާ އާއި ސިއްހީ ދާއިރާގެ އިތުރުން ތައުލީމީ ދާއިރާ ހިމެނެ އެވެ.
މި އެއްބަސްވުންތަކުގައި ސޮއިކުރައްވާނީ ރައީސް އޮފީހުގައި މާދަމާ ބާއްވާ ހާއްސަ ރަސްމިއްޔާތުގަ އެވެ.
މިއީ މިދިޔަ 33 އަހަރުގެ ތެރޭގައި، މެލޭޝިއާގެ ބޮޑުވަޒީރަކު ރާއްޖެ އަށް ދަތުރުފުޅެއް ކުރައްވާ ފުރަތަމަ ފަހަރެވެ. މެލޭޝިއާގެ އޭރުގެ ބޮޑުވަޒީރު މަހާތީރު މުހައްމަދު ރާއްޖެ ވަޑައިގަތީ 1984 ގަ އެވެ.
މެލޭޝިއާގެ ބޮޑުވަޒީރާއެކު އެ ގައުމުގެ އިންޓަނޭޝަނަލް ޓްރޭޑް އެންޑް އިންޑަސްޓްރީ މިނިސްޓަރާއި ހަޔަ އެޑިއުކޭޝަން މިނިސްޓަރާއި ހެލްތު މިނިސްޓަރުގެ އިތުރުން ޑެޕިއުޓީ ފޮރިން މިނިސްޓަރު ވެސް ރާއްޖެ ވަޑައިގަންނަވާނެ ކަމަށް އެ ގައުމުގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، މިހާތަނަށް ވަނީ ދެ ފަހަރެއްގެ މަތިން މެލޭޝިއާ އަށް ވަޑައިގެންފަ އެވެ. މިދަތުރުފުޅުތަކުގައި އެކި ދާއިރާތަކުން ރާއްޖެ އަށް ލުއި ފަސޭހަތައް ހޯއްދަވައިދެއްވަން މަޝްވަރާކުރެއްވި އެވެ. މި މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން، މެލޭޝިއާ އަށް ދާ ދިވެހިންނަށް 90 ދުވަހުގެ އޮން އެރައިވަލް ވިސާ ދޭން އެ ގައުމުގެ ސަރުކާރުން ވަނީ ނިންމައިފަ އެވެ. ދިވެހިންނަށް ކުރިން ދެނީ 30 ދުވަހުގެ އޮން އެރައިވަލް ވިސާ އެވެ.