18 ޑިސެމްބަރ 2017 - 10:22

ރާއްޖެ އާއި ޗައިނާ އިން ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ)ގައި ސޮއިކުރި ނަމަވެސް އަވައްޓެރި އިންޑިއާއާ އެކު އޮންނަ ގުޅުމަށް ބުރުލެއް ނާރާނެ ކަމަށް ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ރޭ ވިދާޅުވެއްޖެ އެވެ.
އެފްޓީއޭގައި ރާއްޖެ-ޗައިނާ ސޮއިކުރުމުން އަންނާނެ ބަދަލުތަކާ ގުޅޭ ގޮތުން އިންޑިއާގެ ޓީވީއެއްގައި ބޭއްވި ޕެނަލް ޑިސްކަޝަންގައި އިންޑިއާގެ އަސްކަރިއްޔާ ބޭނުންކޮށްގެން ނަމަވެސް ރާއްޖޭގެ މިހާރުގެ ވެރިކަން ބަދަލުކޮށް، "ކަންކަން ހަމަޔަކަށް އަޅުވަން ޖެހިފައިވާ" ކަމަށް އިންޑިއާގެ ތަޖުރިބާކާރަކު ވަނީ ބުނެފަ އެވެ. ނަމަވެސް އެއީ އިންޑިއާ ސަރުކާރުގެ ރަސްމީ ބަހެއް ނޫނެވެ.
ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި އާސިމް ވިދާޅުވީ ޗައިނާއާ އެކު ވީ ރާއްޖޭގެ އިގްތިސާދީ ތަރައްގީއަށް ވަރަށް މުހިންމު އެއްބަސްވުމެއް ކަމަށެވެ.
"މިއީ އަޅުގަނޑުމެން އެހެން ގައުމުތަކާ އޮންނަ ގުޅުމަށް އެއްވެސް ބުރުލެއް އަރާނެ ކަމެއް ނޫން. ނޫނީ އަރަން ޖެހޭ ކަމެއް ވެސް ނޫން. ހާއްސަކޮށް އަޅުގަނޑުމެންގެ އަވައްޓެރި އިންޑިއާއަށް ބަލައިލާ ކަމުގައިވާ ނަމަ އެއީ ވަރަށް ޒަމާންވީ، ވަރަށް ގާތް ގުޅުމެއް އޮންނަ ގައުމެއް،" އާސިމް ވިދާޅުވި އެވެ.
ތަފާތު ދާއިރާތަކުން އިންޑިއާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ އިރު، އޭނާ ވިދާޅުވީ، އިންޑިއާއަކީ ރާއްޖެއަށް މުހިންމު ގައުމެއް ކަމަށެވެ.
"އިންޑިއާ އަކީ އަޅުގަނޑުމެންނަށް ތަފާތު ގިނަ ގުނަ އެހީތަކެއް ވެދެމުން އަންނަ ގައުމެއް. އޭގެ ތެރޭގައި ކިތަންމެ ބޮޑު ކަމެއް ދިމާވިޔަސް. އޭގެ ތެރޭގައި ނޮވެމްބަރު 3 އަޅުގަނޑުމެންނަށް ބަލާލެވިދާނެ. އަދި އެހެން އިތުރު އެހީއަކަށް ބޭނުންވިޔަސް އިންޑިއާއިން އަންނަނީ އަޅުގަނޑުމެންނަށް އެހީތެރިވެދެމުން،" މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭގެ އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ ރައްޔިތުންގެ މަޖިލިހުން އަވަސް އަރުވާލައިގެން އެފްޓީއޭ އަށް ހުއްދަދިނީ އެއްވެސް ދިރާސާއެއް ކުރުމެއް ނެތި ކަމަށެވެ. އަދި އެއީ ޗައިނާ އަށް ރާއްޖެ ވިއްކާލުމުގެ އަމަލެއް ކަމަށްވެސް އިދިކޮޅު މެމްބަރުން ވިދާޅުވެ އެވެ.
ނަމަވެސް ސަރުކާރުން ބުނެފައި ވަނީ އެފްޓީއޭއަކީ "ހަމައެއްލަމައެއް ނެތި" ވިޔަފާރިތަކަށް ހުއްދަ ދިނުން ނޫން ކަމަށެވެ. އެފްޓީއޭގައި ރާއްޖެ އަށް ގެއްލުން ވާނެ އެއްވެސް ކަމެއް ނުހިމެނޭނެ ކަމަށާއި ބޮޑަށް ފައިދާވާނީ ރާއްޖެ އަށް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ވިދާޅުވެފަ އެވެ.