ކަށި ނެތް އިންޖެކްޝަނެއް
ކަށި ނެތް އިންޖެކްޝަނެއް

ސިރިންޖު ކައްޓަކީ ގިނަ ބަޔަކަށް ވަރަށް ބިރުވެރި އެއްޗެކެވެ. ނުޖަހާ ނުވެގެން ނޫނީ އިންޖެކްޝަން ޖަހާކަށް އެކަކު ވެސް ބޭނުމެއް ނުވެ އެވެ. ބައެއް ކަހަލަ ބަލިބައްޔަށް އޮންނަ ހަމައެކަނި ފަރުވާއަކީ އިންޖެކްޝަންގެ އެހީގައި ހޯދޭ ފަރުވާއެކެވެ. އެކަމަކު އިންޖެކްޝަންގެ ވޭނަށް ކެތްނުވެގެން ދުވަސްކޮޅަކަށް ފަހު ފަރުވާ ހުއްޓާލާ މީހުން ވެސް އުޅެ އެވެ.

މެސެޗޫސެޓްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގެ ރިސާޗްތަކަށް ބިނާކޮށް އެކި އުފެއްދުންތައް އުފައްދާ ޕޯޓަލް އިންސްޓްރުމެންޓްސްގެ ފަރާތުން އަލަށް އީޖާދުކުރި ޕްރައިމްއަކީ ކައްޓަކާ ނުލައި ހަށިގަނޑު ތެރެއަށް ބޭސް ފޮނުވާލަ ދޭ ޑިވައިސްއެކެވެ. މި ޑިވައިސް ބޭނުން ކުރުމަށް ބޭސް ވިއްކާ ޖަޕާންގެ ކުންފުންޏެއް ކަމަށްވާ ޓަކީޑާ ފާމަސޫޓިކަލްސްއިން މިހާރު ވަނީ އެއްބަސްވެފަ އެވެ.

ޕްރައިމް ހަދާފައި ވަނީ މުއްގަނޑެއްހެންނެވެ. އޭގެ ތެރެއިން ބޭސް ދޫކުރާނީ ކޮޅުގައި ހުންނަ ހިމަ ތުނޑަކުންނެވެ. އެ ތުނޑުން ބޭސް އަންނަނީ ބާރު ދުވެލީގައި ދޫކޮށްލާ ފެންފޮދެއް ހެންނެވެ. މިއީ ކަށި ޖަހައިގެން ދޭ ބޭހަށް ވުރެ ބަލިމީހާގެ ހައްޓަށް ވެސް ލުއި ފަރުވާއެއް ކަމަށް މިހާތަނަށް އެނގިފައިވެ އެވެ.

ޕްރައިމް ނެރުމުގެ ކުރިން ވެސް ބާޒާރުގައި ކަށި ނުލައި ބޭސް ދޫކުރާ މި ބާވަތުގެ ޑިވައިސްތައް ހުއްޓެވެ. ނަމަވެސް ޕްރައިމްގެ ތަފާތަކީ ފޮނުވާލަން ޖެހޭ ބޭހުގެ ބާވަތަށް ބަލައިގެން ހަށިގަނޑުގެ ތެރެއަށް ބޭސް ފޮނުވާލަން ޖެހޭ ބާރުމިނާއި ދުރުމިން ވަޒަންކުރެވޭ ކަމެވެ. އަދި މި ބާވަތުގެ ޑިވައިސްގެ މަސައްކަތްތަކަށް އިތުރު ފުރިހަމަކަމެއް ގެނުވާނެ އެޕެއް މިއާ އެކު ބޭނުންކުރެވޭ ކަމެވެ.

އެޕްގެ އެހީގައި ދެނެގަނެވޭ ކަންކަމުގެ ތެރޭގައި ބޭސް ދިން ޑޯޒާއި ބޭސް ބޭނުންކުރުމުން ބަލިމީހާއަށް ކުރި އަސަރު އެނގުން ހިމެނެ އެވެ. މިސާލަކަށް ހުޅުތަކުގައި ރިހުން ހުންނަ މީހަކު ބޭސް ބޭނުންކުރުމަށް ފަހު އޭނާގެ ހުޅުތަކުން އިތުރަށް ރިހުން ގަދައަށް ހުންނަ ތަންތަން، އެޕްގައި ހިމެނޭ އިންސާނެއްގެ ހަށިގަނޑުގެ ފޮޓޯގައި ފާހަގަ ޖަހައިގެން އަންގައިދެވެ އެވެ. މި އެޕަށް ދޭ މަޢުލޫމާތު ދެން ފޯރުކޮށްދެނީ ޑޮކްޓަރުންނަށް ޢާންމުކޮށް ފެންނަން ހުންނަ ޑޭޝްބޯޑަކަށެވެ. އެހިސާބުން ބަލިމީހާއަށް ދޭންވީ އިތުރު ފަރުވާ ޑޮކްޓަރުން ދިރާސާކޮށް ބަލަމުން ގެންދާނެ އެވެ.

ބޭސް ވިއްކާ ކުންފުނި، ޓަކީޑާއާ އެކު ވީ އެއްބަސްވުމުގެ ދަށުން އެކުންފުނީގެ ބައެއް ބޭސްތައް ޕްރައިމް ސިރިންޖުން ޖެހޭ ގޮތް ހަމަޖެހޭނެ އެވެ. އަދި މި ޑިވައިސް ވިއްކަން ހުންނާނީ ޑޮކްޓަރުގެ ބޭސް ސިޓީއަށް ގަންނަން ލިބޭ ގޮތަށެވެ. މިއީ ގޭގައި އަމިއްލައަށް ވެސް ހޯދޭނެ ފަރުވާއެކެވެ.