19 ޑިސެމްބަރ 2017 - 11:03

މިދިޔަ އާދިއްތަ ދުވަހު ރާއްޖޭގެ ވޮލީބޯޅަ ސީޒަން ނިމިގެންދިޔައިރު، މި އަހަރުގެ ސީޒަނުގައި ފާހަގަވެގެންދިޔަ އެއް ކަމަކީ ކާމިޔާބީ ހޯދި ހުރިހާ ޓީމެއްގެ ފަހަތުގައި މުހިއްމު ދައުރެއް އަދާކުރީ ޕާކިސްތާން ގައުމީ ޓީމަށް ނިސްބަތްވާ ކުޅުންތެރިން ކަމެވެ. މި ފަހަރުގެ ސީޒަނުގައި އެންމެ މޮޅު ކުޅުމެއް ދެއްކީ ވެސް ޕާކިސްތާނުގެ ކުޅުންތެރިންނެވެ.
މި ސީޒަނުގައި ފެނިގެންދިޔަ ޕާކިސްތާނުގެ ފަސް ކުޅުންތެރިންނަކީ ސީލައިފް ސްޕޯޓްސް ކްލަބަށް ކުޅުނު މުބަޝިރު ރާޒާ އާއި މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަށް ކުޅުނު އައިމަލް ހާން އާއި މުރާދު ޖީހާން އަދި ދިވެހި ސިފައިންގެ ކްލަބަށް ކުޅުނު މުނީރް ހާން އަދި މުހައްމަދު އިދުރީސް އެވެ.
ސީޒަނުގެ ތިން ތަށްޓައް އަމާޒުކޮށް ވ. ތިނަދޫ އަށް ނިސްބަތްވާ ސީލައިފުން އެސޯސިއޭޝަން ކަޕަށް ނުކުމެ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ބަލިނުވެ ފައިނަލުގެ ޖާގަ އެ ޓީމުން ހޯދިއިރު، އެންމެ މޮޅު ކުޅުމެއް ދެއްކީ މުބަޝިރު އެވެ. އެކަން އޭރު އެ ޓީމުގެ ކޯޗަކަށް ހުރި ނިޒާރު އިބްރާހިމް (ބޮޑޭ) ވެސް ފާހަގަކުރި އެވެ. ފައިނަލުގައި މޯލްވިއަން އަތުން ސީލައިފް ބަލިވިއިރު، އެ މެޗުގައި އެންމެ ބޮޑު ތަފާތެއް ދެއްކީ މޯލްޑިވިއަން އަށް ކުޅޭ މުރާދެވެ. މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދީ މުރާދު އެވެ.
އެސޯސިއޭޝަން ކަޕުގެ ފައިނަލަށް ފަހު މުރާދު ބުނީ ރާއްޖޭގެ ކުޅުންތެރިންނާއި ޕާކިސްތާން ކުޅުންތެރިންގެ ކޮމްބިނޭޝަން ވަރަށް ރަނގަޅު ކަމަށާއި ދިވެހި ވޮލީ ކުރި އަރާނީ ފެންވަރު ރަނގަޅު ބިދޭސީ ކުޅުންތެރިން ގެނެސްގެންނެވެ.
"ބޭރުގެ ކުޅުންތެރިން ގެނެސްގެން ވީހާވެސް ގިނަ މުބާރާތްތައް ނޫނީ މެޗުތައް ކުޅެންވީ. އެއީ ކުރަންވީ ކަމަކީ. ފުރުސަތު ހޯދައިދިން ވަރަކަށް ކުރިއަރާނީ. ބޭރުގެ ކުޅުންތެރިން ވެސް ގިނަކުރަންވީ އެއީ ވެސް އެއް ގޮތް،" މުރާދު ބުންޏެވެ.
