11 ޖުލައި 2016 - 06:17
މޭކަޕްކުރާ ގޮތް ޔޫޓިއުބްގައި ކިޔައިދޭ މީހުން ތަފާތު ހުނަރުތައް އެ މީހުންގެ ޗެނަލްތަކުގައި ދައްކާލަ އެވެ. އާއްމުކޮށް ވަރަށް އާދަޔާ ހިލާފު އަދި ހައިރާންކޮށްލާ ކަހަލަ މޭކަޕް ޓްރެންޑުތައް މަޝްހޫރުވަނީ މޭކަޕް ވްލޮގާޒްގެ ސަބަބުންނެވެ. ހަމައެކަނި ހައިލައިޓާ ބޭނުންކޮށްގެން މުޅި މޫނު މޭކަޕް ކޮށްލުން ފަދަ، އެންމެ މޭކަޕް ޕްރޮޑަކްޓެއް ބޭނުންކޮށްގެން މުޅި މޫނު މޭކަޕް ކޮށްލުމަކީ އެންމެ ފަހުގެ ޓްރެންޑެވެ.
ހަމައެކަނި ލިކުއިޑް ލިޕްސްޓިކް ބޭނުންކޮށްގެން މުޅި މޫނުގައި މޭކަޕް ކޮށްލާތަން ފުރަތަމަ ދައްކާލީ ބިއުޓީ ވްލޮގާ އޭމީ މަސޭޑޯ އެވެ. އޭނާ ފެށި މި މޭކަޕް ޓްރެންޑް އެހެން މީހުންވެސް ޗެލެންޖެއްގެ ގޮތުގައި ނަގައި ލިކުއިޑް ލިޕްސްޓިކުން މޭކަޕް ކޮށްލާތަން ދައްކަން ފެށީ އެވެ.
ލިކުއިޑް ލިޕްސްޓިކް މޫނުގައި ޖެއްސުމަކީ ވަރަށް އާދަޔާ ހިލާފު ކަމެކެވެ. އަދި އާއްމުކޮށް ލިކުއިޑް ލިޕްސްޓިކަކީ ވަރަށް އަވަހަށް ހިކޭ ވައްތަރަކަށްވުމުން މޫނުގައި ޖެއްސުމަކީ ވަރަށް އުނދަގޫ ކަމެކެވެ. ނަމަވެސް ހުނަރުވެރި މޭކަޕް ވްލޮގަރުން މޫނުގައި ފައުންޑޭޝަނެއް ގޮތުގައި ލިކުއިޑް ލިޕްސްޓިކް ޖައްސަ އެވެ. އަދި ލޮލުގައި އައިޝެޑޯ ގޮތުގައި އާއި އައިލައިނާ ގޮތުގައި ބޭނުންކޮށްލާތަން ވެސް ދައްކާލަ އެވެ.
ބިއުޓީ ވްލޮގާ ނިކިތާ ޑްރަގުންގެ މުޅި މޫނު މޭކަޕް ކޮށްލީ ކައިލީ ޖެނާގެ ލިކުއިޑް ލިޕްސްޓިކް ބޭނުންކޮށްގެނެވެ. އަދި ނިކީ ޓިއުޓޯރިއަލްސްގެ ވީޑިއޯއެއްގައި ނިކީވެސް ހަމައެކަނި ބޭނުންކުރީ ލިކުއިޑް ލިޕްސްޓިކެވެ. ވީމާ، އޮންލައިން ކޮށް ގަންނަ ލިކުއިޑް ލިޕްސްޓިކް ތުންފަތުގައި ޖައްސާލަން ރަނގަޅު ނުވެއްޖެ ނަމަ ލޮލުގައި އައިޝެޑޯ ގެ ގޮތުގައި ޖައްސާލެވޭނެތޯ ބަލައިލުން ކިހިނެއް ވާނެހެއްޔެވެ؟