ގްރީޒްމަން އަށް ފްރާންސް މޮޅުކޮށްދެވޭނެ: އޮންރީ
ގްރީޒްމަން އަށް ފްރާންސް މޮޅުކޮށްދެވޭނެ: އޮންރީ

ލިޔޯން، ފްރާންސް ( ޖުލައި 10) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ޕޯޗުގަލް އަތުން ފްރާންސް މޮޅުކޮށްދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާނެ ކުޅުންތެރިއަކީ އެންޓޮއިން ގްރީޒްމަން ކަމަށް އެ ޓީމުގެ ކުރީގެ ފޯވާޑް ތިއަރީ އޮންރީ ބުނެފި އެވެ.

މި މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ އެއް ވަނައިގައި ގްރީޒްމަން އޮތީ ހަ ލަނޑު ޖަހައިގެންނެވެ. އޮންރީ ބުނީ ގްރީޒްމަން މި މުބާރާތުގައި ދައްކަމުން އަންނަ މޮޅު ކުޅުމަށް ތައުރީފު ހައްގުވާ ކަމަށެވެ.

"ގްރީޒްމަން އަކީ ކޮން ފެންވަރެއްގެ ކުޅުންތެރިއެއްކަން އޭނާ ސާބިތުކޮށްދީފި. ޒިނެދިން ޒިދާން އާއި މިޝެލް ޕްލެޓިނީ ފަދަ ކުޅުންތެރިންނާ ގްރީޒްމަންއާ އަޅާކީދާނެ މިހާރު. އެއީ އެ ފެންވަރު އެބަހުރިކަން އޭނާ އެ ދަނީ ސާބިތުކޮށްދެމުން،" 25 އަހަރުގެ ގްރީޒްމަންއާ ބެހޭގޮތުން އޮންރީ ބުންޏެވެ.

އޮންރީ ބުނީ 2000 ވަނަ އަހަރަށް ފަހު ފުރަތަމަ ތަށި ހޯދަން ފްރާންސް އިން މިރޭ ޕޯޗުގަލްއާ ދެކޮޅަށް ކުޅޭއިރު މެޗުގެ ތަފާތު ދައްކާނެ ކުޅުންތެރިއަކަށް ގްރީޒްމަން ވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

"ޕޯޗުގަލްގައި ދުނިޔޭގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި ކުޅުންތެރިއަކު (ރޮނާލްޑޯ) ހުރުމަކީ އެ ޓީމަށް ލިބޭ އެޑްވާންޓޭޖެއް. ރޮނާލްޑޯ އަކީ ކޮންމެ މެޗެއް ބަދަލުކޮށްލެވޭފަދަ މޮޅު ކުޅުންތެރިއެއް. އެކަމަކު އަހަރެން ދެކޭ ގޮތުގައި މިރޭގެ ފައިނަލުގައި ފްރާންސަށް ތަފާތެއް ގެންނާނެ ކުޅުންތެރިއަކީ ގްރީޒްމަން،" އޮންރީ ބުންޏެވެ.

ޕޯޗުގަލް އާއި ފްރާންސް ބައްދަލުކުރާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މިރޭ ފަށާނީ ރާއްޖެ ގަޑިން 00:00 ގަ އެވެ.