23 ޑިސެމްބަރ 2017 - 06:45

ބޮލީވުޑްގެ އެކްޓަރު އަކްޝޭ ކުމާރާ އެކު ފިލްމެއް ކުޅެލަން ބޭނުންވާ ކަމަށް ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ވިލް ސުމިތު ބުނެފި އެވެ.

އޭނާގެ ކުރިއަށް އޮތް ފިލްމު "ބްރައިޓް" އިންޑިއާގައި ޕްރޮމޯޓް ކުރަން އެ ގައުމަށް ކުރި ދަތުރުގެ ތެރެއިން މީޑިއާ އަށް ދިން އިންޓަވިއެއްގައި ވިލް ސުމިތު ބުނީ އިންޑިއާ ދެކެ އޭނާ ވަރަށް ލޯބިވާ ކަމަށެވެ. އަދި އަކްޝޭއަކީ ވަރަށް ބޮޑު ފޭނެއްގެ އިތުރުން ގާތް ރައްޓެއްސެއް ކަމަށް ވެސް ބުންޏެވެ.
"އަހަންނަށް ހީވަނީ އަހަރެން އެބަ ޖެހޭހެން އަކްޝޭއާ އެކު ފިލްމެއް ކުޅެލަން،" މިދިޔަ އަހަރު އަކްޝޭއާ ބައްދަލުވެ، އޭނާގެ ގެއިން ކެއި މީރު ކެއުންތަކުގެ ހަނދާން ވެސް އާކުރަމުން ވިލް ސުމިތު ބުންޏެވެ.
ވިލް ސުމިތަކީ ބަތަލާ އައިޝްވާރިޔާ ރާއީގެ ވެސް ވަރަށް ބޮޑު ފޭނެކެވެ. އޭނާ 2005 ގައި ކުޅުނު ފިލްމު "ހިޗް" ގެ ބަތަލާގެ ރޯލް ވެސް އޭރު އައިޝްވާރިޔާ އަށް ހުށަހެޅި އެވެ. އެކަމަކު ކަން ދިމާކުރި ގޮތުން އެ ފިލްމަށް އައިޝްވާރިޔާ ސޮއެއް ނުކުރި އެވެ.
ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ އެކްޓަރު ބުނީ މިއީ އިންޑިއާ އަށް އޭނާ ކުރާ ހަތަރު ވަނަ ދަތުރު ކަމަށާއި މީގެ ކުރިން ތިން ފަހަރު މުމްބާއީ އަށް ޒިޔާރަތް ކުރި ކަމަށެވެ.
"އިންޑިއާގެ ތާރީހާއި ސަގާފަތާއި ކެއުންތައް އަހަންނަށް ވަރަށް ކަމުދޭ. އަހަރެން ބޭނުން އިންޑިއާގެ ގިނަ ސްޓޭޓްތަކަށް ދަތުރުކޮށް އެތަންތަން ތަޖުރިބާކޮށްލަން ވެސް،" ވިލް ސުމިތު ބުންޏެވެ.