18 ޑިސެމްބަރ 2017 - 11:41

މޯލްޑިވިއަން 3-1 ސެޓުން ބަލިކޮށް ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކްލަބް ރޭ ހޯދުމާ އެކު ފެނުނީ ސިފައިންގެ ޓީމުގެ އަހުމަދު އަބްދުލްކަރީމް (ލޯންގޭ) ޖާޒީ ބޭލުމަށް ފަހު ސަޕޯޓަރުންނަށް ދައްކާލި މަންޒަރެވެ. މިއީ ފުޓްބޯޅަ ތަރިން ކަމަށްވާ ބާސެލޯނާގެ ލިއޮނަލް މެސީ އާއި ރެއާލް މެޑްރިޑްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް އެއް ފަހަރަކު އުފާފާޅުކުރުމުގެ ގޮތުން ހެދި ގޮތެކެެވެ.

"މިއީ ހަގީގަތުގައި އެއްވެސް މީހެއް ކޮޕީ ކުރުމެެއް ނޫން. މިއީ ދުވަސްތަކަކަށް ފަހު އެނބުރި އައިކަން ތަފާތު ގޮތަކަށް ދައްކާލަން ވެގެން އުފާފާޅުކުރި ގޮތެއް،" އުމުރުން 31 އަހަރުގެ ލޯންގޭ ބުންޏެވެ.
ފާއިތުވި އަހަރުތަކުގައި ލޯންގޭގެ ކުޅުން ދަށްވި އެވެ. ނަތީޖާއެއްގެ ގޮތުން އޭނާ އަށް ގައުމީ ޓީމުގެ ފުރަތަމަ ހަޔަކުން ވެސް އެންމެ ފަހުން ކުޅުނު ދެ ބައިނަލްއަގްވާމީ މުބާރާތުގައި ފުރުސަތު ލިބުނީ މަދު ފަހަރަކު އެވެ. އޭގެ ފަހުން މީޑިއާގައި ދެކެވުނީ ލޯންގޭ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ވިސްނަމުން އަންނަ ވާހަކަ އެވެ.
އޭނާ ބުނީ މި ފަހަރުގެ ކުޅުމާ މެދު ހުރިހާ ގޮތަކުން ވެސް ހިތްހަމަ ޖެހޭ ކަމަށެވެ.
"މި ފަހަރު ކުޅުމާ މެދު ވަރަށް ހިތްހަމަ ޖެހޭ. އަމިއްލަ އަށް ހިތްވަރުކޮށްގެން ކުރިއަށް ދިޔައީއާ ކާމިޔާބުވާނެކަން ފެނުނީ. ހިތްވަރާއި ރަނގަޅު އެޓިޓިއުޑަކީ ކާމިޔާބީގެ ސިއްރު. ތަފާތު ދެއްކޭނީ ހަމައެކަނި ކޯޓު ތެރެއަކު ނޫން ހުރިހާ ގޮތަކުން ވެސް ހިތްވަރު ކޮށްގެން. ދެން ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުން ދޭ ހިތްވަރު އަބަދުވެސް ފާހަގަކުރަން،" ލޯންގޭ ބުންޏެވެ.
ރޭ މޯލްޑިވިއަނުން ނުކުތީ އެސޯސިއޭޝަން ކަޕާއި ގައުމީ ލީގު ކުރުމަށް ފަހު ގައުމީ މުބާރާތް މިލްކުރުމަށް ފަހު ސީޒަނުގެ ތިން ތަށި ކާމިޔާބުކޮށްގެން ސިފައިން ހަދާފައިވާ ރެކޯޑާ ހަމަކުރާށެވެ. އެހެން ނަމަވެސް ލޯންގޭގެ މޮޅު ކުޅުމާ ސިފައިން ރޭ ވަނީ މޮޅުވެފަ އެވެ. މިއީ މި ފަހަރު މޯލްޑިވިއަން އަތުން ސިފައިންނަށް ހޯދުނު ހަމައެކަނި މޮޅެވެ.
ލޯންގޭ ބުނީ މޯލްޑިވިއަން ބަލިކުރުން ސިފައިން ނުކުތީ އެހެން މެޗުތަކަށް ވުރެ ބޮޑަށް ޓީމު ރޫހެއްގައި ކަމަށެވެ.
"ހުރިހާ ކުޅުންތެރިންގެ އަޒުމަކަށްވީ މޯލްޑިވިއަން ތަށި މިލްކުކުރިޔަ ނުދިނުން. މިއީ ހިތްވަރު އެލުވާނުލާ ކުރި މަސައްކަތް. ޓީމު ކުޅުންތެރިން ވެސް މެނޭޖްމަންޓުން ވެސް ވަރަށް އިތުބާރާ އެކު މި މެޗަށް ނުކުތީ. ކެރިގެން ހިތްވަރާ އެކު ނުކުމެފިއްޔާ ވާނެކަން ފެނިގެން އެދިޔައީ،" ލޯންގޭ ބުންޏެެވެ.
އޭނާ ބުނީ ހުސްއަތާ ސީޒަން ނިންމާނުލުމަކީ ސިފައިންގެ އަބަދުވެސް އޮންނަ ޓާގެޓެއް ކަމަށާއި މި ސީޒަނުގައި ވެސް އެކަން ހާސިލްވުމުކީ ކްލަބަށް ވެސް ލިބޭ ކާމިޔާބެއް ކަމަށެވެ.