20 ޑިސެމްބަރ 2017 - 06:14

މިއީ ބޮލީވުޑް ބަތަލާ ކަންގަނާ ރަނާވަތަށް ވަރަށް ބޮޑު ނާކާމިޔާބަކާ ކުރިމަތިވީ އަހަރެކެވެ. މި އަހަރު ނުކުތް ކަންގަނާގެ "ރަންގޫން" އާއި "ސިމްރަން" އަކީ ބޮޑެތި ފްލޮޕްތަކެވެ. ދެ ފިލްމުގައި ކަންގަނާ ދެއްކި ޕާފޯމަންސަށް އެންމެން ތައުރީފުކުރިޔަސް ވިޔަފާރީގެ ގޮތުން ބަލާއިރު ދެ ފިލްމަށް ވެސް ކުރިމަތިވީ ބޮޑު ގެއްލުމަކާ އެވެ.
މިކަމާ ގުޅޭ ގޮތުން އިންޑިޔާގެ ނޫހަކާ ވާހަކަ ދައްކަމުން ކަންގަނާ ބުނީ ފިލްމުތައް ފްލޮޕްވިޔަސް ކުޅެން ލިބޭ ފިލްމުތައް މަދު ނުވާ ކަމަށެވެ. ނަމަވެސް އިޝްތިހާރުތައް ލިބުމުން މަދުވެ ލިބޭ އާމްދަނީ އަށް އޭގެ ނުރަނގަޅު އަަސަރު ކޮށްފައިވާ ކަމަށް ބުންޏެވެ. އެހެންވެ އޭނާ ބުނީ އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް އުފައްދަން ރާވާފައިވާ ރޭވުން ފަސްކޮށްލަން ޖެހިފައިވާ ކަމަށެވެ.
ކަންގަނާ ވަނީ ތިން ފިލްމެއް ކުޅެން ސޮއިކޮށްފަ އެވެ. އޭގެ އިތުރުން މަނާލީން ރީތި ގެއެއް ގަނެ، ޕާލީ ހިލްގައި އޮފީހެއް ވެސް ވަނީ ހުޅުވާފަ އެވެ.
"އަހަރެން މި އުޅެނީ ހާވާޑް ބިޒިނަސް ސްކޫލަށް ކީނޯޓް ސްޕީކަރެއްގެ ގޮތުގައި ވާހަކަ ދައްކަން ދާންވެގެން. އެހެންވީމާ އެހާ އަވަހަށް އަހަރެންގެ ދުވަސް ދިޔައީ ކަމަށް ހީނުކުރާތި،" ކަންގަނާ ބުންޏެވެ.
މީގެ ދުވަސްކޮޅެއް ކުރިން ކަންގަނާ ވަނީ އޭނާ އަމިއްލައަށް ޑައިރެކްޓްކުރާ "ތޭޖޫ" ކިޔާ ފިލްމެއް އިއުލާން ކޮށްފަ އެވެ. ނަމަވެސް މި ޕްރޮޖެކްޓް އެހާ އަވަހަށް ފެށޭނެ ކަމަށް މިހާރަކު ނުބެލެވެ އެވެ. މި ފިލްމު އުފެއްދުމުގެ މަސައްކަތް ކަންގަނާ ފަށާނީ އޭނާ މިހާރު ކުޅެމުން އަންނަ "މަނިކަރްނިކާ: ދަ ކުއީން އޮފް ޖާންސީ" ނިމުމުންނެވެ.
ކަންގަނާ ބުނީ "ސިމްރަން" ފްލޮޕްވުމާ ގުޅިގެން ވަރަށް ގިނަ ކަންކަން ބަދަލުކުރަން ޖެހުނު ކަމަށެވެ. އެެހެންވެ އޭނާ އަދި ބޭނުންވަނީ އެކްޓަރެއްގެ ހައިސިއްޔަތުން އެކަނި މަސައްކަތް ކުރާށެވެ. ޑައިރެކްޓަރެއްގެ ހައިސިއްޔަތުން އޭނާގެ ހުރި ފެންވަރު ބަލާލަން އަދި ދުވަސްކޮޅަކު އިންތިޒާރު ކޮށްލަން ޖެހޭނެ ކަމަށް ކަންގަނާ ބުންޏެވެ.