18 ޑިސެމްބަރ 2017 - 10:28

ލުބްނާންގައި ހުންނަ އިނގިރޭސި އެމްބަސީގައި މަސައްކަތް ކުރާ އިނގިރޭސި ވިލާތުގެ އަންހެން ރައްޔިތެއް ކަމަށްވާ، ރެބޭކާ ޑައިކްސް، 30، ވަގަށް ނެގުމަށް ފަހު މަރާލާފައި އޮއްވާ ފެނިއްޖެ އެވެ.
ލުބްނާން ފުލުހުންނާ ހަވާލާދީ އަލް އަރަބިއްޔާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ރެބޭކާ ވަގަށް ނެގި މީހުން ވަނީ އޭނާގެ އިއްފަތްތެރިކަން ފޭރިގެންފަ އެވެ. އޭގެ ފަހުގައި އޭނާގެ ކަރުގައި ވާގަނޑެއް ބައްދައިގެން މަރައިލުމަށް ފަހު، އޭނާގެ ހަށިގަނޑު މަގުމައްޗަށް އެއްލައިލީ އެވެ. އޭނާގެ ހަށިގަނޑު އެއްލާލާފައި އޮތީ ވެރިރަށް ބައިރޫތާ އަށް ކިލޯމީޓަރު ދުރުގައި އޮންނަ ކުޑަ އަވަށަކަށް ދެވެން އޮންނަ މަގަކަށެވެ.
ފުލުހުން އޭނާގެ ހަށިގަނޑު ހޮސްޕިޓަލަކަށް ގެންދިއުމަށް ފަހު މިހާރު ވަނީ ޕޯސްޓް މޯޓަމް ހަދައިފަ އެވެ. ރެބޭކާ ވަގަށް ނެގި ރޭގެ މެންދަން އޭނާ ހޭދަކޮށްފައިވަނީ ބައިރޫތުގެ ނައިޓް ކްލަބްތަކާއި ރެސްޓޯރަންޓްތައް އެންމެ ގިނަ ސަރަހައްދުގެ ތެރޭގަ އެވެ.
ބައެއް މީޑިއާތަކުން ބުނާ ގޮތުގައި ރެބޭކާ ވަގަށް ނެގި ކަމަށް ބެލެވެނީ މިދިޔަ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. އޭނާގެ ހަށިގަނޑު ފެނިފައިވަނީ އާދީއްތަ ވިލޭރެ އެވެ. ލުބްނާންގެ ކަމާ ބެހޭ ފަރާތްތަކުން ބުނާ ގޮތުގައި ރެބޭކާގެ މަރަކީ ސިޔާސީ މަގްސަދެއްގައި ކުރި ކަމެއް ކަމަކަށް ނުބެލެވެ އެވެ.
ރެބޭކާ ލުބްނާނަށް އައިސް އިނގިރޭސި އެމްބަސީގެ ވަޒީފާއާ ގުޅުނީ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އޭނާ އިނގިރޭސި ޚާރިޖިއްޔާގައި މަސައްކަތް ކުރާ މިއީ ހަތް ވަނަ އަހަރެވެ.