ބާސެލޯނާ ރައީސްކަމަށް ޒަވީ ކުރިމަތިލަނީ
ބާސެލޯނާ ރައީސްކަމަށް ޒަވީ ކުރިމަތިލަނީ

ބާސެލޯނާ (ޑިސެމްބަރު 19) - ބާސެލޯނާގެ ރައީސްކަން ހޯދުމަށް އެ ޓީމުގެ ކުރީގެ މިޑްފީލްޑަރު ޒަވީ ހެނާންޑޭޒް މަސައްކަތް ފަށާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މިހާރު ގަތަރުގެ އަލް ސާދަށް ކުޅެމުން އަންނަ އުމުރުން 37 އަހަރުގެ ޒަވީ މަސައްކަތް ކުރަމުން އަންނަނީ 2021ގެ ކުރިން މިހާރުގެ ރައީސް ޖޯސެފް ބާޓޮމެއު މަގާމުން ދުރުކުރުމަށް ފަހު އެ މަގާމަށް އައުމަށް ކަމަށް ގަތަރުގެ މީޑިއާތަކުން ރިޕޯޓްކުރެ އެވެ.

ބާސެލޯނާގެ ރައީސް ބާޓޮމެއުއާ މެދު އެ ޓީމަށް ކުރިން ކުޅުނު ގިނަ ކުޅުންތެރިން ނުރުހެ އެވެ. އެ ޓީމުގެ ބައެއް ކުޅުންތެރިން ވަނީ ބާޓޮމެއު އަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. އަދި ބާޓޮމެއު ބާސެލޯނާ ބޭނުންކުރަނީ އޭނާގެ ވިޔަފާރީގެ ފައިދާ އަށް ކަމަށް ބުނެ ވެސް ގިނަ ތުހުމަތުތަކެއް ވަނީ ކުރެވިފަ އެވެ.

މި ސީޒަނުގައި ދުނިޔޭގެ ރެކޯޑް އަގަކަށް ބާސެލޯނާ ދޫކޮށް 222 މިލިއަން ޔޫރޯ އަށް ޕީއެސްޖީ އަށް ބަދަލުވުމަށް ފަހު ބްރެޒިލްގެ ތަރި ނޭމާ ވެސް ވަނީ ބާސެލޯނާގެ ބޯޑު މެމްބަރުންނާއި ބޯޓޮމެއު އަށް ފާޑުކިޔައިފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން ޒަވީ ރައީސްކަމަށް އަންނަ މަސައްކަތް ކުރަނީ ގިނަ ކުޅުންތެރިންނާއި ގަތަރުގެ ވިޔަފާރިވެރިންތަކެއްގެ އެހީގަ އެވެ. އަދި ޒަވީއާ އެކު މަސައްކަތް ކުރާ ކުރިން ބާސެލޯނާ އަށް ކުޅުނު ކުޅުންތެރިންގެ ތެރޭގައި ކުރިން އެވަޓަން އަށް ކޯޗުކޮށްދިން ރޮނާލްޑް ކޫމަން އާއި ކުރީގެ ކެޕްޓަން ކާލޮސް ޕުޔޮލް ވެސް ހިމެނެ އެވެ.

ސްޕެއިނުގެ މީޑީއާތަކަށް ދާދި ފަހުން ބާޓޮމެއު ދެއްވި އިންޓަވިއުއެއްގައި އޭނާ ވަނީ އިތުރު ދައުރެއްގައި ބާސެލޯނާ ރައީސްކަމުގައި ހުންނަން ބޭނުންވާ ކަމުގެ އިޝާރާތެއް ދެއްވައިފަ އެވެ.

ޒަވީ ވަނީ މި އަހަރަށް ފަހު ފުޓްބޯޅަ އިން ރިޓަޔަކުރަން ނިންމައިފަ އެވެ. ރިޕޯޓްތައް ބުނާގޮތުގައި ބާޓޮމެއު ދުރުކުރުމުގެ މަސައްކަތުގައި ޒަވީ އަށް އެހީވެދޭން ބާސެލޯނާގެ ބައެއް ބޯޑު މެމްބަރުން ތިބީ ތައްޔާރަށެެވެ.

ސްޕެއިނާ އެކު 2010 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2008 އަދި 2012 ގެ ޔޫރޯ ކާމިޔާބުކުރި ޒަވީ ވަނީ ސްޕެއިން ގައުމީ ޓީމަށް 133 މެޗު ކުޅެދީފަ އެވެ. ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް މިޑްފީލްޑަރު ކަމަށް ގިނަ ބަޔަކު އެއްބަސްވާ ޒަވީ ވަނީ ސްޕެއިނުގެ ބާސެލޯނާ އަށް 1998 އިން 2015 އަށް 505 މެޗު ކުޅެދީފަ އެވެ. އެ ކްލަބާ އެކު އޭނާ ވަނީ ސްޕެނިޝް ލީގު އަށް ފަހަރު އަދި ސްޕެނިޝް ކަޕް ތިން ފަހަރު ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން ޗެމްޕިއަންސް ލީގު ހަތަރު ފަހަރު، ޔުއެފާ ކަޕް ދެ ފަހަރު އަދި ފީފާ ކްލަބް ވޯލްޑް ކަޕް ދެ ފަހަރު ކާމިޔާބުކުރި އެވެ.