19 ޑިސެމްބަރ 2017 - 13:18

ސްޕޯޓްސް ކޮމިޝަނަރުގެ މަގާމުން މިދިޔަ ހަފުތާގައި އިސްތިއުފާ ދެއްވި އަހުމަދު ނަޝީދު (ޑޭވް) މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގައި އޭނާ ކުރިން އަދާކުރެއްވި ވަޒީފާއަށް ނުކުންނަވަން ފައްޓަވައިފި އެވެ.
ނަޝީދު، އެމްޕީއެލްގައި ކުރިން އަދާކުރެއްވީ ޑެޕިއުޓީ ހާބާ މާސްޓަރުގެ މަގާމެވެ.
ސްޕޯޓްސް ކޮމިޝަނަރު ކަމުން އިސްތިއުފާ ދެއްވި ސަބަބެއް ނަޝީދު މިހާތަނަށް ވިދާޅެއް ނުވެ އެވެ.
އޭނާ "މިހާރު" އަށް މިއަދު ވިދާޅުވީ، ސިޔާސީ ހަރަކާތްތަކުން ކުރިމަގުގައި ވަރަށް ބޮޑަށް ފެންނާނެ ކަމަށާއި އެގޮތުން އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީނަށް ކެމްޕެއިން ކޮށްދެއްވުމަށް "ފުލް ގިއަރުގައި" މަސައްކަތް ކުރައްވާނެ ކަމަށެވެ.
"ސްޕޯޓްސް ކޮމިޝަނަރުގެ މަގާމާ އެކު އަޅުގަނޑުގެ ނަފްސުގައި ތަޅުއެޅުވިފައި ހުރީ. އެ މަގާމުގެ ގޮތުން އަޅުގަނޑަށް ސިޔާސީ އެއްވެސް ހަރަކާތެއްގައި ބައިވެރިއެއް ނުވެވޭ. އެކަމަކު މި މަގާމާ އެކު އެ މިނިވަންކަން އެބައޮތް. އަންނަ އަހަރުގެ ކެމްޕެއިންގައި ވަރަށް ބޮޑަށް ހަރަކާތްތެރިވާނަން،" ރައީސް ޔާމީނާ ގާތްގުޅުމެއް އޮންނަ ނަޝީދު ވިދާޅުވި އެވެ.
އޭނާގެ ދައުރުގައި ސްޕޯޓްސް ކޮމިޝަނަރުގެ އޮފީހުން ވަނީ ކުޅިވަރު އެސޯސިއޭޝަންތަކުގެ އަސާސީ ގަވާއިދު އިސްލާހު ކުރުމުގައި އެހީތެރިވެދީ ބައެއް ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިހާބުތަކުގައި ދިމާވި މައްސަލަތައް ހައްލު ކުރުމަށް މެދުވެރިއެއްގެ ދައުރު އަދާކޮށްފަ އެވެ. އަދި ކްލަބްތަކާއި ޖަމިއްޔާތަކާއި އެސޯސިއޭޝަންތައް ސްޕޯޓްސް ކޮމިޝަނަރުގެ އޮފީހުގައި ރަޖިސްޓަރީ ވުމަށް ވެސް ހުޅުވައިލި އެވެ.
ޓީސީ ޑޭވްގެ ނަމުން މަޝްހޫރު ވެފައިވާ ނަޝީދު ފާހަގަކުރެވެނީ ޓީސީ ސްޕޯޓްސް ކްލަބުގެ މައި މުގުލުގެ ގޮތުގަ އެވެ. ބައިބަލާގައި މަޝްހޫރު ޓީސީ ފުޓްބޯޅައިގެ ފުރަތަމަ ޑިިވިޝަނަށް ޕްރޮމޯޓްވެ މި ވަގުތު ރާއްޖޭގެ ފުޓްބޯޅައިގެ ގަދަބާރެއްގެ ގޮތުގައި އޮތް އޮތުމުގައި އޭނާގެ ހިއްސާ ވަރަށް ބޮޑެވެ. އެ ޓީމުން ވަނީ ކުރު މުއްދަތެއްގެ ތެރޭގައި ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ.
ސްޕޯޓްސް ކޮމިޝަނަރުގެ މަގާމާ އެކު ޓީސީގެ ހަރަކާތްތަކުން ވެސް ނަޝީދު ދުރުވެވަޑައިގަތެވެ. އެކަމަކު އަލުން އަނެއްކާ ވެސް ޓީސީގެ ހަރަކާތްތަކުން ވެސް އޭނާ ދެން ފެންނާނެ އެވެ. ހާއްސަކޮށް އަންނަ އަހަރުގެ އޭއެފްސީ ކަޕަށް ޓީސީ ވަރުގަދަ ކުރުމުގެ މަސައްކަތުގައި ނަޝީދުގެ ބައިވެރިވުން ބޮޑުވާނެ އެވެ.