އޭއެފްސީ ކަޕަށް ޓީސީ ވަރުގަދަކުރަނީ
އޭއެފްސީ ކަޕަށް ޓީސީ ވަރުގަދަކުރަނީ

މި ސީޒަނުގައި ޓީސީ ސްޕޯޓްސް ކްލަބަށް ކުޅުނު ގިނަ ކުޅުންތެރިންގެ ކޮންޓްރެކްޓް އެ ކްލަބުން އާކޮށް އިތުރު ދިވެހި ކުޅުންތެރިންނާއި ބިދޭސީ ކުޅުންތެރިން ހޯދުމުގެ މަސައްކަތް ވަރަށް ބާރަށް އެބަ ކުރިއަށްގެންދެ އެވެ.

އަންނަ އަހަރުގެ އޭއެފްސީ ކަޕުން ޖާގަ ހޯދާފައިވާ ޓީސީ ވަރުގަދަކުރުމުގެ މަސައްކަތުގައި އެންމެ އިސްކޮށް އުޅެނީ އެ ކްލަބުގެ ބާނީ އަދި ދާދި ފަހުން ސްޕޯޓްސް ކޮމިޝަނަރުގެ މަގާމުން އިސްތިއުފާ ދިން އަހުމަދު ނަޝީދު (ޓީސީ ޑޭވް) އެވެ.

އޭނާ ބުނީ މި ސީޒަނުގައި ޓީީސީ އަށް ކުޅުނު މުހިއްމު ކުޅުންތެރިންގެ ތެރެއިން އެންމެ ކުޅުންތެރިޔެއް ފިޔަވައި އެހެން ހުރިހާ ކުޅުންތެރިން މަޑުކުރަން ނިންމާފައިވާ ކަމަށެވެ. އޭއެފްސީ ކަޕަށް ތައްޔާރުވުމުގެ ގޮތުން އަންނަ ޖެނުއަރީ 3 ވަނަ ދުވަހު ޕްރެކްޓިސް ފެށުމަށް ހަމަޖެހިފައިވާއިރު ބިދޭސީ ހަތަރު ކުޅުންތެރިން ވެސް ގެންނާނެ އެވެ.

"ބިދޭސީ ގޯލްކީޕަރަކާއި ޑިފެންސިވް މިޑްފީލްޑަރަކާ ވާހަކަދައްކަމުން މި އަންނަނީ. އަދި ޕްރެކްޓިސް ފެށުމުގެ ކުރިން ފޯވާޑަކާއި ޑިފެންޑަރެއް ވެސް ފައިނަލްކުރެވޭނެ،" ޑޭވް ބުންޏެވެ. "އިތުރު ދިވެހި ކުޅުންތެރިންނަށް ވެސް ބަލަމުން އަންނަނީ."

ޓީސީ ވަނީ މި އަހަރުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ހޯދައިފަ އެވެ. އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލުގައި ކުޅެ ބަލިވީ އެވެ.

އޭއެފްސީ ކަޕުގައި އެ ޓީމު ވާދަކުރަން ޖެހޭނީ ޕްރިލިމިނަރީ ބުރުގަ އެވެ. އެ ބުރުގައި އެ ޓީމު ކުޅޭނީ ބަންގްލަދޭޝްގެ ފެޑެރޭޝަން ކަޕް ޗެމްޕިއަނުންނާ އެވެ. ޕްރިލިމިނަރީ ބުރުގައި ޓީސީގެ ފުރަތަމަ ލެގު ޖެނުއަރީ 23 ގައި އޮންނައިރު ދެ ވަނަ ލެގު އޮންނާނީ ޖެނުއަރީ 30 ގަ އެވެ.

މި ބުރުން ކުރި ލިބިއްޖެ ނަމަ ޕްލޭއޮފުން ފުރުސަތު ލިބޭނެ އެވެ. ޕްލޭއޮފުގައި ބައްދަލުކުރާނީ އިންޑިއާގެ ގަދަބާރު ބެންގަލޫރު އެފްސީ އާއި ބޫޓާނުގެ ޓްރާންސްޕޯޓް ޔުނައިޓެޑް ކުޅެ ކުރި ހޯދާ ޓީމަކާ އެވެ. ޕްލޭއޮފުގެ ލެގުތައް އޮންނާނީ ފެބްރުއަރީ 13 އަދި ފެބްރުއަރީ 20 ވަނަ ދުވަހު އެވެ.

އަދި ޕްލޭއޮފް ބުރުން ކުރި ލިބިއްޖެ ނަމަ ވާދަކުރަން ޖެހޭނީ ނިއު ރޭޑިއަންޓާއި އިންޑިއާގެ ލީގު ޗެމްޕިއަން އައިޒޯލް އެފްސީ އަދި ބަންގްލަދޭޝް ލީގު ޗެމްޕިއަނުންނާ އެއް ގްރޫޕެއްގަ އެވެ.