18 ޑިސެމްބަރ 2017 - 14:38

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމާއި ނިއު ރޭޑިއަންޓަށް ކުރިން ކޯޗުކޮށްދީފައިވާ ސްރީ ލަންކާ ފުޓްބޯޅައިގެ ވަރުގަދަ ހިދުމަތްތެރިޔާ ޕީ.ޑީ ސިރިސޭނާ އުމުރުން 77 އަހަރުގައި މިއަދު މަރުވެއްޖެ އެވެ.
އޭނާ މަރުވީ ވަރަށް ބޮޑަށް ބަލިވެ އުޅުމަށް ފަހު މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.
ނިއު އަށް ދެ ފަހަރެއްގެ މަތިން ކޯޗުކޮށްދިން ސިރިސޭނާ 1987 ވަނަ އަހަރު ނިއުއާ ހަވާލުވީ ބިދޭސީ ޓީމަކަށް ކޯޗުކޮށްދޭ ފުރަތަމަ ލަންކާ ކޯޗުގެ ގޮތުގަ އެވެ. ނިއުއާ އެކު ތަށްޓެއްގައި އަތްލެވިފައެއް ނުވެ އެވެ. ގައުމީ ޓީމާ ހަވާލުވީ އޭގެ ފަހުންނެވެ.
ނިއުގެ ރޭޑިއަންޓުގެ އޭރުގެ ޗެއާމަން ކުއީން އަހުމަދު ވަހީދު "މިހާރަ"ށް ވިދާޅުވީ ސިރިސޭނާ މަރުވި ހަބަރާ އެކު ވަރަށް ބޮޑަށް ހިތާމަކުރާ ކަމަށާއި އޭނާ އަކީ ނިއު އަށް ގިނަ ހިދުމަތްތަކެއްކޮށްދީފައިވާ ކޯޗެއް ކަމަށެވެ.
"އަޅުގަނޑުމެންނާ އެކު ތަށްޓެއް ނުހޯދުނަސް ވަރަށް ހިދުމަތްކޮށްދިން. ވަރަށް މީހުންނާ ވެސް ގުޅޭނެ. އަޅުގަނޑުމެން އޭނާ ގެނައިއިރު އޭނާ އަކީ ލަންކާގައި އޭރު ހުރި އެންމެ މޮޅު ކޯޗު،" ވަހީދު ވިދާޅުވި އެވެ.
ވަހީދު ވަނީ ސިރިސޭނާއާ ވަރަށް ފަހުން ވެސް ބައްދަލުކޮށްފަ އެވެ. އެކަމަކު އޭރު ވެސް އޭނާ ހުރީ ބަލި ހާލަތުގެ ސަބަބުން ފުޓްބޯޅައާ ދުރުގަ އެވެ.
ލަންކާ ފުޓްބޯޅަ އަށް 75 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާ އިން 2014 ވަނަ އަހަރު އޭނާ އަށް ލައިފްޓައިމް އެޗީވްމަންޓް އެވޯޑްދީފައިވެ އެވެ.
އުމުރުން 16 އަހަރުގައި 1956 އަހަރު ލަންކާގެ ސައުންޑާސް އިން ކެރިއަރު ފެށި ސިރިސޭނާ ވަނީ 1960 ވަނަ އަހަރު ލަންކާ އެފްއޭ ކަޕުގެ ފައިނަލުގައި ހަ ގޯލް ޖަހައިފަ އެވެ. މިއީ އަދިވެސް ރެކޯޑެކެވެ. އޭނާ ވަނީ 1962 ވަނަ އަހަރުން ފެށިގެން ލަންކާ ގައުމީ ޓީމަށް 35 މެޗު ކުޅެދީ ހަތް އަހަރު ކެޕްޓަންކަންކޮށްފަ އެވެ.
ފުޓްބޯޅަ ކުޅުން ހުއްޓާލުމަށް ފަހު އޭނާ ވަނީ ކޯޗިންގެ ތެރެއަށް ވަދެ ލަންކާ ގައުމީ ޓީމަށް ދެ ފަހަރެއްގެ މަތިން ކޯޗުކޮށްދީފަ އެވެ. އަދި ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމް ވެސް ފުރި އެވެ. އޭނާ އަކީ އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އިން ކޯޗިން އިންސްޓްރަކްޓަރަކަށް ހަމަޖެއްސި ލަންކާ ފުރަތަމަ ކޯޗު ވެސް މެ އެވެ.
ރާއްޖޭގެ ފުޓްބޯޅަ ކޮޅަށް ޖެހުމުގައި ލަންކާ ފުޓްބޯޅައިގެ ހިއްސާ ބޮޑެވެ. ސިރިސޭނާގެ އިތުރުން ލަންކާގެ ގިނަ ކުޅުންތެރިންނާއި ކޯޗުން ވަނީ ދިވެހި ފުޓްބޯޅަ އަށް ގިނަ ހިދުމަތްތަކެއްކޮށްދީފަ އެވެ. އޭގެ ތެރޭގައި ނިއު އަށް ކުޅެ ކޯޗުކޮށްދީފައިވާ ސުމިތު ވަލަޕޮލާ ފާހަގަކުރެވެ އެވެ. އޭނާ ވަނީ އަހުމަދިއްޔާ ސްކޫލް ޓީމަށް ވެސް ކޯޗުކޮށްދީ ގިނަ ކުޅުންތެރިންތަކެއް އުފައްދައިފަ އެވެ.