ކަކާގެ ވިދުންގަދަ ކެރިއަރަށް ނިމުން ގެނެސްފި
ކަކާގެ ވިދުންގަދަ ކެރިއަރަށް ނިމުން ގެނެސްފި

ސައޮ ޕޯލޯ (ޑިސެމްބަރު 18) – ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިއޮނަލް މެސީ ފިޔަވައި މިދިޔަ 10 އަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ހަމައެކަނި ކުޅުންތެރިޔާ ކަމަށްވާ ބްރެޒިލާއި އޭސީ މިލާނުގެ ލެޖެންޑް ކަކާ ފުޓްބޯޅަ ކުޅުން ހުއްޓާލައިފި އެވެ.

ކަކާގެ ވިދުންގަދަ ކެރިއަރަށް ނިމުން ގެނެސްފި
ކަކާގެ ވިދުންގަދަ ކެރިއަރަށް ނިމުން ގެނެސްފި

އޭނާ މި ނިންމުން އިއްޔެ ނިންމީ ބައެއް ކްލަބްތަކުގެ ހުށަހެޅުން ވެސް ލިބިފައިވަނިކޮށެވެ. ބެލެވޭ ގޮތުގައި އޭނާ ދެން ފެންނާނީ ކުރީގެ ކްލަބް މިލާނުގެ ޑިރެކްޓަރެއްގެ ގޮތުންނެވެ. ކަކާ އެންމެ ފަހުން ކުޅުނީ އެމެރިކާގެ މޭޖާ ލީގުގެ އޮލޭންޑޯ ސިޓީ އަށެވެ.

އުމުރުން 35 އަހަރުގެ ކަކާ ބުނީ ފުޓްބޯޅަ ކެރިއަރުގައި މި ހާސިލްކުރެވުނީ އޭނާ ހިޔާލަށް ވެސް ނާންނަހާ ގިނަ ކާމިޔާބީތަކެއް ކަމަށާއި މިހާރު އަނެއް ދަތުރަށް ތައްޔާރު ކަމަށެވެ.

ބޯޅަ ހިފައިގެން ދުވާ ދުވުމަށާއި ގޯލް ޖެހުމަށާއި އަދި އުފެއްދުންތެރި ކުޅުން ކުޅުމުގައި އެފަދަ ދެ ވަނައެއް ނެތް ފަދަ ކަކާ ކެރިއަރު ފެށީ ބްރެޒިލްގެ ސައޮ ޕޯލޯ އިންނެވެ. އެ ޓީމުގައި ދެއްކި މޮޅު ކުޅުމާ އެކު 2003 ގައި މިލާނަށް ގެނަ އެވެ. އެ ޓީމުގައި އަންދްރޭ ޕިރްލޯ އާއި ކްލަރެންސް ސީޑޯފް ފަދަ ކުޅުންތެރިންނާ އެކު މޮޅު ކުޅުމެއް ދައްކައި ދެ ފަހަރު ޗެމްޕިއަންސް ލީގު އުފުލާލި އެވެ. މިލާނުން 2007 ގައި އެ މުބާރާތް ކާމިޔާބުކުރިއިރު އެންމެ ބޮޑު ތަފާތެއް ދެއްކީ އޭނާ އެވެ. އެ އަހަރު ބެލޮންޑިއޯ އެވޯޑް އޭނާ ހޯދި އިރު އޭގެ ފަހުން އެވޯޑް ހުސް ހޯދަމުން އަންނަނީ ރޮނާލްޑޯ އާއި މެސީ އެވެ.

އޭނާ 2009 ވަނަ އަހަރު ބޮޑު އަގުގައި ރެއާލް މެޑްރިޑަށް ގެންދިޔަ ނަމަވެސް އަނިޔާ އާއި އެހެނިހެން މައްސަލަތަކާ ހެދި ކުރީގެ ކުޅުން ނުދެއްކުނެވެ. އެ ކްލަބުގައި ހަތަރު އަހަރު ހޭދަކުރުމަށް ފަހު އެނބުރި މިލާނަށް އައިސް އެއް ސީޒަން ކުޅުނެވެ. އެއަށް ފަހު ބަދަލުވީ އެމެރިކާ ލީގަށެވެ.

ބްރެޒިލް ގައުމީ ޓީމަށް 2002 އިން 2016 އަށް 92 މެޗު ކުޅެދީފައިވާއިރު ކަކާ ވަނީ އެ ޓީމާ އެކު 2002 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕާއި 2005 އަދި 2009 ވަނަ އަހަރު ކޮންފެޑެރޭޝަންސް ކަޕް ހާސިލްކޮށްފަ އެވެ.