19 ޑިސެމްބަރ 2017 - 06:58

މައިކްރޮސޮފްޓް ވިންޑޯޒް އޮޕަރޭޓިން ސިސްޓަމާ އެކު ޒާތްޒާތުގެ ސޮފްޓްވެއާ ބަންޑެލިކޮށްފައި ހުރެ އެވެ. މިއީ ސެކިޔުރިޓީ މާހިރުން ވަރަށް ރުޅިއަރާ ކަމެކެވެ. ޑިވެލޮޕަރުން ވެސް ރުހޭ ކަމެއް ނޫނެވެ.
ސެކިޔުރިޓީ މާހިރުން ދެކޭ ގޮތުގައި، ވިންޑޯޒްއާ އެކު "ތާޑްޕާޓީ" އެޕްލިކޭޝަންތައް ހިމެނުމަކީ ނުރައްކާތެރިކަމެކެވެ. ވިންޑޯޒް ބޭނުންކުރާ މީހުންނަށް ގެއްލުމެއް ލިބިދާނެ ކަމެކެވެ. އެކަހަލަ ހާދިސާއެއް ދާދި މިދާކަށް ދުވަހު ވެސް ހިނގައިފި އެވެ.
ވިންޑޯޒް 10 ޑިޖިޓަލް ކޮޕީތަކެއް ޑިވެލޮޕަރުންނަށް ލިބުނުއިރު، ސަލާމަތީ ފެންވަރު ދަށް އެޕްލިކޭޝަނެއް ހިމަނާފައި ވާތީ ވަނީ ފެނިފަ އެވެ. އެ އެޕްލިކޭޝަނަށް ކިޔަނީ "ކިޕާ" އެވެ. ބޭނުމަކީ ޕާސްވޯޑްތައް މެނޭޖްކުރުމެވެ. ކީޕާގައި ހުރި ބަލިކަށިކަމާ ބެހޭ ގޮތުން އެންމެ ފުރަތަމަ ވާހަކަދެއްކީ ގޫގުލްގައި މަސައްކަތްކުރާ އޮމާންޑީ އެވެ. އޭނާ ވަނީ ޑިވެލޮޕަރުން ސަމާލުކުރުވާފަ އެވެ.
އޮމާންޑީ ބުނި ގޮތުގައި، ކީޕާގައި ހުރި ބަލިކަށިކަމާ އެކު ވިންޑޯޒް 10 ހެކަރުންނާ ހަމައަށް ދިޔަ ނަމަ، ބޮޑު ގެއްލުމަކަށް ވާނެ އެވެ. އަދި އެކަމުން ރަނގަޅު ފިލާވަޅެއް މައިކްރޮސޮފްޓަށް ލިބޭނެ ކަމަށް ވެސް ބުންޏެވެ.
މައިކްރޮސޮފްޓް އޮފިޝަލަކު ބުނީ އޮމާންޑީ ދިން ނަސޭހަތާ ގުޅިގެން، ކީޕާގައި ހުރި ދޯހަޅިކަން ޑިވެލޮޕަރުން ރަނގަޅުކޮށްފައިވާ ކަމަށެވެ. އެހެންކަމުން ވިންޑޯޒް 10ގެ އެ ކޮޕީ އާންމުންނާ ހަމައަށް ދާނީ ރައްކާތެރިކަމާ އެކު ކަމަށް އޭނާ ބުންޏެވެ.
މައިކްރޮސޮފްޓުން އެހެން ބުނި ނަމަވެސް، ޑިވެލޮޕަރުންނަށް އޮތް ކަންބޮޑުވުމަކީ، ވިންޑޯޒް އޮޕަރޭޓިން ސިސްޓަމާ އެކު ކޫސަނި ސޮފްޓްވެއާ އެޕްލިކޭޝަންތައް ހިމެނުމެވެ. މައިކްރޮސޮފްޓުން ކިތަންމެ މޮޅަށް ވިންޑޯޒް ކޯޑްކުރި ނަމަވެސް، ވިންޑޯޒްއާ އެކު ހިމަނާ އެޕްލިކޭޝަނެއްގެ ސަބަބުން، ބޭނުންކުރާ މީހުންގެ އިތުބާރު ގެއްލުމަކީ ދެރަކަމަކަށް ވާނެ އެވެ.