ރާއްޖެ މިދަނީ ހަނގުރާމައިގެ ނުރައްކަލަކަށް ހުޅުވިގެން: ނަޝީދު
ރާއްޖެ މިދަނީ ހަނގުރާމައިގެ ނުރައްކަލަކަށް ހުޅުވިގެން: ނަޝީދު

ރާއްޖެ ހަނގުރާމައިގެ ނުރައްކަލެއްގެ ތެރެއަށް ހުޅުވިގެންދާ ކަމަށާއި އެގޮތަށް ކަންކަން ނުކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީނަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.

ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލިސް ހިސޯރުކޮށް، މެމްބަރުން މަޖިލީހަށް ވަނަނުދީ ހިފެހެއްޓުމަށް ފަހު، ރާއްޖޭގެ އަވައްޓެރިން ކަންބޮޑުވެ، ނުތަނަވަސްވާނެ އެންމެހާ ކަންކަން ރައީސް ޔާމީން ކުރައްވަމުން ގެންދަވާ ކަމަށެވެ. އެހެންކަމުން އެފަދަ ކަންކަން ނުކުރެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.

"ރާއްޖެ މި ދަނީ ހަނގުރާމައިގެ ނުރައްކަލަކަށް ހުޅުވިގެން. މިހެން ނުހެއްދެވުމަށް ރައީސް ޔާމީނަށާއި ސަރުކާރުގެ އެންމެ ބޭފުޅުން އަރިހުން އެދެން،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އެހެން ވިދާޅުވިއިރު، ރާއްޖޭން ޗައިނާއާ އެކު ސޮއިކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅޭ ގޮތުން އިންޑިއާގެ އަމިއްލަ ބައެއް ތަޖުރިބާކާރުން ގެންދަނީ ރާއްޖެއާ މެދު ފިޔަވަޅު އަޅަން ގޮވާލަމުންނެވެ. އެކަމަކު އަނެއް ބަޔަކު ބުނަނީ ޑިޕްލޮމަސީ ބޭނުންކޮށްގެން މައްސަލަ ހައްލުކުރުމަށެވެ.

އިންޑިއާގެ ޓީވީއެއްގައި ދާދި ފަހުން އޮތް ޕެނަލް ޑިސްކަޝަނެއްގައި ސަލާމަތީ ތަޖުރިބާކާރެއް ކަމަށްވާ ބާރަތު ކަރުނާދް ބުނެފައި ވަނީ އިންޑިއާގެ އަސްކަރިއްޔާ ބޭނުންކޮށްގެން ނަމަވެސް ރާއްޖޭގެ މިހާރުގެ ވެރިކަން ބަދަލުކޮށް، "ކަންކަން ހަމަޔަކަށް އަޅުވަން ޖެހިފައިވާ" ކަމަށެވެ. އޭނާ ބުނި ގޮތުގައި ރައީސް ޔާމީނަކީ ރީތި ގޮތުގައި ވާހަކަ ދައްކައިގެން ކަންކަން ހައްލުކުރެއްވޭނެ ބޭފުޅެއް ނޫނެވެ.

ރާއްޖެ އާއި ޗައިނާގެ ގުޅުން ވަރަށް ބޮޑަށް ބަދަހިކޮށް، ހާއްސަކޮށް އިންޑިއާގެ ކަނޑުގައި ޗައިނާގެ ބާރު ގަދަކުރާތީ އިންޑިއާ އިން ކަންބޮޑުވެ އެވެ.

ސަރުކާރަށ ނިސްބަތްވާ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ވިދާޅުވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ބޭނުންވެފައި ހުރި ކަންކަން ސަރުކާރުން ފުރިހަމަކޮށްދޭތީ އެކަން ހަޖަމް ނުކުރެވިގެން އަވައްޓެރި ގައުމުތަކާއި ދުރު ގައުމުތަކުން މައްސަލަ ޖަައްސާ ކަމަށެވެ.

ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވަނީ އިންޑިއާގެ ނަން ފާހަގަނުކޮށް އެކަމަކު އެ ގައުމަށް އިޝާރާތް ކުރައްވައި އިންޑިއާ އިން ރާއްޖެއާ މެދު އިންތިހާއަށް ހިތްނުތަނަވަސްވެފައިވާ ކަމަށް ވިދާޅުވެފަ އެވެ.