10 ޖުލައި 2016 - 12:10

ޑަލަސް (ޖުލައި 10) - އެމެރިކާގައި ފުލުހުންގެ އަނިޔާވެރިކަމާ ދެކޮޅަށް ބޭއްވި އެއްވުމެއްގެ ތެރެއަށް ބަޑި ޖަހާ ފުލުހުންގެ ފަސް މީހުން މަރާލި ސްނައިޕަރު މަރާލުމަށް ގޮވާ ތަކެތި އަޅާފައިވާ ރޮބަޓެއް ބޭނުންކޮށްފި އެވެ.

ބޮން ޑިސްޕޯޒަލް ރޮބަޓް ބޭނުންކޮށްގެން ގަރާޖެއްގެ ތެރޭގައި ސްނައިޕަރު މަރާލުމަކީ ނިއު އެމެރިކަން ފައުންޑޭޝަނުގެ ރޮބަޓާ ބެހޭ ޚާއްސަ ތަޖުރިބާކާރަކު ބުނި ގޮތުގައި، މިއީ ތާރީޚުގައި ވެސް މީހަކު މަރާލުމަށް އެމެރިކާ ފުލުހުން ރޮބަޓެއް ބޭނުންކުރި ފުރަތަމަ ފަހަރު ކަމަށެވެ. ނަމަވެސް އިރާގުގައި އެމެރިކާ ސިފައިން މި ބާވަތުގެ ޓެކްޓިކްސް ބޭނުންކޮށްފައިވާ ކަމަށް ބުންޏެވެ.
ބުރާސްފަތި ދުވަހު ހިންގި މި ހާދިސާއާ ގުޅިގެން ޑަލަސް ފުލުހުންގެ ވެރިޔާ ޑޭވިޑް ބްރައުން ވިދާޅުވީ ގޮވާ ތަކެތީގެ ރޮބަޓް ބޭނުން ކުރަން ޖެހުނީ ބަޑި ޖެހި މީހާއާ ވާހަކަ ދައްކައިގެން އަދި ބަޑީގެ ހަމަލާ ބަދަލުކޮށްގެން ވެސް ހައްލެއް ނުލިބުމުން ކަމަށެވެ.
"އީއައި ސެންޓްރޯ ކޮލެޖުގެ ޕާކިން އޭރިޔާ އަށް ބޮމް ރޮބަޓް ފޮނުވަން ޖެހުނީ އެއްވެސް ގޮތެއް ނެތިގެން. ދެން ހުރި ގޮތްތައް ބޭނުން ކުރުމަކީ ފުލުހުންގެ އޮފިސަރުންނަށް ވެސް ނުރައްކާ އޮތް ކަމެއް. އެހެންވެ ރޮބަޓުގެ އެހީގައި ގޮވާ ތަކެތި ގަރާޖަށް އެޅުމަށް ފަހު ގޮއްވާލައިގެން ސްނައިޕަރު މަރާލީ،" ބްރައުން ވިދާޅުވި އެވެ.
ފުލުހުންނަށް ހަމަލާ ދިން ސްނައިޕަރަކީ އުމުރުން 25 އަހަރުގެ މިކާހު ޖޯންސަން ކިޔާ މީހެކެވެ. އޭނާ އަކީ ކުށުގެ ރެކޯޑް އޮތް މީހެއް ނޫނެވެ. އަދި އޭނާ ވަނީ ސިފައިންގެ ރިޒާވް ފޯސްގައި ކުރިން މަސައްކަތް ކޮށްފަ އެވެ. ޖޯންސަން ބުނި ކަމަށް ވަނީ ފުލުހުންނަށް އޭނާ ހަމަލާ ދިނީ މިނެސޯލްޓާ އާއި ލޫސިއާނާގައި ފުލުހުން ބަޑި ޖަހާ ކަޅު ނަސްލުގެ މީހުން މަރާލުމުން އެކަމާ ރުޅި އައިސްގެން ކަމަށެވެ. އަދި އޭނާ ބޭނުންވީ މީހާ ވެސް ގިނަ ދޮން ނަސްލުގެ ފުލުހުން މަރަން ކަމަށް ވެސް ބުނެފައިވެ އެވެ.