18 ޑިސެމްބަރ 2017 - 00:19

ގައުމީ ވޮލީބޯޅަ ތަށި މިލްކުކުރަން ނުކުތް މޯލްޑިވިއަން ސްޕޯޓްސް އެންޑް ރިކްރިއޭޝަން 3-1 ސެޓުން ބަލިކޮށް ސީލައިފް ގްލޯބަލް 49 ވަނަ ގައުމީ ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކްލަބް މިރޭ ހޯދައިފި އެވެ.

މިއީ ސީޒަނުގެ އެސޯސިއޭޝަން ކަޕާއި ގައުމީ ވޮލީބޯޅަ ލީގުގެ ޗެމްޕިއަން މޯލްޑިވިއަން މި ސީޒަނުގައި ބަލިވި ދެ ވަނަ މެޗެވެ. އެސޯސިއޭޝަން ކަޕުގައި ސީލައިފް ސްޕޯޓްސް ކްލަބް އަތުން ބަލިވި ފަހުން އެ ޓީމު މިރެޔާ ހަމަޔަށް ބައްޔެއް ނުކުރެވެ އެވެ. މިހާތަނަށް ސީޒަނެއްގައި ތިން މުބާރާތް ކާމިޔާބުކުރި ހަމައެކަނި ޓީމުގެ ޝަރަފް އޮތް ސިފައިންގެ ޓީމުން، އެ ޝަރަފް މޯލްޑިވިއަނަށް ދިޔަނުދީ ހިފެހެއްޓުމުގައި މިރޭ އެންމެ މުހިއްމު ދައުރެއް އަދާކުރީ އަހުމަދު އަބްދުލްކަރީމް (ލޯންގޭ) އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރެ ކޯޓުގައި ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ދެ ސެޓު ސިފައިން ގެންގޮސްފައިވަނިކޮށް މޯލްޑިވިއަނުން ސެޓެއް ގެންދިޔަ އެވެ. އެކަމަކު ހަތަރު ވަނަ ސެޓު ކާމިޔާބުކޮށް ސިފައިން ވަނީ، ރާއްޖޭގެ އެންމެ ޝަރަފްވެރި ވޮލީބޯޅަ ތަށި އުފުލާލައިފަ އެވެ. ސެޓުތައް ދިޔައީ 25-23، 25-21، 18-25 އަދި 25-22 އިންނެވެ.
ފުރަތަމަ ސެޓު ފަށައިގެން ސިފައިންގެ ޓީމުން ލީޑު ނެގި ނަމަވެސް މޯލްޑިވިއަނުން މަޑުމަޑުން މެޗުގެ ތެރެއަށް ވަނެވެ. އަދި ސިފައިން 19 ޕޮއިންޓުގައި އޮއްވާ މޯލްޑިވިއަން އިން އެއްވަރު ވެސް ކުރި އެވެ. ސިފައިން އަލުން ލީޑު ނަގާފައިވަނިކޮށް މޯލްޑިވިއަން އިން 23-25 އިން އަނެއްކާ ވެސް އެއްވަރުކުރި އެވެ. އެކަމަކު ސިފައިން ވަނީ ފަހު ވަގުތު ސެޓު ނަގައިފަ އެވެ.
ދެ ވަނަ ސެޓު ފަށައިގެން ސިފައިންގެ ޓީމުން ބޮޑު ލީޑެއް ނެގި އިރު މި ސެޓު ފަސޭހަކަމާ އެކު 25-21 އިން ކާމިޔާބުކުރި އެވެ. ތިން ވަނަ ސެޓު ކާމިޔާބުކޮށް ސިފައިންނަށް މެޗު ލިބެން އޮތް ނަމަވެސް މި ސެޓު ދިޔައީ ވަރަށް ވާދަވެރިކޮށެވެ. ފުލުފުލުގައި ޕޮއިންޓްތައް ހޯދަމުން ގޮސް ސެޓުގެ މެދަކާ ހަމައިން މޯލްޑިވިއަން ކުރިއަށް ޖެހިލި އެވެ. އެއާ އެކު ގޮސް މޯލްޑިވިއަން ވަނީ 25-18 އިން ސެޓު ކާމިޔާބުކޮށްފަ އެވެ.
ހަތަރު ވަނަ ސެޓުގައި ކުރި ހޯދީ ސިފައިންނެވެ. އެކަމަކު މޯލްޑިވިއަން ފަހަތުން އަރައި 14-14 އިން ހަމަކުރި އެވެ. އަދި ލީޑު ވެސް ނެގި އެވެ. އެކަމަކު ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ސިފައިންގެ ލޯންގޭގެ މޮޅު ކުޅުމާ އެކު ސިފައިންގެ ޓީމުން ހިތްވަރުކޮށް، އަލުން ކުރި ހޯދައި ސެޓު ކާމިޔާބުކުރި އެވެ. ސެޓު ގެންދިޔައީ 25-22 އިންނެވެ.
ސިފައިންގެ ކޯޗު މުމްތާޒް އަލީ ބުނީ ސީޒަނުގެ ތެރޭގައި މޯލްޑިވިއަން އަތުން އެކި ނަތީޖާތަކުން ސިފައިން ބަލިވެފައިވާ ކަމަށާއި އެހެންވެ މިރޭ ނިންމީ ހިތްވަރުކުރަން ކަމަށާއި ކާމިޔާބީގެ ސިއްރަކީ ހިތްވަރު ކަމަށެވެ.
"އަނެއްކާ އެއް ސީޒަނެއްގައި ތިން މުބާރާތް ކާމިޔާބުކުރި ހަމައެކަނި ޓީމަކީ ސިފައިން. އެހެންވެ އެ ރެކޯޑް އެހެން ޓީމަކަށް ހެދިޔަނުދޭން ސިފައިންގެ ކުޅުންތެރިން ތިބީ ވަރަށް ބޮޑު އަޒުމެއްގައި. އަޅުގަނޑުމެން ވަރަށް ބޮޑަށް ތައްޔާރުވިން މުބާރާތަށް. ދުރާލާ ފުވައްމުލަކުގައި ކޭމްޕްކޮށް މަސައްކަތްކުރިން،" އޭނާ ބުންޏެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މޯލްޑިވިއަންގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އެވެ. އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔަކަށް ހޮވުނީ ސިފައިންގެ ޓީމަށް ކުޅުނު ޕާކިސްތާން ގައުމީ ޓީމުގެ ތަރި މުނީރު ޚާނެވެ.