18 ޑިސެމްބަރ 2017 - 12:30

އަންނަ އަހަރު އަންނާނެ ރީތި ތާރީޚެއް ކަމަށްވާ އޮގަސްޓް 18، 2018 (18/08/18) އަކީ އާންމު އުސޫލުން ކައިވެނިކޮށް ނުދޭ ދުވަހެއް ކަމަށް ވިޔަސް އެ ދުވަހު ކައިވެނި ކޮށް ދޭ ގޮތަށް ފެމިލީ ކޯޓުން މިއަދު ހަމަޖައްސައިފި އެވެ.
ރީތި ތާރީޚުތަކުގައި ކައިވެނި ކުރުމަކީ ފަހަކަށް އައިސް ރާއްޖޭގައި ކުރަމުން އަންނަ ކަމެކެވެ. އެކަމަކު އަންނަ އަހަރުގެ 18/8/18 ދިމާވީ ހޮނިހިރު ދުވަހަކާ ކަަމަށް ވާތީ، ފެމިލީ ކޯޓުން އިއްޔެ އިއުލާންކުރި ގޮތުން ނަމަ އެ ދުވަހު ކައިވެނިކޮށެއް ނުދޭނެ އެވެ. ފެމިލީ ކޯޓުން އަމަލުކުރާ އުސޫލަކީ އެއްވެސް ހޮނިހިރު ދުވަހެއްގައި އާންމު އުސޫލުން ކައިވެނިކޮށް ނުދިނުމެވެ.
އެކަމަކު ފެމިލީ ކޯޓުން މިއަދު ކުރި އިއުލާނެއްގައި ވަނީ 18/08/18 އަކީ އާންމު އުސޫލުން ކައިވެނި ކޮށްނުދޭ ދުވަހެއް ކަމުގައި ވިޔަސް، އެ ދުވަހު ކައިވެނި ކުރަން ބޭނުންވާ ފަރާތްތަކަށް ކައިވެނި ކޮށްދޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
މީގެ ކުރިން ވެސް ކައިވެނި ކޮށްނުދޭ ދުވަސްތަކާ އަހަރުގެ ރީތި ތާރީޚުތައް ދިމާވުމުން އެ ދުވަސްތަކުގައި ކައިވެނި ކުރެވޭނެ އިންތިޒާމް ފެމިލީ ކޯޓުން ހަމަޖައްސައިދެ އެވެ. އެ ގޮތުން 10/11/12 ދިމާވީ ވެސް ކައިވެނި ކޮށް ނުދޭ ދުވަހަކާ އެވެ. އެކަމަކު ކޯޓުން ފަހުން ވަނީ އެ ދުވަހު ކައިވެނި ކޮށްދީފަ އެވެ.
ފެމިލީ ކޯޓުން އިއްޔެ ކުރި އިއުލާނުގައިވާ ގޮތުން ހޮނިހިރު ދުވަސްތަކުގެ އިތުރުން ރޯދަ މަހުގެ ފުރަތަމަ ދެ ދުވަހާއި ފިތުރު އީދާ ގުޅިގެން އަންނަ ބަންދު ހަތަރު ދުވަހާއި އަޟްހާ އީދާ ގުޅިގެން އަންނަ ބަންދު ހަތަރު ދުވަހު ކައިވެނި ކޮށެއް ނުދޭނެ އެވެ. އެކަމަކު މަގްބޫލު އުޒުރެއް އޮވެގެން އެ ދުވަހު ކައިވެނި ކުރަން ހުށަހަޅައިފި ނަމަ ކައިވެނި ކޮށް ދޭނެ ކަމަށް އެ އިއުލާނުގައިވެ އެވެ.