އަނަސްގެ މަރުގެ ދައުވާއަށް ފަސް މީހަކު އިންކާރު، ދިފާއީ ވަކީލުންގެ ސުވާލުތަކެއް
އަނަސްގެ މަރުގެ ދައުވާއަށް ފަސް މީހަކު އިންކާރު، ދިފާއީ ވަކީލުންގެ ސުވާލުތަކެއް

މިދިޔަ ޖުލައި މަހު ލިޓަސް ސާވިސް ސެންޓަރު ތެރޭގައި މަރާލި މުހައްމަދު އަނަސްގެ މަރުގެ ދައުވާ ލިބޭ ފަސް މީހަކު އެ ދައުވާއަށް އިންކާރުކޮށް، ދައުވާއާ މެދު ގިނަ ސުވާލުތަކެއް ކުރިމަތިކޮށްފި އެވެ.

އަނަސްގެ މަރުގެ ދައުވާއަށް ފަސް މީހަކު އިންކާރު، ދިފާއީ ވަކީލުންގެ ސުވާލުތަކެއް
އަނަސްގެ މަރުގެ ދައުވާއަށް ފަސް މީހަކު އިންކާރު، ދިފާއީ ވަކީލުންގެ ސުވާލުތަކެއް

ގްރޫޕަކުން ގޮސް ތޫނު އެއްޗެހިން ހަމަލާދީ އަނަސް މަރާލި މައްސަލާގައި ހަތް މީހަކަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާ ކުރެ އެވެ. އެއީ މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގާއި ތ. ކިނބިދޫ ގުލްފާމުގޭ، މުހައްމަދު ޝާޒާއި ލ. ގަން ތުނޑީ ނަންނާރިގޭ، ޖުނައިހު އަބްދުﷲ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒާއި ދަފްތަރު ނަމްބަރު 1746، ސިމާހް މޫސާގެ އިތުރުން ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާން އަދި މ. ދިމިޝްގު، އުސްމާން ޝަރީފްގެ މައްޗަށެވެ.

ދައުލަތުގެ ދައުވާގައިވާ ގޮތުން އަނަސް އަށް ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވީ ޒަޔާނާއި އުސްމާންގެ އިތުރުން އަފްރާހު އަދި ޝާޒެވެ. އެ ހަތަރު މީހުންނަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ.

ބާކީ ތިބި ސިމާހާއި މަހްފޫޒާއި ޖުނައިހްއަކީ އަނަސްއަށް ހަމަލާދިން މީހުން ގޮވައިގެން އެތަނަށް ސައިކަލުގައި ގޮސް އަދި އެ ހަމަލާއަށް ފަހު އެ މީހުން ގޮވައިގެން ސައިކަލުގައި ދިޔަ ތިން މީހުން ކަމަށް ދައުވާގައިވެ އެވެ. އެހެންވެ އެ މީހުންނަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.

އެ މީހުންނާ ދެކޮޅަށް ސިއްރު ބައެއް ހެކިވެރިންނާއި ވީޑިއޯ ފުޓޭޖާއި ވީޑިއޯ އިމޭޖަސް ރިޕޯޓާއި އެ ހާދިސާ ހިނގި ރޭ ދައުވާ ލިބޭ މީހުން އެކަކު އަނެކަކަށް ކޮށްފައިވާ ފޯން ކޯލްތައް ހިމެނޭ ޗާޓާއި އިންޓެލިޖެންސް ރިޕޯޓާއި ތަހުގީގު ރިޕޯޓެއް ހުށަހަޅާފައިވާ ކަން ދައުލަތުން ވަނީ ހާމަކޮށްފަ އެވެ.

