ބިގް ބޮސް: ރޭވުންތައް ދެން ވާނީ ހައްތަހާ ހުތުރު: ހިތެން
ބިގް ބޮސް: ރޭވުންތައް ދެން ވާނީ ހައްތަހާ ހުތުރު: ހިތެން

ބިގް ބޮސްގެ ގެއިން ނުކުމެގެން ހިތެން ތޭޖްވާނީ މިހާރު ވަނީ ހަގީގީ ދުނިޔެއާ ކުރިމަތިލާފަ އެވެ. ނަމަވެސް ފައިނަލްއާ ހަމަޔަށް ނުގޮސް އެހާ ފަސޭހައިން "ބިގް ބޮސް"ގެ ގެއިން ނުކުންނަން ޖެހިދާނެކަމަށް ހިތެން ހިއެއް ނުކުރެ އެވެ. އޭނާ ހުރީ ޝޯ ކާމިޔާބު ކުރެވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީން ކަމެއްގަ އެވެ. އަދި އޭނާ ބިގް ބޮސްގެ ގެއިން ނެރެލުމަކީ ގިނަ ބަޔަކަށް ވެސް ބޮޑު ޝޮކެކެވެ.

ބިގް ބޮސްގެ ބައިވެރިންގެ ތެރެއިން ހިތެން ބޭރުކޮށްލުމުގައި މުހިއްމު ދައުރެއް އަދާކުރީ ޓީވީ ބަތަލާ ޝިލްޕާ ޝިންޑޭ އެވެ. ހިތެންގެ ނަން ޝިލްޕާ ބުނެފާނެކަމަށް އެއްވެސް މީހަކު ގަބޫލެއް ނުކުރެ އެވެ.

"އަހަންނަށް ވެސް ލިބުނީ ވަރަށް ބޮޑު ޝޮކެއް ހަގީގަތުގައި. އަހަރެން ނެރެލަން އޭނާ އެ ދެއްކީ ވަރަށް ރަނގަޅު ސަބަބެއް. ޝޯ ކާމިޔާބު ކުރާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ އަހަރެން ވީމަޔޯ ޝިލްޕާ ބުނީ،" ހިތެން ބުންޏެވެ.

"އަހަރެން ހިއެއް ނުކުރަން އޭނާ އެފަދަ ކަމެއް ކޮށްފާނެ ކަމަކަށް. އެއީ އޭނާ 'ބިގް ބޮސް'ގެ ގޭގައި ދެމިހުރުމަށް ކުޅޭ ގޭމް ކުރިޔަށް ގެންދަން ބޭނުންވާ ގޮތަކީ."

ގިޔަ ބަޔަކު ބުނަނީ ޝިލްޕާ މި ކުޅެލީ ވަރަށް ވަރުގަދަ ބޮލުގެ އެއްޗެއް ކަމަށެވެ. ސަބަބަކީ ހިތެން ބޭރުކޮށްލުމުން ވިކާސް ގުޕްތާގެ ޓީމު ބަލިކަށި ވާނެތީ އެވެ.

ޚުދް ހިތެން ވެސް މި ވާހަކައާ އެއްބަހެވެ. ހަގީގަތުގައި ޝިލްޕާ ހެދީ އެހެން ކަމަށާއި އިދިކޮޅު ޓީމު ބަލިކޮށްލަން ޝިލްޕާ އެ ކުޅެލީ ވަރަށް މޮޅު ކުޅިއެއް ކަމަށް ހިތެން ބުންޏެވެ.

ހިތެން އަށް ޔަގީންވާ ކަމަކީ ކުރިޔަށް އޮތް ދުވަސްތަކުގައި 'ބިގް ބޮސް'ގެ ގޭމް ވަރަށް ހުތުރުވާނެ ކަމެވެ. ކޮންމެ މީހަކު ވެސް ބޭނުންވަނީ އެންމެ ފަހާ ޖެހެންދެން ޝޯގައި ދެމިހުރުމަށެވެ. އެހެންކަމުން އެކަމަށްޓަކައި އެމީހަކަށް ހެދުނު އެއްޗެއް ކުރިޔަށް އޮތް ދުވަސްތަކުގައި ހަދާނެ ކަމަށް ހިތެން ބުންޏެވެ.

ފާއިތުވީ 20 ވަރަކަށް އަހަރު ހިތެން ވަނީ ގިނަ ޓީވީ ޝޯތަކެއްގައި ބަތަލުގެ ބައި ކުޅެފަ އެވެ. އޭނާ ބުނީ ބިގް ބޮސްގެ ގެއިން ނެރެލިޔަސް އެތައް މަހެއް ފަހުން ދެ ދަރިންނާއި އަންހެނުން ގޯރީއާ އެކު ވަގުތު ހޭދަކުރަން ލިބުމުން އުފަލުން ހުރި ކަމަށެވެ.