19 ޑިސެމްބަރ 2017 - 15:01

ކ. ގުރައިދޫގައި ހުންނަ، ޚާއްސަ އެހީ އަށް ބޭނުންވާ މީހުންގެ މަރުކަޒަށް އެވިޑް ކޮލެޖުން މިއަދު 200 ފޮތް ހަދިޔާކޮށްފި އެވެ.

ހެލްތް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެވިޑް ކޮލެޖުގެ ފަރާތުން އެ ފޮތްތަކާއި އެ ފޮތްތައް ބަހައްޓާނެ ދެ ހަރުގަނޑު ވެސް އެ މަރުކަޒަށް ހަދިޔާކުރި އެވެ. ހެލްތު މިނިސްޓްރީއާ އެ ތަކެތި ހަވާލުކޮށްދެއްވީ އެވިޑް ކޮލެޖުގެ ވައިސް ރެކްޓަރު ޑރ. އަބްދުﷲ ރަޝީދެވެ. ހެލްތު މިނިސްޓްރީގެ ފަރާތުން އެ ތަކެއްޗާ ހަވާލުވެވަޑައިގަތީ ސްޓޭޓް މިނިސްޓަރު ޑރ. އައިޝަތު ރަމީލާ އެވެ.
ފޮތް ހަދިޔާކުރުމަށް ފަހު ވާހަކަ ދައްކަވަމުން ވައިސް ރެކްޓަރު އަބްދުﷲ ރަޝީދު ވިދާޅުވީ އެވިޑް ކޮލެޖުގެ ފަރާތުން ކުރިމަގުގައި ވެސް އެ މަރުކަޒަށް އެހީ ދޭނެ ކަމަށެވެ. އަދި ހެލްތު މިނިސްޓްރީގެ މުވައްޒަފުންނަށް ތަމްރީނު ދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރަމީލާ ވިދާޅުވީ އެވިޑުން ހަދިޔާކުރި ފޮތްތަކުގެ ސަބަބުން، އެ މަރުކަޒުގައި ތިބި ބަލި މީހުންނާއި މުވައްޒަފުންނަށް ވެސް ފައިދާވާނެ ކަމަށެވެ. އޭގެ ސަބަބުން މައުލޫމާތު މުއްސަނދިވެ، ހެޔޮ ގޮތުގައި ހުސް ވަގުތު ބޭނުން ކުރެވޭނެ ކަން ފާހަގަކުރެއްވި އެެވެ.
ގުރައިދޫ މަރުކަޒުގައި ޖެންޑާ އަދި ހެލްތް މިނިސްޓްރީގެ ދަށުން 160 އަށް ވުރެ ގިނަ މީހުން އަންނަނީ ބަލަހައްޓަމުންނެެވެ.