ޓްރަމްޕްގެ ހޮވުމަށް ގާނޫނީ އާދައިގެ ސުވާލަކަށް ވެސް ޖަވާބެއް ނުދެވުނު
ޓްރަމްޕްގެ ހޮވުމަށް ގާނޫނީ އާދައިގެ ސުވާލަކަށް ވެސް ޖަވާބެއް ނުދެވުނު

އެމެރިކާގެ ފެޑެރަލް ކޯޓެއްގެ ފަނޑިޔާރަކަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނެންގެވި މީހާއަށް ސެނެޓްގައި ގާނޫނީ އާދައިގެ ސުވާލަކަށް ވެސް ޖަވާބު ނުދެވި، އެންމެ ފަހުން އޭނާ އަމިއްލައަށް ނަން އަނބުރާ ގެންގޮސްފި އެވެ.

މެތޫ ޕެޓާސެންއާ ސެނެޓްގެ މެމްބަރުން ކުރި ސުވާލުތަކަށް އޭނާ ދިން ޖަވާބުގެ ވީޑިއޯ އެމެރިކާގައި ވައިރަލްވި އެވެ. އަދި ފެޑެރަލް ކޯޓެއްގެ ފަނޑިޔާރަކަށް އެކަހަލަ މީހެއްގެ ނަން ޓްރަމްޕް ހޮއްވެވީތީ ރިޕަބްލިކަން ޕާޓީގެ ބައެއް މެމްބަރުންގެ ފާޑުކިއުން ވެސް އަމާޒުވި އެވެ.

މިއީ ހުސްވެފައިވާ ފަނޑިޔާރުންގެ މަގާމުތަކަށް ޓްރަމްޕް ފޮނުއްވި ނަންތަކުގެ ތެރެއިން ސެނެޓްގައި ފެއިލްވި ތިން ވަނަ މީހާ އެވެ. ޓްރަމްޕް ބޭނުންވަނީ ކޮންޒަވޭޓިވް ވިސްނުން ހުންނަ ފަނޑިޔާރުން، ޝަރުއީ ދާއިރާއަށް ގެންނާށެވެ.

ޕެޓާސެންއާ ސުވާލުތައް ކުރެއްވީ ވެސް ޓްރަމްޕް ނިސްބަތްވެވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީގެ އިސް ސެނެޓަރެއް ކަމަށްވާ ޖޯން ކެނެޑީ އެވެ.

ޖޫރީން ބޭނުންކޮށްގެން ހިންގާ ޝަރީއަތަށް ހުށަހަޅާ ބައެއް ހެކިތައް ގަބޫލުނުކުރުމާ މެދު ފަނޑިޔާރު ވަކި ގޮތެއް ނިންނާ ހާލަތަށް ބިނާކޮށް ގާނޫނީ ގޮތުން ބޭނުންކުރާ ނަން ވިދާޅުވެފައި، އެއީ ކޮން އެއްޗެއްކަން އެނގޭތޯ ކެނެޑީ ސުވާލުކުރެއްވި އެވެ.

އޭގެ ޖަވާބުގައި ޕެޓާސެން ބުނީ "މި މޭޒު ކައިރީގައި އިނދެ އަހަންނަށް އެ ބަސް އެންމެ ރަނގަޅަށް ތަފްސީލުކޮށްނުދެވިދާނެ" ކަމަށެވެ.

އެމެރިކާގެ ޝަރީއަތްތަކުގައި ބޭނުންކުރާ ޖޫރީންނަކީ އާންމުންގެ ތެރެއިން ނަގާ ބައެކެވެ. ޝަރީއަތުގައި ވަކި ގޮތެއް ނިންމާނީ އެ މީހުންނެވެ. އެކަމަކު ޝަރީއަތަށް ހުށަހަޅާނެ ހެކިތަކާއި ގަބޫލުނުކުރާނެ ހެކިތައް ކަނޑައަޅާނީ ފަނޑިޔާރެވެ.

ޕެޓާސެން އަކީ ފެޑެރަލް އިލެކްޝަން ކޮމިޝަނަށް ރިޕަބްލިކަން ޕާޓީން ކަނޑައަޅާފައި ހުންނަ މެމްބަރެކެވެ.

ކެނެޑީ ދެއްވި ޓީވީ އިންޓަވިއުއެއްގައި ވިދާޅުވީ ޕެޓާސަންގެ މައްސަލާގައި ޓްރަމްޕް ގުޅުއްވި ކަމަށާއި އަދި ޕެޓާސަން އަކީ ތަޖުރިބާ ނެތް މީހެއް ކަމަށް ގަބޫލުކުރެއްވި ކަމަށެވެ.

ޕެޓާސެން ބުނި ގޮތުގައި އޭނާގެ ހަޔާތުގައި އެންމެ ގޯސްކޮށް ދިޔަ ޓީވީގެ ދެ މިނިޓަށް ވުރެ ވިހި އަހަރު ވަންދެން ގައުމަށް ކޮށްދިން ހިދުމަތްތަކުގެ ބުރަ މާ ބޮޑުވާނެ އެވެ.