ވިލާ ކޮލެޖުގެ ކޯސްތަކަށް އެދުމުގެ މުއްދަތު އިތުރުކޮށްފި
ވިލާ ކޮލެޖުގެ ކޯސްތަކަށް އެދުމުގެ މުއްދަތު އިތުރުކޮށްފި

ވިލާ ކޮލެޖުން އަންނަ މަހު ފަށާ ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު މިއަދު އިތުރުކޮށްފި އެވެ.

އެ ކޮލެޖުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވައިސް ރެކްޓާ ޑރ. އަލީ ނަޖީބު ވިދާޅުވީ ގިނަ ދަރިވަރުންނަށް ފުރުސަތު ދިނުމުގެ ގޮތުން މުއްދަތު އިތުރުކުރީ އަންނަ މަހުގެ 18 އަށް ކަމަށެވެ.

ކުރިން ހަމަޖައްސާފައިވާ ގޮތުން އިއްޔެ އަކީ ކޯސްތަކަށް ކުރިމަތިލެވޭނެ އެންމެ ފަހު ދުވަހެވެ.

ނަޖީބު ވިދާޅުވި ގޮތުގައި އެޑިއުކޭޝަން މިނިސްޓްރީން އަންނަ ބުރާސްފަތި ދުވަހު 2050 ސްކޮލަޝިޕަށް އިއުލާނުކުރާއިރު، އެ ކޮލެޖުން ވީހާ ވެސް ގިނަ ދަރިވަރުންނަށް ފުރުސަތު ދޭން ބޭނުންވާ ކަމަށެވެ. އެހެންވެ ޑިޕްލޮމާ އިން ފެށިގެން މާސްޓާސް ފެންވަރުގެ ކޯސްތަކަށް އެދުމުގެ މުއްދަތު އަންނަ އާދިއްތަ ދުވަހަށް ވަނީ އިތުރުކޮށްފަ އެވެ.

އަންނަ މަހުގެ 18 އާ ހަމައަށް ހުޅުވާލާފައި ވަނީ ސެޓްފިކެޓް ލެވެލް އާއި ފައުންޑޭޝަންގެ ކޯސްތަކަށް ކުރިމަތިލާށެވެ.

ތަފާތު އެކި ދާއިރާތަކުން 83 އަށް ވުރެ ގިނަ ކޯސް ވިލާ ކޮލެޖްގައި އަންނަ ޖެހުއަރީ މަހު ފަށާނެ އެވެ.

އެ ކޯސްތަކުގެ ތެރޭގައި މާސްޓާސް ފެންވަރުގެ ހަތް ކޯހަކާއި ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާގެ ހަތަރު ކޯހަކާއި ޑިގްރީ ފެންވަރުގެ 20 ކޯހަކާއި އެޑްވާންސްޑް ޑިޕްލޮމާ ފެންވަރުގެ ދެ ކޯހެއްގެ އިތުރުން ޑިޕްލޮމާ ފެންވަރުގެ 17 ކޯސް ހިމެނެ އެވެ. މީގެ އިތުރުން ފައުންޑޭޝަން ފެންވަރުގެ 11 ކޯހަކާއި ސެޓްފިކެޓް ލެވެލް ތިނެއްގެ ނުވަ ކޯހެއް ވެސް ކުރިއަށް ގެންދާނެ އެވެ.