މޯލްޑިވިއަނުން ގައުމީ ލީގު މެޗަކުން ބަލިނުވެ ކާމިޔާބުކުރިއިރު، މުރާދުގެ އިތުރުން އެ ޓީމަށް އެންމެ މޮޅު ކުޅުމެއް ދެއްކީ އައިމަލް އެވެ. މުހިއްމު މެޗުތަކުގައި ތަފާތު ދެއްކީ މި ދެ ކުޅުންތެރިންނެވެ. އެ މެޗުގައި ޕާކިސްތާނު ހަތަރު ކުޅުންތެރިން ވާދަވެރިކަން އެހެން މެޗުތަކަށް ވުރެ ބޮޑަށް ފެނުނެވެ. މި މެޗުން ސިފައިންނަށް ކުޅޭ މުނީރާއި އިދުރީސް ދެ ކުޅުންތެރިންގެ މައްޗަށް ކުރި ހޯދީ އައިމަލް އާއި މުރާދެވެ. ހާއްސަކޮށް މި މެޗުގައި އައިމަލް ދެއްކި ކުޅުން ފާހަގަކުރަން ޖެހެ އެވެ.
ގައުމީ ލީގުގެ ފަހު މެޗުން ސިފައިންނަށް ނާކާމިޔާބީ ކުރިމަތިވުމާ އެކު އެ ޓީމުން ގައުމީ މުބާރާތަށް ނުކުތީ ހުސްއަތާ ސީޒަން ނިންމާ ނުލުމުގެ އުއްމީދުގަ އެވެ. އަދި އެއް ސީޒަނެއްގެ ތިން ތަށި ހޯދައި ސިފައިން ހަދާފައި އޮތް ރެކޯޑާ މޯލްޑިވިއަނުން ހަމަކުރިޔަ ނުދިނުމަކީ ވެސް ޓާގެޓެކެވެ.
ފުރަތަމަ ސެމީގައި މޯލްޑިވިއަން އަތުން ބަލިވި ނަމަވެސް ފައިނަލުގައި ސިފައިން ވަނީ މޯލްޑިވިއަން ބަލިކޮށްފަ އެވެ. މި މެޗުގައި އެންމެ މޮޅު ކުޅުމެއް ސިފައިންގެ ޓީމަށް ދެއްކީ އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) އެވެ. އެހެން ނަމަވެސް އޭނާ އަށް އެހީތެރިވުމުގައި އެންމެ ހިތްވަރުގަދަ ކުޅުމެއް ދެއްކި އަނެއް ކުޅުންތެރިޔަކީ މުނީރެވެ. މުޅި ސީޒަނުގައި ތަފާތު މޮޅަށް ކުޅުނު މުރާދު އަށް ގައުމީ ފައިނަލުގައި އެންމެ ރަނގަޅަށް ނުކުޅެވުނުއިރު، އަނެއް ކޮޅުން މި މެޗު ވެގެންދިޔައީ މުނީރުގެ ކާމިޔާބަކަށެވެ. އަދި ގައުމީ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ވެސް މުނީރް އެވެ.
މޯލްޑިވިއަންގެ އެސިސްޓަންޓް ކޯޗަކަށް މަސައްކަތްކުރާ ކުރީގެ ކުޅުންތެރިޔާ އަދި ތަޖުރިބާކާރު ކޯޗު އިބްރާހިމް ޝިހާމް (ސަޑިއްކެ) ބުނީ ޕާކިސްތާން ކުޅުންތެރިންގެ ކާމިޔާބީ އަކީ އެ ކުޅުންތެރިންގެ ޑިސިޕްލިން ކަމަށެވެ.
"ޕާކިސްތާން ކުޅުންތެރިން ހަގީގަތުތައި މޮޅަށް ކުޅުނީ. އެމީހުންގެ ކާމިޔާބީ އަކީ ޑިސިޕްލިން. ދެން ދިވެހި ކުޅުންތެރިންނާ އެކު އުޅެން ވެސް އެނގޭ. އެންމެ ބޮޑު ކަމަކީ މާ ބޮޑަށް ރުޅިއެއް ނާދޭ. ކޯޗުންގެ ބަސް އަހައިގެން ވަރަށް ބަރާބަރަށް ކުޅޭ ކުޅުންތެރިން ޕާކިސްތާނުގައި ތިބީ،" ސަޑިއްކެ ބުންޏެވެ.