18 ޑިސެމްބަރ 2017 - 13:56

މިހާރު ރާއްޖޭގެ ބޮޑު ބަޔަކަށް ކުރަމުން ދާ ވިއްސާރައިގައި ގދ. ގައްދުއަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

އެ ރަށު ކައުންސިލްގެ މެމްބަރު މުހައްމަދު ލަބީބް ވިދާޅުވީ ކައުންސިލް އިދާރާ އާއި ރަށު ކޯޓު އިދާރާގެ ފުރާޅަށް ލިބުނު ގެއްލުންތަކާ ގުޅިގެން ދެ އިމާރާތަށް ފެން ވަދެ ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް ބޮޑަށް ގެއްލުން ލިބުނީ ކޯޓަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ލަބީބު ވިދާޅުވި ގޮތުގައި ކޯޓު އިމާރާތަށް ލިބުނު ގެއްލުންތަކުގެ ސަބަބުން ޝަރީއަތްތައް މެދުކަނޑާލާން ވަނީ ޖެހިފަ އެވެ. ޝަރީއަތް ކުރިއަށްގެންދާ ކޮޓަރިއާ ދިމާލުން ފުރާޅާއި ސީލިން ނެއްޓި އެތެރެއަށް ފެން ވަދެ، ބައެއް ލިޔެކިޔުންތަކަށް ފެނުގެ އަސަރު ކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
"ކޯޓަށް ބޮޑަށް ގެއްލުން ލިބިފައި ހުރީ. އެހެންވެ ޝަރީއަތްތައް ކުރިއަކަށް ނުގެންދެވޭ،" ލަބީބު ވިދާޅުވި އެވެ.
ރަށުގެ ހަ ގެއަކަށް ފެން ވަދެ އެކި ވަަރުގެ ގެއްލުންތައް ލިބިފައިވާ ކަމުގެ ރިޕޯޓު ކޮށްފައިވާ ކަމަށް ގައްދޫ ކައުންސިލުން ބުންޏެވެ.
"ތިން ގަޑިއިރު ވެއްޖެ ހުއްޓާނުލާ ވާރޭ ވެހޭތާ. ގަޑިއިރެއްގެ ތެރޭގައި ރަށު ތެރޭގައި ފެން ބޮޑުވެއްޖެ،" ލަބީބު ވިދާޅުވި އެވެ.
"އަޑިކޮށް ހުންނަ ދިމާލުގައި އެބަހުރި ފޫޓަކަށް ވުރެ ބޮޑަށް ފެންބޮޑުވެފައި."
ލަބީބު ވިދާޅުވީ ގައްދޫގައި ތިބި ފުލުހުންނާއި އާއްމުން ގުޅިގެން ފެން ހިއްކުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.