ޝްރީދޭވީގެ "މޮމް" އަށް ރަޝިޔާގައި ބޮޑު ތަރުހީބެއް
ޝްރީދޭވީގެ "މޮމް" އަށް ރަޝިޔާގައި ބޮޑު ތަރުހީބެއް

ޝްރީދޭވީ ބަތަލާގެ ބައި ކުޅެ އޭނާގެ ފިރިމީހާ ބޯނީ ކަޕޫރު ޕްރޮޑިއުސްކޮށްފައިވާ "މޮމް" މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ރަޝިޔާގައި ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.

ފިލްމު އެޅުވުމުގެ ރަސްމިއްޔާތަށް ރަޝިޔާއަށް ގޮސް ތިބީ ޝްރީދޭވީއާ އެކު ފިރިމީހާ އާއި ހަގު ދަރިފުޅު ޚުޝީ އެވެ. ދޮށީ ދަރިފުޅު ޖާންވީގެ ފުރަތަމަ ފިލްމު "ދަޅަކް"ގެ ޝޫޓިން ކުރިޔަށް ދާތީ އޭނާއަކަށް ދެވޭ ގޮތެއް ނުވި އެވެ.

ފިލްމަށް ލިބެމުން އަންނަ ބޮޑު ތަރުހީބުން އުފަލުން ގޮސް އޭނާގެ ޖަޒުބާތުތައް ކޮންޓްރޯލް ނުކުރެވިފައި ހުރި ޝްރީދޭވީ ބުނީ ސިނަމާގެ ބާރު ގަދަކަން މި ފިލްމަށް ލިބޭ ތަރުހީބުން ހާމަވާ ކަމަށެވެ. އަދި ކޮންމެ ބަހަކުން ވާހަކަ ދައްކާ ބަޔަކަށް ވިޔަސް ހަގީގީ ޝުއޫރުތައް ދައްކުވައިދެވިއްޖެ ނަމަ އެއާ ގަޔާވާނެކަން ޔަގީން ކަމަށް ވެސް އޭނާ ބުންޏެވެ.

"ފިލްމު ބަލަން ތިބި ވަރަށް ގިނަ އަންހެނުންނަށް ހިފެހެއްޓުމެއް ނެތި ރޮވުނު. ފިލްމު ސްކްރީންކުރުމުގެ ކަންތައް ދިޔައީ ވަރަށް ރަނގަޅަށް،" ޝްރީދޭވީ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ރަޝިޔާގެ ތަޖުރިބާއިން އޭނާއަށް އިތުރު ހަކަތަ ލިބިއްޖެ އެވެ. އަދި އޭނާގެ ފޭނުން މާޔޫސް ނުވާ ކަހަލަ މޮޅު ފިލްމުތައް އުފައްދާހިތް ވެއްޖެ ކަމަށް ވެސް ބުންޏެވެ.

"އަވަސް އަރުވާލާފައި ފިލްމެއް އުފައްދާކަށް އަހަރެން ނޫޅެން. އަހަރެން ފިލްމެއް ކުޅޭ ނަމަ އެ ފިލްމެއް ވާނީ 'އިންގްލިޝް ވިންގްލިޝް' އާއި 'މޮމް' ކަހަލަ މޮޅު އަދި ބެލުންތެރިންނަށް ކަމުދާ ކަހަލަ ފިލްމަކަށް،" ޝްރީދޭވީ ބުންޏެވެ.

މިއީ ގިނަ ދުވަސްތަކެއް ވަންދެން ފިލްމު ކުޅުމާ ދުރުގައި ހުރުމަށް ފަހު އެނބުރި އައިސް ޝްރީދޭވީ ކުޅުނު ފުރަތަމަ ފިލްމެވެ.