ދައުލަތުން ބުނިގޮތުގައި އަނަސްއަށް ހަމަލާ ދިންއިރު ދައުވާ ލިބޭ ބައެއް މީހުން ތިބީ މޫނު ނިވައި ނުކޮށެވެ. އަދި މޫނު ނިވައިކޮށްގެން ބައެއް މީހުން ތިއްބަސް ވެސް އެ މީހުން ހަމަލާދޭން އައި މަގުމަތީގައި ވަކި ހިސާބަކާ ހަމައަށް ތިބީ ނިވައި ނުކޮށް ކަމަށް ދައުލަތުން ބުންޏެވެ.

މިއަދު ހަވީރާއި މިރޭ ބޭއްވި އެ މައްސަލާގައި އިބްތިދާއީ އަޑުއެހުމުގައި ދައުލަތުން ދައުވާ އިއްވުމުން އޭގެ ތެރެއިން ފަސް މީހަކު ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ. ދައުވާ ލިބޭ މަހްފޫޒްގެ ވަކީލްގެ ޗުއްޓީގައި ހުރުމުންނާއި ދައުވާ ލިބޭ ޒަޔާންގެ ވަކީލް ސަސްޕެންޝަންގައި ހުރުމުން އެ ދެ މީހުންގެ ބައި މިއަދު ކުރިއަކަށް ނުގެންދެ އެވެ.

ދައުވާއަށް އިންކާރުކުރި ބައެއް މީހުން ބުނިގޮތުގައި އެ ހާދިސާ ހިނގިއިރު އެ މީހުން މާލޭގައި ވެސް ނުތިބޭނެ އެވެ. ދައުވާ ލިބޭ އަފްރާހު ބުނީ އެ ހާދިސާ ހިނގި ދުވަސްވަރު އޭނާ އުޅުނީ ރަހުމަތްތެރިންތަކަކާ އެކު ހުޅުމާލޭގައި ކަމަށެވެ. ޖުނައިހް ވެސް ބުނި ގޮތުގައި އަނަސް މަރާލިއިރު އޭނާ މާލޭގައި ނޫޅޭނެ އެވެ. ޝާޒް ބުނީ އޭރު އޭނާ މާލޭގައި ހުއްޓަސް އެ ހާދިސާ ހިނގި ވަގުތު އޭނާ ހުރީ އެހެން ބަޔަކާ އެކު ކަމަށެވެ.

ދައުވާ އަށް އިންކާރުކުރި ފަސް މީހުންގެ ވަކީލުން ވަނީ ދައުލަތުގެ ދައުވާ އާއި އެ މީހުންނާ ދެކޮޅަށް ހުށަހަޅާފައި ހުރި ބައެއް ހެކިތަކާ މެދު ސުވާލު އުފައްދައިފަ އެވެ. އެގޮތުން އެންމެ މައިގަނޑު ކަމެއްގެ ގޮތުގައި ފަސް މީހުންގެ ވަކީލުން ފާހަގަކުރީ އެ ދައުވާކުރާ ގާނޫނުގެ ދަށުން ދައުވާ ކުރަން ޖެހޭ މުއްދަތު ހަމަވި ފަހުން ދައުވާ ކޮށްފައި އޮތުމެވެ.

އެ އެންމެންގެ މައްޗަށް ވެސް ދައުވާކުރަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ ދަށުންނެވެ. އެ ގާނޫނުު ބުނާ ގޮތުން އެ ގާނޫނުގެ ދަށުން ދައުވާކުރާ މައްސަލަތަކުގައި 15 ދުވަހުގެ ތެރޭގައި ދައުވާކުރަން ޖެހެ އެވެ. އެކަމަކު ޚާއްސަ ހާލަތްތަކުގައި ޕްރޮސެކިއުޓާ ޖެނެރަލަށް އެ މުއްދަތު އިތުރުކޮށް ދެވިދާނެ އެވެ.

