22 ޑިސެމްބަރ 2017 - 11:13

ހުޅުމާލޭގައި މިހާރު އަޅަމުން އަންނަ ފްލެޓްތަކުގައި އަންނަ އަހަރު 9،000 އަށް ވުރެ ގިނަ މީހުން ދިރިއުޅެން ފަށާނެ ކަމަށް، އެޗުޑީސީގެ މައުލޫމާތުތަކަށް ބަލާއިރު، ލަފާކުރެވެ އެވެ.

އެޗްޑީސީން ބުނި ގޮތުގައި މި ސަރުކާރުން އެންމެ ފުރަތަމަ ފެށި ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން އިމާރާތްކޮށް ނިމިފައިވާ 704 ފްލެޓްގައި ދިރިއުޅެން ފަށާނެ ކަމަށް ބެލެވޭ މީހުންގެ އަދަދު 5،000 އާ ކައިރިކުރާނެ އެވެ.

މި އަހަރު ނިމުމުގެ ކުރިން، އެ އިމާރާތްތަކުގައި މީހުން ދިރިއުޅެން ފަށާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ.
މި ފްލެޓްތަކުގެ އިތުރުން ސިފައިންނާއި ފުލުހުންނަށް ހާއްސަކޮށްގެން އިމާރާތްކުރާ 600 ފްލެޓް އަންނަ އަހަރުގެ މެދުތެރޭގައި ނިމޭނެ ކަމަށް ލަފާކުރެވެ އެވެ. އެ ތަންތަނުގައި އުޅޭނެ ކަމަށް ބެލެވޭ މީހުންގެ އަދަދު 4،000 އަށް އަށް ވުރެ ގިނަވާނެ ކަމަށް ލަފާކުރެ އެވެ.
ހުޅުމާލޭގައި މީހުން ދިރިއުޅެން ފެށިތާ 13 އަހަރު ވެފައިވާއިރު އެ އަވަށުގެ އާބާދީ މިހާރު 40،000 އަށް އަރަ އެވެ. ގިނަ ފްލެޓްތަކުގައި އެވްރެޖްކޮށް ހަތް މީހުންނަށް ވުރެ ގިނަ އިން ދިރިއުޅޭނެ ކަމަށް އެޗްޑީސީން ލަފާކުރެ އެވެ.
ސަރުކާރުގެ އެކި މަޝްރޫއުތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކުން ވެސް ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ގިނަ ފްލެޓްތަކެއް އަންނަނީ އިމާރާތް ކުރަމުންނެވެ. އެހެންކަމުން ކުރި އަށް އޮތް އަހަރެއް ނުވަތަ ދެ އަހަރެއްގެ ތެރޭގައި ހުޅުމާލޭގެ އާބާދީ އަށް އެތައް ހާސް ބަޔަކު އިތުރުވާނެ އެވެ.
ހުޅުމާލޭ ދެ ވަނަ ފިޔަވަހީގެ ދަށުން އެ ތަނުގައި ވެސް ގިނަ ހައުސިން ޔުނިޓްތަކެއް އެޅުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. އޭގެ އިތުރުން މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ބިޔަ ޕްރޮޖެކްޓް ވެސް ކުރިއަށް ގެންދަން ނިންމާފައިވަނީ ދެ ވަނަ ފިޔަވަހީގަ އެވެ.
އެ މަޝްރޫއުގެ ދަށުން 80،000 މީހުންނަށް ބޯހިޔާވަހިކަމުގެ ފުރުސަތު ލިބޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
ރައީސް އަބްދުﷲ ޔާމީން މިދިޔަ މަހު ފައްޓަވައިދެއްވި އެ މަޝްރޫއުގެ ދަށުން 25 ބުރީގެ 62 ޓަވަރު އަޅަން ވަނީ ނިންމައިފަ އެވެ. ސަރުކާރުގެ އެކި ކުންފުނިތަކުން އަޅާ އެ ޓަވަރުތަކުގެ މަސައްކަތް 2019 އަހަރު ނިންމައި މީހުން ދިރިއުޅެން ފެށޭވަރު ވާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.