ވިލާ ކޮލެޖުގެ ސްކޮލަޝިޕްތަކަށް ކުރިމަތިލާން ހުޅުވާލައިފި
ވިލާ ކޮލެޖުގެ ސްކޮލަޝިޕްތަކަށް ކުރިމަތިލާން ހުޅުވާލައިފި

ވިލާ ކޮލެޖުގެ ސްކޮލަޝިޕްތަކަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.

އެ ކޮލެޖުގައި ބޭއްވި ރަސްމިއްޔާތެއްގައި ވަނީ ހަތަރު ދާއިރާއަކުން ސްކޮލަޝިޕްތަކަށް ކުރިމަތިލާން އަންނަ މަހުގެ 18 ވަނަ ދުވަހާ ހަމައަށް ފުރުސަތު ދީފަ އެވެ.

ވިލާއިން ދޭ ސްކޮލަޝިޕްގެ ތެރޭގައި ހިމެނެނީ ވިލާ ކޮލެޖު އޯޕަން ސްކޮލަޝިޕާއި ވިލާ ކޮލެޖު/ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލު ސްކޮލަޝިޕާއި ވިލާ ކޮލެޖު އެލަމްނައި ސްކޮލަޝިޕް އަދި ވިލާ ކޮލެޖު ކޮމިއުނިޓީ އެންގޭޖްމަންޓް ސްކޮލަޝިޕެވެ.

މި ކެޓަގަރީން ހުޅުވާލާފައިވަނީ ޖުމްލަ ތިން ސްކޮލަޝިޕެވެ. އެއީ ފައުންޑޭޝަނާއި ޑިގްރީ އަދި މާސްޓާސްގެ ކޮންމެ ޕްރޮގްރާމަކުން ވެސް އެއް ފުރުސަތެވެ. އެ ދާއިރާތަކުގެ ކޯސްތަކަށް ޝަރުތު ހަމަވާ ކޮންމެ ދިވެއްސަކަށް ވެސް ކުރިމަތިލެވޭއިރު، އެންމެ ބޮޑަށް އިސްކަން ދޭނީ މަތީ ފާސް ހޯދާފައިވާ ދަރިވަރުންނަށް ކަމަށް ބުންޏެވެ.

މިއީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން އޭ ލެވެލް ހަދާ ދަރިވަރުންގެ ތެރެއިން ވިލާ ކޮލެޖުގައި ޑިގްރީ ހަދަން ދޭ ފުރުސަތަކެވެ. މި ސްކޮލަޝިޕް ދޭން ނިންމާފައިވަނީ ދެ ދަރިވަރުންނަށެވެ. ވިލާ އިން ބުނި ގޮތުގައި މި ދާއިރާއިން ސްކޮލަޝީޕަށް ކުރިމަތިލެވޭނީ ވިލާ ހައި ސްކޫލުން އޭ ލެވެލް ނިންމިތާ މަދުވެގެން ދެ އަހަރު ވެފައިވާ ދަރިވަރުންނަށެވެ.

ވިލާ ކޮލެޖުން ކިޔެވުން ނިންމި ދަރިވަރުންނަށް އަމާޒުކޮށްގެން ހުޅުވާލާފައިވާ މި ދާއިރާގައި މާސްޓާސް ފެންވަރަށް ކިޔެވުމަށް އެއް ފުރުސަތާއި ޑިގްރީއަށް ކިޔެވުމަށް އެއް ފުރުސަތު ދެ އެވެ. މި ކެޓަގަރީގެ ސްކޮލަޝިޕަށް ލެވޭނީ އެ ކޮލެޖުން ކުރިން ކިޔަވާފައިވާ ދަރިވަރުންނަށެވެ.

މި ސްކޮލަޝިޕް ދޭނީ ވިލާގެ ބޮޑެތި ކެމްޕަސްތަކުގައި ކިޔަވާ ދަރިވަރުންނަށް ހާއްސަކޮށްގެންނެވެ.

ވިލާ ކޮލެޖުގެ ވައިސް ރެކްޓާ ޑރ. އަލީ ނަޖީބު ވިދާޅުވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އަލަށް ތައާރަފުކުރި ސްކޮލަޝިޕް ޕްރޮގްރާމުން 10 ދަރިވަރުންނަށް ފުރުސަތު ދޭނެ ކަމަށެވެ. ނަމަވެސް ކޮމިއުނިޓީ އެންގޭޖްމަންޓް ސްކޮލަޝިޕަކީ ކެމްޕަސްތަކުގައި ތިބި ދަރިވަރުންގެ އަދަދަށް ބެލުމަށް ފަހު ދޭ ސްކޮލަޝިޕަކަށް ވުމުން، އެ އަދަދަށް ބަދަލު އަންނާނެ ކަމަށް ވިދާޅުވި އެވެ.

ވިލާ ކޮލެޖު ސްކޮލަޝިޕްތައް ހާއްސަކޮށްފައިވަނީ ޖެނުއަރީ އިންޓޭކަށް އެކަންޏެވެ.