ފަސް މީހުންގެ ވަކީލުން ބުނީ އެއީ ޚާއްސަ ގާނޫނަކަށް ވާތީ، ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ ދަށުން ދައުވާ ކުރަން އޮންނަ މުއްދަތު އެ މައްސަލައަށް ނުހިނގާނެ ކަމަށެވެ. އެހެންވެ ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގައި ބުނާ 15 ދުވަހުގެ ތެރޭގައި އެ ދައުވާ ކުރަން ޖެހޭނެ ކަމަށާއި އެކަމަކު އެ ދައުވާކުރީ އެ މުއްދަތު ހަމަވިތާ އެތައް ދުވަހެއް ފަހުން ކަމަށް ބުނެ އެ މައްސަލަ ދިފާއީ ވަކީލުން ފާހަގަކުރި އެވެ.

އޭގެ ރައްދުގައި ދައުލަތުން ބުނީ އެ ގާނޫނުގެ ދަށުން ތަހުގީގު ނިންމައި، ދައުވާ ކުރުމުގެ މުއްދަތު އިތުރުކޮށް ދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލަށް ލިބިގެންވާ ބާރުގެ ދަށުން އެ މައްސަލަތަކުގައި ދައުވާ ކުރުމުގެ މުއްދަތު އިތުރުކޮށް ދީފައިވާނެ ކަމަށެވެ. އެކަން ބަންދުގެ މުއްދަތު މަޖިލިސްތަކުގައި ވެސް ބުނެ، އެކަމުގެ ލިޔުން ހުށަހަޅާފައިވާނެ ކަމަށާއި އެ ގާނޫނުގެ ދަށުން އެގޮތަށް އިތުރުކޮށް ދެވޭނެ އެންމެ ދިގު މުއްދަތެއް ނެތް ކަން ދައުލަތުން ފާހަގަކުރި އެވެ.

އެ ގާނޫނުގައި އެގޮތަށް އިތުރުކޮށް ދެވޭނެ އެންމެ ދިގު މުއްދަތެއް ބަޔާން ކޮށްފައި ނެތަސް ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ދައުވާ ކުރުމަށް އޮންނަ 30 ދުވަހުގެ މުއްދަތު ހަމަވުމުން އިތުރު ކޮށްދެވޭ އެންމެ ދިގު މުއްދަތަކީ އިތުރު 30 ދުވަސް ކަން ދައުލަތުން ފާހަގަކުރި އެވެ.

އެހެންވެ، ދައުލަތުން ބުނި ގޮތުގައި އެ ފަސް މީހުންގެ މައްސަލާގައި ވެސް ދައުވާ ކުރުމުގެ މުއްދަތު އިތުރުކޮށް ދިނީ އިޖްރާއާތުގެ ގާނޫނުގައި ބުނާ މިންވަރަށް ވުރެ އިތުރު ނުވާ ގޮތަށެވެ. އެކަން އެގޮތަށް ކުރީ ދައުވާ ލިބޭ މީހުންގެ މަސްލަހަތު ރައްކާތެރި ކުރަން ކަމަށް ވެސް ދައުލަތުން ބުންޏެވެ.

އަނަސްއަށް ބަޔަކު ހަމަލާދީ އޭނާ މަރާލީ އޮޅުމަކުން ކަމަށް ފުލުހުން ބުނެފައިވާއިރު ގަސްދުގައި މީހަކު މެރިކަމުގެ ދައުވާ ކުރަނީ ކީއްވެގެންތޯ ވެސް ވަކީލުން ސުވާލު އުފެއްދި އެވެ. ޖަވާބުގައި ދައުލަތުން ބުނީ އެ މީހުން އެ އަމަލު ހިންގާފައިވަނީ މެރުމުގެ ގަސްދު ނޫން އެހެން ގަސްދެއްގައި ކަމަށް ބެލެވެން ނެތް ކަމަށެވެ. އަދި މަރުވި މީހާއާއަކީ އަސްލު ހަމަލާދޭން ބޭނުންވި މީހާ ކަމަށް ނުވުމަކީ މެރުމުގެ ގަސްދު ނެތްކަން އަންގައިދޭ ސަބަބެއް ނޫން ވެސް ދައުލަތުން ބުންޏެވެ.

