ރިޔަން، ކޮންސަލްޓެންސީ ދިނުމުގައި އެންމެ ކުރީގައި
ރިޔަން، ކޮންސަލްޓެންސީ ދިނުމުގައި އެންމެ ކުރީގައި

ދައްކަން މިއުޅެނީ ރާއްޖޭގެ އެންމެ ދުވަސްވީ އެއް ކޮންސަލްޓެންސީ ކުންފުނީގެ ވާހަކަ އެވެ. މަދު ބަޔަކާ އެކު، އާދައިގެ ގޮތަކަށް ފެށި މަސައްކަތް ކާމިޔާބުވެ، ބޮޑު ކުންފުންޏަކަށް ބަދަލުވެގެން ދިޔަ ކާމިޔާބީގެ ވާހަކަ އެވެ. އަދި މިއަދު އެ ކުންފުނިން ހޯދަމުން އަންނަ ކުރިއެރުންތަކާއި ކުރަމުން އަންނަ މަސައްކަތްތަކުގެ ވާހަކަ އެވެ.

މިއީ މީގެ 20 އަހަރު ކުރިން، 1997 ގައި އުފެއްދި "ރިޔަން" ގެ ވާހަކަ އެވެ. ކޮންސަލްޓެންސީ ނުވަތަ އެކިއެކި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ލަފާދިނުމުގެ އިތުރުން ވެސް މިހާރު އެ ކުންފުނީގެ ވިޔަފާރި ވަނީ އެހެން ދާއިރާ ތަކަށް ވަރަށް ބޮޑަށް ފަތުރާލައިފަ އެވެ. އެގޮތުން ޔޫރަޕްގެ މަޝްހޫރު ސޯލާ ޕެނަލް އުފައްދާ ސްވިމް ސޯލް އަދި ރާއްޖޭގެ އެތައް އިމާރާތެއްގައި ހަރުކޮށްފައިވާ ސެންޔޯ އާއި އައި.އެފް.އީ ބްރޭންޑްގެ ލިފްޓްތަކަކީ ވެސް ރިޔަންގެ ދަށުން ހިންގަމުން އަންނަ ކޮންޓެކް ޕްރައިވެޓް ލިމިޓެޑުން ކުރާ މަސައްކަތްތަކެވެ.

ރިޔަންގެ މަސައްކަތްތަކުގެ ފެންވަރާއި އިތުބާރު އެންމެ ބޮޑަށް ފާހަގަވާނީ ބޭރުގެ ބޮޑެތި ބޭންކްތަކުން ރާއްޖޭގައި ހިންގާ ޕްރޮޖެކްޓްތައް ވެސް އެ ކުންފުންޏަށް ހަވާލު ކޮށްގެން ކާމިޔާބު ކަމާއި އެކު ނިންމާފައިވާތީ އެވެ. އެގޮތުން އެ ކުންފުނިން ވަނީ އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) އާއި ވޯލްޑް ބޭންކް އަދި އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކްގެ ޕްރޮޖެކްޓްތަކަށް ލަފާ ނުވަތަ ކޮންސެލްޓެންސީ ވެސް ދީފަ އެވެ. މީގެ އިތުރުން އދ.ގެ ޕްރޮޖެކްޓަކުގައި ވެސް ރިޔަން އިން ބައިވެރިވެފައި ވުމަކީ އެ ކުންފުނީގެ މަސައްކަތްތަކުގެ ކޮލިޓީ ރަމްޒުކޮށްދޭ ކަމެކެވެ. އަދި ރާއްޖޭގައި ކޮށްފައިވާ ބޮޑެތި ރިސޯޓް އިންވެސްޓްމަންޓް ތަކަށް ވެސް ތަފާތު ދާއިރާތަކުން ކޮންސަލްޓެންސީ ދެމުން ގެންދެ އެވެ.

"ރިޔަން އުފެދުނު އިރު ކޮންސަލްޓަންސީއަކީ މި ރާއްޖޭގައި އުފެދިފައިވާ ދާއިރާއަކަށް ނުވާތީވެ، ގިނަ ޕްރޮޖެކްޓްތަކުގެ ކޮންސަލްޓަންޓުންނަކީ ރާއްޖެއިން ބޭރުގެ ކުންފުނިތައް. މިހާރު ބޭރުގެ ކޮންސަލްޓިން ފާމްތަކާ އެއް ހަމައެއްގައި ރިޔަން އިން މިދަނީ ރާއްޖޭގައި ކޮންސަލްޓެންސީ ދެމުން. ވޭތުވެދިޔަ 20 އަހަރުގެ ތެރޭގައި މިދާއިރާއިން ކިޔަވައިގެން އައި ގިނައަދަދެއްގެ ދިވެހިކުދިން އުފައްދާ ތަޖުރިބާ ހޯދާފައިވަނީ ވެސް ރިޔަން އިން،" އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު އިބްރާހިމް ހަމީޒު ވިދާޅުވި އެވެ.

- ޕޯޓްސް އެންޑް ކޯސްޓަލް އިންޖިނިއަރިން

- ޑިޒައިން އެންޑް ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންސަލްޓެންސީ ފޯ ރިޒޯޓް ޑިވެލޮޕްމަންޓް

- ވޯޓާ އެންޑް ސެނިޓޭޝަން ޑިވެލޮޕްމަންޓް

- ޕްލޭނިން އެންޑް ސޯސިއޯ-އިކޮނޮމިކް ސްޓަޑީސް

ބޭރު ފަރާތްތަކުގެ އިތުރުން ރާއްޖޭގެ ބޮޑެތި ކުންފުނިތަކުގެ މަސައްކަތްތަކުގައި ވެސް ރިޔަން އިން ވަނީ ލަފާ ދީފަ އެވެ. އޭގެ ތެރޭގައި ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގެ ހިއްކުމުގެ މަސައްކަތާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މަޝްރޫއުތައް ހިމެނެ އެވެ. އަދި ގަން އިންޓަނޭޝަނަލް އެއާޕޯޓްގެ ޑިޒައިން ރިވިއު ކުރުމާއި އެ ތަނުގެ ބިން ހިއްކުމާއި ކޯސްޓަލް ޕްރޮޓެކްޝަން މަސައްކަތްތައް ސްޕަވައިޒް ކުރަމުން ދަނީ ވެސް ރިޔަންއިންނެވެ.

މަދު ބަޔަކާ އެކު މަސައްކަތް ފެށި ނަމަވެސް މިއަދު ރިޔަންގައި ގިނަ އަދަދަކަށް މުވައްޒަފުން އެބަތިއްބެވެ. ކޮންމެ މުވައްޒަފަކީ ވެސް އެ މީހެއްގެ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކޮށްފައިވާ، ތައުލީމީ އަދި ގާބިލް މީހެކެވެ.

ރިޔަން އިން ދެކޭ ގޮތުގައި އެ ކުންފުނީގެ ކާމިޔާބީގައި ވެސް އެންމެ ބޮޑަށް ހިއްސާ ވަނީ ހީވާގި މުވައްޒަފުންނެވެ. ރިޔަންގެ އިސްވެރިންގެ އުންމީދަކީ، ރާއްޖޭން ބޭރުގެ ކުންފުނިތަކާ އެއްހަމައެއްގައި ހިދުމަތް ދިނުމެވެ. އަދި އެ ކުންފުނީގެ ވިޔަފާރި މިހާރަށް ވުރެ ވެސް ފުޅާކޮށް، އިތުރު ވިޔަފާރިތަކާ ދިމާލަށް ދިއުމެވެ.