10 ޖުލައި 2016 - 11:43

އީދު ޗުއްޓީއަށް ހދ. ކުމުންދުއަށް ދިޔަ ޒުވާނަކު އެ ރަށު ގޮނޑުދޮށުން 47 ކިލޯގެ މާވަހަރެއް ހޮވައިފި އެވެ.
ކުމުންދޫ އަންހެނަކާ އިނދެގެން އުޅޭ އެ ޒުވާނާއަށް މާވަހަރު ފެނުނީ އޭނާގެ ދަރިފުޅު ގޮވައިގެން އެ ރަށު ބޮޑުމަގުން އުތުރުފަރާތު ގޮނޑުދޮށަށް ފޭބިތަނުންނެވެ.
"މާވަހަރު އޮތް ކަމަށް އޭނާ ބުނަނީ ރާޅުޖަހާ ފަށުގައި. އެއީ މާވަހަރެއް ކަމަށް ޝައްކު ކުރެވިގެން އެއްގަމަށް އަރުވައި މީހުންނަށް ދެއްކީ،" ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުހައްމަދު ވިދާޅުވި އެވެ.
އަމީން ވިދާޅުވީ އެއީ މާވަހަރެއްކަން އަދި މުޅިން ޔަގީން ނުކުރެވުނު ނަމަވެސް ރަށުގެ ގިނަ މީހުން އެއީ މާވަހަރެއް ކަމަށް ބުނާ ކަމަށެވެ. މާވަހަރެއްކަން ޔަގީންކޮށް، އެ ވިއްކާލާނެ ބަޔަކު ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ކުމުންދޫން މީގެ ކުރިން މިހާބޮޑު މާވަހަރެއް ފެނިފައެއް ނުވެ އެވެ. އަމީން ވިދާޅުވީ އީދު ދުވަހު ރަށަށް ލެއްގި މި މާވަހަރުން އެ ރަށަށް އުފާވެރިކަން އައިސްފައިވާ ކަމަށެވެ.
"އެ ހޮވި ކުއްޖާގެ ގޭގައި މާވަހަރު ބާއްވާފައި އޮތީ. ހުރިހާ އުމުރެއްގެ ވަރަށް ގިނަ މީހުން އެބަދޭ ހަމަ މާވަހަރު ބަލާލާހިތުން،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ އެކި ހިސާބުތަކުން އެކި ދުވަސްވަރު މާވަހަރު ހޮވަ އެވެ. ބައެއް މީހުން މާވަހަރު ވިއްކައިގެން މިލިޔަނުން ފައިދާ ހޯދާފައި ވާއިރު ބައެއް މީހުން މާވަހަރު ކަމަށް ހީކޮށް ވިއްކަން އުޅުނު ބައެއް އެއްޗެހި މާވަހަރަށް ނުވެ އުކާލަން ޖެހިފައިވެ އެވެ.