ފަސް މީހުންގެ ވަކީލުން ދެން އެންމެ ބޮޑަށް ސުވާލު އުފެއްދީ އެ މީހުންނާ ދެކޮޅަށް ހުށަހަޅާފައިވާ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓާ މެދު އެވެ.، އެއީ ހެއްކެއްގެ ގޮތުގައި ބޭނުން ނުކުރެވޭނެ އެއްޗެއް ރިޕޯޓްތަކުގައި އޮންނަ ކަމަށް ބުނެ އެ ރިޕޯޓް ބަލައި ނުގަނެވޭނެ ކަމަށް ދިފާއީ ވަކީލުން ބުންޏެވެ.

ޖަވާބުގައި ދައުލަތުން ބުނީ އިންޓެލިޖެންސް ރިޕޯޓް ހެއްކެއްގެ ގޮތުގައި ބޭނުން ނުކުރެވޭނެ ކަމަށް ލިޔެފައި އޮންނަ އޮތުމަކީ ހަމައެކަނި އޭގެ މައްޗަށް ބިނާކޮށް ކަންކަން ނުނިންމޭނެ ވާހަކަ ކަމަށެވެ. އެކަމަކު އެހެން ހެކިތަކުން ބާރު ލިއްބައިދޭ ހާލަތުގައި، ގަރީނާއެއްގެ ގޮތުގައި އެފަދަ ރިޕޯޓެއް ބަލައިގަނެވިދާނެ ކަމަށާއި އެ ރިޕޯޓް ހުށަހެޅީ އެ އުސޫލުން ކަމަށް ދައުލަތުން ބުންޏެވެ.

ފުލުހުންގެ ތަހުގީގު ރިޕޯޓް ސިއްރު ކޮށްފައިވާތީ އެކަމާ މެދު ވެސް ދިފައީ ވަކީލުން ޝަކުވާކުރި އެވެ. އެކަމާ ގުޅިގެން ދައުލަތުން ބުނީ އެ ރިޕޯޓް ސިއްރުކުރީ ސިއްރު ހެކިވެރިންގެ މައުލޫމާތު ހާމަވެދާނެތީ ކަމަށެވެ. ސިއްރު ހެކިވެރިންގެ ނަންތައް އުނިކުރުމަށް ފަހު އެ ރިޕޯޓް ދޭން ވަކީލުން އެދުނަސް ދައުލަތުން އެކަމަށް ދެކޮޅު ހެދި އެވެ.

ދައުވާ ލިބޭ މީހުންނަށް ދީފައިވާ ފޮޓޯ ރިޕޯޓް ސާފު ނުވާތީ އެކަމާ މެދު ވަކީލުން ޝަކުވާ ކުރުމުން ދައުލަތުން ވަނީ އެ ތަކެެތި ފޯރުކޮށްދޭނެ ކަމަށް ބުނެފަ އެވެ.

އަންނަ ހަފުތާގެ ނިޔަލަށް އެ ތަކެތި ފޯރުކޮށް ދިނުމުން، ޖަވާބުދާރީވުމަށް އިތުރު ފުރުސަތު ވަކީލުންނަށް ދިނުމަށް ފަހު އެއީ ކުރިއަށް ގެންދެވޭނެ ދައުވާއެއްތޯ ނުވަތަ ނޫންތޯ ކަނޑައަޅާނެ ކަމަށް އެ މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް ވިދާޅުވި އެވެ. އިތުރު އަޑުއެހުމެއް އަންނަ މަހުގެ ފުރަތަމަ ހަފުތާގައި ބާއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އަނަސްގެ މަރާ ގުޅިގެން ކުޑަކުއްޖަކަށް ވެސް ދައުލަތުން ދައުވާ ކުރެ އެވެ. އެ ކުއްޖާގެ ޝަރީއަތް ޖުވެނައިލް ކޯޓުގައި ދަނީ ހިނގަމުންނެވެ.